ކުޅުދުއްފުށި ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފެށުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

އެ ހިދުމަތާއެކު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދޭނެއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ މިއަދު ރަސްމީކޮށް ހުޅުވުނު ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން އަހަރަކު 64،000 މީހުނަށް ހިދުމަތް ދެވޭނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތް ފެށުނު ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަސްރޫއުގެ ދަށުން ހިމެނޭކަމެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ފާއިތުވި އެއް އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން އެހެން ހޮސްޕިޓަލް ތަކަށް ފޮނުވާފައި ވެ އެވެ.

މިގޮތަށް ފޮނުވާފައިވާ ގިނަ މީހުންނަކީ ޗާޓަރު ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓުން ރެފާ ކުރެވިފައިވާ ބަލިމީހުންކަމަށް ހެލްތް މިނިސްޓްރީއިން ބުންޏެވެ.

އެގޮތަށް ފޮނުވާއިރު ޗާޓަރު ފްލައިޓް އިން ފޮނުވާ ކޮންމެ ބަލިމީހަކަށް 12،5600 ރުފިޔާ ހަރަދުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ. އަދި ޝެޑިއުލްޑް ފްލައިޓް އިން ފޮނުވާ ނަމަ 14،966 ރުފިޔާ ހަރަދުވާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެވްރެޖްކޮށް ދުވާލަކު 305 ބަލިމީހުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާއިރު ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ހިދުމަތް ހޯދައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްހޯދުމަށް ހދ، ހއ އަދި ށ އަތޮޅުން ބަލިމީހުން ދާއިރު ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެއެވެ.

comment ކޮމެންޓް