އިދިކޮޅުން ޖޭޕީއަށް މެމްބަރުން ދިޔައީ މުނިފޫހިފިލުވަން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް ޔާމީނާ އެކު -- ސަންފޮޓޯ ފަޔާޒު މޫސާ

އިދިކޮޅުގައި ތިބި މެމްބަރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)އާ ގުޅިވަޑައިގަތީ މުނިފޫހިފިލުވުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އިސް ބައެއް މެމްބަރުން ދާދި ފަހުން ވަނީ ސިޔާސީ ކުރިމަގު އޮތީ ޖޭޕީގައި ކަމަށް ބުނެ، އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

އެކަމަ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ޖޭޕީ އަކީ ސިޔާސީ މަސައްކަތް ކުރުމަށް ދާން އެންމެ ރަނގަޅު ޕާޓީއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް "އެހެން ކަހަކަ މަގުސަދެއް ހާސިލު ކުރުން" ދިޔުން ރަނގަޅު ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ސިޔާސީ މަސައްކަތް ކުރުމަށް ރާއްޖޭގައި އޮތީ ދެ ޕްލެޓްފޯމެއް. އެއީ ޕީޕީއެމް-ޕީއެންސީގެ ޕްލެޓްފޯމާއި އެމްޑީޕީގެ ޕްލެޓްފޯމް. އެނޫން ޕްލެޓް ފޯމެއް އޮތް ކަމަށް ގަބޫލެއް ނުކުރަން،" އަދުރޭ ވިދާޅުވިއެވެ.

"މާ ބޮޑު މަސައްކަތެއް ނެތުމުން މުނިފޫހިފިލުވާލަން ދިޔަ ދިޔުމެއް ކަމަށް އަޅުގަނޑު ސިފަ ކުރަނީ. ގާސިމްއަކީ ވަރަށް ހިތްހެޔޮ ދީލަތި ބޭފުޅެއްވީމަ، އެމަނިކުފާނާއެކު ރިސޯޓްތަކަށް ވަޑައިގެން އަރާމުކޮށްލަން ކަމަށް އަޅުގަނޑު ސިފަ ކުރަނީ،"

މިދޭތެރެއިން އަދުރޭވެސް ޖޭޕީއާ ގުޅީވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އަދުރޭ އަވާހަކަތައް ދޮގު ކުރެއްވިއެވެ. އަދުރޭ ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ވަރަށް "ހިތްހެޔޮ ދީލަތި" ބޭފުޅެއް ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތް ކުރުމަށް އެ ޕާޓީއަށް ނުދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑެއް ނުގެންދެވޭނެ [ޖޭޕީ އަށް]. ހަތެރެސްފައިގައި ބިޑި އަޅުގައި ހޭނައްތައި، ގަދަކަމުން ސޮއި ކުރިވިޔަސް ހޭ އަރާފައި ބިޑީ ނައްޓާހާ އަވަހަކަށް އަޅުގަނޑު ހުންނާނީ މިތާގައި [ޕީޕީއެމް-ޕީއެންސީގައި]." އަދުރޭ ވިދާޅިވިއެވެ.

މޯލްޑްވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރުމާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ، އެ ޖަމިއްޔާ ސަސަޕްނެޑް ކުރުމުން ނުފުދޭ ކަމަށާއި އެ ޖަމިއްޔާ އުވާލަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް