ޗައިނާގެ ރައީސް އިންޑިއާ އަށް ވަޑައިގެންފި

ޗައިނާގެ ރައީސް ޝީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ---

ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާ އަށް ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސްގެ އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ނުރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް މޯދީ އާއި ޝީ ވަނީ ޗައިނާގައި ބައްދަލު ކުރައްވައިފައެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ އިން ގުޅުން ބަދަހިކޮށް، ޓެރަރިޒަމް އާއި ދެކޮޅަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ޗައިނާ-އިންޑިއާ ބޯޑަރުގެ މައްސަލާގައިވެސް މޯދީ އާއި ޝީ މަޝްވަރާ ކުރައްވާނެއެވެ.

މިފަހަރުގެ ދަތުރުފުޅުގައި މޯދީ އާއި ޝީ ބައްދަލު ކުރައްވާނީ ޗެންނާއީގައެވެ. އެ ބައްދަލުވުމާއެކު ޗައިނާ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ އާއި ޝީ ބައްދަލު ކުރައްވާއިރު އިންޑިއާ އާއި ޗައިނާގެ ގުޅުން އޮތީ ގޯސްވެފައެވެ. ޗައިނާގެ ރައީސް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އާއެކު ދާދިފަހުން ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ކަޝްމީރު މައްސަލާގައި ޗައިނާ އިން ޕާކިސްތާނަށް ވާގިވެރިވާނެ ކަމަށް ޝީ ޖިންޕިން ވިދާޅުވުމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ވަނީ އެގައުމުގެ ދާހިލީ ކަންކަމާ ނުބެހުމަށް ގޮވާލާ ބަޔާނެއްވެސް ނެރެފައެވެ.

comment ކޮމެންޓް