ޔޫއޭއީ ވަޒީރުގެ ބައްދަލުވުމުގައި މާރިޔާގެ ދަރިކަލުން ބައިވެރިކުރުމުން ފާޑުކިޔުން

މިނިސްޓަރު މާރިޔާ ޔޫއޭއީގެ އިންޓާނަލް މިނިސްޓަރާ ބައްދަލު ކުރައްވާއިރު އަރިހުގައި ދޮށީ ދަރިކަލުން --- ފޮޓޯ: ޔޫއޭއީގެ އިންޓީއިއާ މިނިސްޓްރީ/ ޓްވިޓާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވިއިރު އަރިހުގައި ދޮށީ ދަރިކަލުން ބައިވެރިކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރު ސައިފް ބިން ޒައިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ވީޑިއޯ އާއި ފޮޓޯ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އާންމުކޮށްފައިވާ އިރު، އޭގެއިން ފެންނަ ގޮތުގައި މާރިޔާގެ އަރިހުގައި ޖެހިގެން އިންނަވަނީ އެކަމަނާގެ އެންމެ ދޮށީ ދަރިކަލުންނެވެ.

މި ވީޑިއޯ އާންމުވުމާއެކު ރަސްމީ ދަތުރުފުޅެއްގައި ދަރިކަލުން ބައިވެރި ކުރެއްވީ ކީއްވެތޯ އަދި ދެ ގައުމެއްގެ ވަޒީރުންގެ ބައްދަލުވުމެއްގައި ދަރިކަލުން ބައިވެރިކުރެއްވީ ކީއްވެތޯ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިނިސްޓަރާ ގެންދަނީ ސުވާލު ކުރަމުން އެވެ. އަދި ބައެއް ފަރާތްތަކުން ބުނަނީ، ވަޒީރުގެ ހައިސިއްޔަތުން ބާއްވާ ބައްދަލުވުމެއްގައި އާއިލާގެ ފަރާތްތައް ބައިވެރި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މާރިޔާގެ ދަރިކަލުން ހުންނަވަނީ ސަރުކާރުގެ މަގާމެއްގައި ތޯވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ވަޑައިގެންނެވީ، މި މަހުގެ 6-10 އަކަށް ޔޫއޭއީގެ ދުބާއީގައި ބޭއްވި "ޖިޓެކްސް ޓެކްނޮލަޖީ ވީކް" އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިނިސްޓަރުގެ ބައްދަލުވުމުގައި ދަރިކަލުން ބައިވެރިކުރުމުން ސުވާލުތަކާއި ފާޑުކިޔުން މިނިސްޓަރު މާރިޔާއަށް އަމާޒުވެފައި ވަނިކޮށް މިއަދު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުބާއީއަށް ވަޑައިގަތުމާއި އެ ދަތުރުގެ އެއްވެސް ކަމަކާ ގުޅޭ ހަރަދެއް ދިވެހި ސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ސަރުކާރާ ގުޅުން ހުރި ދަތުރެއް ނޫން ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ޖިޓެކްސް 2019 އަށް ކުރި ދަތުރުގެ ދެކޮޅު ދަތުރު ހަރަދު، ކެއުން، ހުރުން މިއިން އެއްވެސް ކަމަކަށް ދައުލަތުން އެއްވެސް ފައިސާއެއް ހަރަދު ކޮށްފައެއް ނުވާނެ. އަދި އާއިލާ މެންބަރަކަށްވެސް ދައުލަތުން ހަރަދުކޮށްފައެއް ނުވާނެ، އަދި މި ދަތުރުގެ އެއްވެސް ކަމެއް ފެސިލިޓޭޓު ކުރީކީވެސް ސަރުކާރަކުން ނޫން،" މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

comment ކޮމެންޓް