އެމްޑީއެން މީހުން މަގާމުން ވަކިކުރުމަށް ގޮަވާލާ ލިޔުންތަކެއް މިސްކިތުގައި ބަހައިފި

އިސްލާމީ މަރުކަޒަށް ބަޔަކު ހުކުރަށް ގޮސް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އަށް ނިސްވަތްވާ މީހުން ސަރުކާރުގެ މަގާމުތަކުގައި ތިބި ކަމަށާއި އެ މީހުން ވަކިކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް މިއަދުގެ ހުކުރު ނަމާދަށް ފަހު މާލޭގެ ބައެއް މިސްކިތްތަކުގައި ބަޔަކު މީހުން ލިޔުންތަކެއް ބަހައިފި އެވެ.

އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން ބައެއް މީހުން ދަނީ އެ ޖަމްއިއްޔާއާ ދެކޮޅަށް އަޑު އުފުލައި، އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުން އެވެ.

އެމްޑީއެންއާ ދެކޮޅަށް ލިޔުންތައް ބަހަފައިވަނީ، މިއަދު ހުކުރު ނަމާދުން މީހުން ފޭބި ވަގުތު އިސްލާމީ މަރުކަޒާއި އަދިވެސް މާލޭގެ އެހެން މިސްކިތްތަކުގަ އެވެ. އެމްޑީއެންގެ ރިޕޯޓާ މެދު ދިވެހިން ކަންބޮޑުވާން ޖެހޭ ސަބަބުތައް ބަޔާންކޮށްފައިވާ އެ ލިޔުން، ބެހީ ކޮން ބައެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ލިޔުންތަކުގައި، ވަނީ އެމްޑީއެން ރިޕޯޓާ މެދު ކަންބޮޑުވާން ޖެހޭ ހަ ސަބަބެއް ބަޔާންކޮށްފަ އެވެ. އެގޮތުން މާތްﷲ ވޮޑިގެންވާކަމަށް އިންކާރުކޮށް، ކީރިތި ގުރުއާނަކީ ފްލޯކު ވާހަަކަ ހިމެނޭ ފޮތެއް ކަމަަށް ދޭހަވާ ގޮތައް ރިޕޯޓުގައި ގައި ލިޔެފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބެހި ލިޔުންތަކުގައި ބުނެފައިވެ އެވެ. ޖުމްލަ ގޮތެގައި އެ ލިޔުމުގައި ފާހަގަ ކޮށްފައި ހުރި ނުގުތާތަކުގައި ބުނެފައިވަނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް އިހާނެތިކޮށް ރިޕޯޓުގައި ލިޔެފައިވާ ކަމަށާއި އެއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށެވެ.

"މިފަދަ ފަސާދަ ބޮޑު ރިޕޯޓެއް ލިޔެ ތައްޔާރުކުރި ޖަމިއްޔާއަށް ނިސްބަތްވާ އަދި އެ ރިޕޯޓުގައި ޝާއިރުކުރި އިރު އެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާގެ ވެރިންނަށް ތިބި މީހުން ދިވެހި މުސްލިމުންގެ ބައިތުލްމާލުން މުސާރަ ލިބޭ މަގާމުތަކުގައި ތިބުމަކީ ދިވެހިން ދެކޮޅު ހަދާނެ ކަމެއް،" މިސްކިތްތަކަށް އެޅި ލިޔުންތަކުގައި ބުނެފައިވެ އެވެ.

މިއަދު މިސްކިތްތަކުން ބެހި ލިޔުންތައް ---

ލިޔުމުގައި ބުނީ، އެ ޖަމިއްޔާގެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒުކޮށް ދިވެހި މުސްލުމުންނަށް އިންސާފު ލިބެންޖެހޭ ކަމަށެވެ.

ސަރުކާރުން އިއްޔެ ވަނީ، އެ ޖައްމިޔާ ވަގުތީ ގޮތުން ސަސްޕެންޑްވެސްކޮށްފަ އެވެ. އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިދިޔަ ހޮނިހިރު ފުލުހުން ވަނީ ބުނެފަ އެވެ. އަދި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި ދެއްވާފަ އެވެ.

comment ކޮމެންޓް