ލަންކާގައި ޕައިލެޓުކަން ކިޔަވާ ދިވެހި ކުދިންގެ "ފިޔަ ކޮށާލާފައި"

ޕައިލެޓް ދަރިވަރުން އެމްބަސީގައި --

މިދިޔަ އެޕްރީލް މަހު އަވައްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. ކުއްލި ހާލަތު އިއުލާންކޮށް، ސަލާމަތީ ބާރުތަކުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގިއެވެ. އެއާކު އެގައުމުގައި ދިރުއުޅޭ ކަމާ ނުބެހޭ 15،000 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށްވެސް އުނދަގޫތަކެއް ޖެހުނެވެ. އެ ތަކްލީފް ޖެހުނު އެއްބަކީ، ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރުން އެވެ.

ބޮމުގެ ހަމަލާތަކަށް މިހާރު ހަތް މަސް ދުވަސް ވެފައިވާއިރު، އަދިވެސް އެ ދިވެހި ކުދިން ތިބީ "ފިޔަ ކޮށާލާފައި" އެވެ. އެ ދުވަހަށް ފަހު ޕައިލެޓް ޓްރޭނިންއަށް އުދުހުމުގެ ހުއްދަ ދިވެހި ކުދިންނަށް ދީފައެއް ނުވެ އެވެ. މިދިޔަ އޮގަސްޓް މަހު ކުއްލި ހާލަތު އުވާލާ މިހާރު ގައުމު ވަނީ އާންމު ހާލަތަކަށް އައިސްފަ އެވެ. އެކަމަކު ދިވެހި ކުދިންނަށް ކުރިމަތިވެފައިވާ ހާލަތަށް ބަދަލެއް ނާދެ އެވެ.

"ކުރިން އަމަލު ކުރަމުން އައި އުސޫލުން ޕޮލިސް ރިޕޯޓެއް ހުށަހެޅުމުން ތިން މަސް ދުވަސް ތެރޭ، ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން، ދެމުން އަންނަ ނޭޝަނަލް އައިޑެންޓިޓީ ކްލިއަރެންސް (ނައިބީ) ލިބޭނެ. އެ ލިބުނީމާ ފްލައިން ޓެސްޓްތައް ހެދެނީ. ނަމަވެސް ބޮމުގެ ހަލަމާތަކަށްފަހު، ކްލިއަރެންސް ދިނުން ހުއްޓާލި،" ފްލައި ކުރުމަށްޓަކައި ހޯދަން ޖެހޭ ކްލިއަރެސްއާ ގުޅޭގޮތުން ލަންކާގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރަކު ބުންޏެވެ.

އޭނާ ބުނީ، ކްލިއަރެންސް ދިނުން ހުއްޓާލީ ހަމައެކަނި ދިވެހި ކުދިންނަށް ކަމަށާއި ލަންކާއާއި އެހެން ގައުމުތަކުގެ ކުދިންނަށް މިހާރުވެސް ކްލިއަރެންސް ދެމުން އަންނަ ކަމަށެވެ. އަދި ދެތިން ފަހަރެއްގެ މަތިން ކްލިއަރެންސް ދެމުން އަންނަ ގޮތް ބަދަލު ކުރި ކަމަށް އޭނާ ބުންޏެވެ.

"ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނަނީ، ޑިފެންސް ރިޕޯޓެއް ހޯދުމަށް. އެތަށްފަހަރަކު އެމްބަސީގައި އެދިގެން ޑިފެންސް ރިޕޯޓް ހޯދުމުން ދެން އަނެއްކާ ބުނަނީ އިންޓެލިޖެންސް ރިޕޯޓެއް ހޯދުމަށް،" ކްލިއަރެސް ދޭ ގޮތް ބަދަލު ކުރަމުން އަންނަ ކަމަށް ބުނެ އޭނާ ބުންޏެވެ.

ލަންކާގައި ހަތް ކޮލެޖަކުން ދިވެހި 39 ކުދިން މިހާރުވެސް ޕައިލެޓް ކޯސް ފުރިހަމަ ކުރަމުންދެ އެވެ. އޭގެ ތެރެއިން ކުރިން ކްލިއަރެންސް ހޯދައިފައިވާ 16 ދަރިވަރެއްގެ ކްލިއަރެންސްގެ ރެސްޓްރިކްޝަން އުވާލި ނަމަވެސް މިހާރުވެސް ކްލިއަރެންސް ނުލިބޭ 23 ދިވެހި ދަރިވަރުން އެބަ ތިބި އެވެ.

އެމްބަސީގައި އާދޭސް ކުރަނީ، ހައްލެއް ނުލިބޭ!

ދިވެހި ދަރިވަރުން ސަފީރާ ބައްދަލުކުރައްވަނީ: ދަރިވަރުން ބުނަނީ އެމްބަސީގެ އެއްބާރުލުން ނުލިބޭ ކަމަށް ---

ޕައިލެޓުކަން ކިޔަވާ ދަރިވަރުން ބުނާ ގޮތުގައި، ކަންބޮޑުވުންތައް ހިއްސާކޮށް ލަންކާގައި ހުންނަށް އެމްބަސީގެ ވެރިންނާ އެތައް ފަހަރަކު ބައްދަލުކުރި ކަމަށެވެ. ނަމަވެސް ހަތް މަސްވީއިރު އަދިވެސް ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ނާންނަ ކަމަށް އެ ދަރިވަރުން ބުނެ އެވެ.

"އެންމެފަހުން ބައްދަލުކޮށްފައިވެސް ބުނިން، ކޮންމެ ދުވަހަކު އާ ލިޔުމެއް ހޯދަން ޖެހުނީ ދެ ފަރާތައްވެސް އުދަނގޫ ވާނެ ކަމަށް. އެހެންވީމަ އެމްބަސީގެ ފަރާތުން ސިވިލް އޭވިއޭޝަންއާ މަޝްވަރާކުރުމަށްފަހު ކަނޑައެޅިފައިވާ ވަކި ޕްރޮސީޖާއެއްގެ އޮންނަ ގޮތައް،" އެމްބަސީއާ ބައްދަލު ކުރި ކުއްޖަކު ބުންޏެވެ.

އޭނާ ބުނީ، ދިވެހި އެމްބަސީގެ ފަރާތުން ދާދި ފަހުން ޑިފެންސްގެ ލިޔުމެއް ކަމަށް ބުނެ، ލަންކާގެ ސިވިލްއޭވިއޭޝަނަށް ފޮނުވައިފައިވާ ލިޔުމުގެ މައްސަލަވެސް ބޮޑު ވެފައިވާ ކަމަށެވެ.

"އެމްބަސީން ސޮއިކޮށްފައި ސިވިލްއޭވިއޭޝަންނަށް ފޮނުވައި އޮތް ލިޔުމުގައި ބުނެފައި އޮންނަނީ ދިސް އިޒް ފުރޮމް ޑީފެންސް އޭ. އިޓްސް ކްލިއާޑްއޭ. އެ މީހުން [ސިވިލްއޭވިއޭޝަން] ހީކުރާނެ ދޯ މިއީ މަކާރާ ހީލަތް ހެދުން ކަަމަށް، އެމްބަސީން ޑިފެންސްގެ ލިޔުމެއް ކަމަށް ބުނެ އެދަ ލިޔުމެއް ފޮނުވުން. އެކަން ވެސް ބޮޑު އިޝޫ އަކަށްވި،" އޭނާ ބުންޏެވެ.

ލަންކާގެ ޑެޕިއުޓީ އެމްބަސަޑަރު އަސްލަމް ޝާކިރު "ސަން" އަށް ވިދާޅުވީ، އެފަދަ ލިޔުމަކާ ގުޅޭގޮތުން އެއްޗެއް ބުނާކަށް ނޭނގޭ ކަމަށާއި ނަމަވެސް ކްލިއަރެންސް ހޯދުމަށް އެމްބަސީން ކުރަންޖެހޭ މައްސައްކަތް ކުރަމުންދާ ކަމަށެވެ.

"ބެކްގްރައުންޑް މައުލޫމާތު ޕްރޮސެސް ކުރަން ނަގާ ވަގުތެއް ނަގަނީ...އެމްބަސީގެ ރޯލަކީ، މާލޭ ކޮޅުން ފޮނުވާ ލިޔުންތައް ސިވިލްއޭވިއޭޝަނަށް ދިނުން. މާލޭއިން ކްލިއަރެންސް ލިބޭހާ އަވަހަކަށް އަޅުގަނޑުމެން އެ ލިޔުންތައް ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް ފޮނުވަމުންދާނަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އެ މައްސަލަ ކުރިމަތިވެގެން އުޅޭނީ ދިވެހިންނަށް އެކަނި ނޫން ކަމަށާއި އެގައުމުގައި ދިރިއުޅޭ ޕައލެޓުކަން ކިޔަވާ އެހެން ގައުމުތަކުގެ ކުދިންނަށް ވެސް އެފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކްލިއަރެންސް ދިނުމުގައި ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބަލަން ޖެހޭ ބެލުންތައްވެސް ހުންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެއްއަހަރާއި ހަ މަސް ބޭކާރުވަނީ!

ދަރިވަރުން ބުނިގޮތުގައި ކްލިއަރެންސް ނުލި ލަސްވުމުގެ ސަބަބުން ކޯހުގެ މުއްދަތުވެސް ދިގުލައިގެންދާ ކަމަށެވެ. އެގޮތުން އަނެއްކާވެސް އިތުރަށް އެއްއަހަރާއި ހަ މަސް ކިޔެވުމަށް ހޭދަކުރަން ޖެހިފައިވާ ކަމަށް އެކުދިން ބުނެ އެވެ.

"މިތާގައި ގިނައީ ސްޓޫޑޭންޓް ލޯނުގައި ކިޔާވާ ކުދިން. އިތުރު ދުވަސްތައް މިތާގައި ތިބެން ޖެހުމުން އިތުރު ހަރަދު ހިނގާނެ. ކުދިން ބޭނުންވަނީ ލޯނުގެ މުއްދަތު އިތުރުކޮށް، އިތުރުވާ ދުވަސްތަކައް ފައިސާ،" ޕައިލެޓްކަން ކިޔަވާ ކުއްޖަކު ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "ސަން" އަށް ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ލަންކާގައި ޕައިލެޓްކަން ކިޔަވާ ކުދިންނަށް ކްލިއަރެންސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ލޯނުގެ މުުއްދަތު އިތުރުކޮށް، އިތުރު ފައިސާ ދިނުމަށް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކޮށް މީހަކުކޮށްފައިވާ ޕޯސްޓެއް --

ޕައިލެޓް ކޯސް ހަދާ ދަރިވަރުންގެ ކޯހުގެ މުއަދަތު އިތުރުވާތީވެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވެސް ބުނީ، އެ ކޯސް އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، ކިޔެވުން ފުރިހަމަކުރަން އިތުރު ފައިސާއެއް ހަރަދުވާ ނަމަ އެ ފައިސާ ހަމަޖައްސާނީ ދަރިވަރުން އަމިއްލަ އަށް ކަމަށް ބަޔާނުގައި ބުނެ އެވެ.

ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން ބުނީ، މިހާރު ޕައިލެޓުކަން ކިޔަވަން ތިބި ގައުމާ މެދު އެ މީހުންގެ ކަންބޮޑުވުމެއް އެއްވެސް އިރެއްގައި ނެތް ކަމަށެވެ. އަދި އެއީ މިހާރު ދިމާވެގެން އުޅޭ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށް ވެސް އެ ދަރިވަރުން ބުނެ އެވެ.

comment ކޮމެންޓް