މީހުންނަށް އިންޒާރުދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނަން: ޕޮލިސް ކޮމިޝަނަރު

އޮކްޓޯބަރ 2، 2019: ފުލުހުންނާއި ހޯމް މިނިސްޓާރ ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާ ގޮތަށް، މީހުންނަށް އެކި ޒާތްޒާތުގެ އިންޒާރުދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ވެސް ފުލުހުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ހަމަ އެގޮތަށް، މީހުންނަށް އިންޒާރު ދީ އަދި އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރު ދޭ ފަރާތްތަކުގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ފުލުހުން މޮނީޓާ ކުރަމުން އަންނަ އިރު، އެ ފަރާތްތައް ދެނެގަތުމަށް އާންމުން އެފަދަ ކަންކަން ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް ކޮމިޝަނަރު ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހަމީދު އެފަދައިން ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ދީނަށް ފުރައްސާރަ ކުރާ މީހުންނާއި އެމީހުންނަށް އިންޒާރުދޭ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ.

ދީނަށް ފުރައްސާރަކުރުމުގެ މައްސަލަ ބޮޑުވެ ސަރުކާރުން އެކަމަށް ފިޔަވަޅު އަޅަން ނިންމީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ރަސޫލާއަށް ކުޑައިމީސްކޮށް ލިޔެފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓުވައި މިހާރު ވަނީ ޖަމްއިއްޔާ ސަސްޕެންޑް ކޮށްފަ އެވެ.

އެ ރިޕޯޓްގައި ކީރިތި ރަސޫލާ އިސްރާ އަދި މިއުރާޖްއަށް ވަޑައިގެންނެވި ހާދިސާއާއި ކީރިތި ރަސޫލާއަކީ ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަަމަށް ސިފަވާފަދަ ގޮތަކަށް ފުރައްސާރައިގެ ވާހަކަތައް ވަނީ ހިމަނައިފަ އެވެ.

އެ ރިޕޯޓްގެ މައްސަލަ ހޫނުވުމާ އެކު އެ ޖަމާއަތުގެ ވެރިންނަށް ބައެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔައި ޝޯޝަލް މީޑިއާގައި ރުޅިވެރި ކަމުގެ ބަސްތައް ރައްދު ކުރަމުން އެވެ.

ދީނީ އިލްމުވެރިިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ގޮވާލާފައި ވަނީ އެމްޑީއެން އުވާލުމަށްފަހު، އެ ޖައްމިއްޔާ އަށް ނިސްބަތްވާ މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ތިބެއްވި އެމްޑީއެންއަށް ނިސްބަތްވާ ފަރާތްތައް ވަޒީފާ އިން ވަކިކުރުމަށްވެސް އަންނަނީ ގޮވާލަމުން އެވެ.

comment ކޮމެންޓް