ރާއްޖެއަށް އެހީވާނެ ދާއިރާތައް ބަލަން ވޯލްޑް ބޭންކުން އޮންލައިން ސާވެއް ކުރަނީ

ލޯކަލް މާރުކޭޓްގައި ބަޔަކު ބާޒާރު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެހީވާނެ ދާއިރާތައް ދެނެގަތުމަށް ވޯލްޑް ބޭންކް އިން ތައްޔާރުކުރާ ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް އޮންލައިން ސާވޭއެއް ފަށައިފި އެވެ.

ހުރިހާ ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކުރިއަށް ގެންދާ އެ ސާވޭ އޮންނާނީ، މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ.

"މުޖުތަމަޢުގެ އެންމެން ޝާމިލްވާ ގޮތަށް ކަންކަން ބައްޓަންކުރުމުގައި ވޯލްޑް ބޭންކް ގްރޫޕާއި ސަރުކާރުން ގުޅިގެން ގެންގުޅޭ ސްޓްރެޓެޖީ އަށް އެހީތެރިވުމުގެ ގޮތުން ހިޔާލާއި މަޝްވަރާ ދިނުމަށްޓަކައި މިއީ ތަފާތު ފުރުސަތެއް. ތިބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަޅުގަނޑުމެންނާ ހިއްސާކުރައްވާ،" ވޯލްޑް ބޭންކް އިން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ނޫސް ބަޔާނެއް މެދުވެރިކުރައްވާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ ދެވަނަ އެސްސީޑީ ތައްޔާރު ކުރުމަށް ބާއްވާ މި ސާވޭގެ ބޭނުމަކީ، ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކާއި ހުރި ފުރުސަތުތައް އަދި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ދިވެހިންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ބުނީ، އާންމުންނާއި އިޖްތިމާއީ މަސައްކަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމްއިއްޔާ ޖަމާއަތްތަކަށް ބައިވެރިވެވޭ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދުމުގެ ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގެ ނަތީޖާ އަށް ބިނާކޮށް އެކުލަވާލާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކްގައި، ކުރުމަށް ހުށަހެޅޭ އިންވެސްޓްމަންޓްތަކުގެ އިތުރަށް، އޭގެ ސަބަބުން ފައިދާކުރާނެ ދާއިރާތައް ވެސް ކަނޑައެޅިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން އެކުލަވާލާ އެސްސީޑީ އަކީ، ވަކި ގައުމަކަށް ހާއްސަކޮށްގެން އެ ގައުމެއްގެ ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތައް އަދި އާންމު ފަރުދުންގެ ބައިވެރިވުމާ އެކު އެ ބޭންކުން އެކުލަވާލާ ރިޕޯޓެކެވެ.

މި ރިޕޯޓަކީ ފަގީރުކަން ނައްތާލުމާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީގެ ކަންކަން ބައްޓަންކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވޯލްޑް ބޭންކް ގްރޫޕް އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ބަޔާންކުރާ "ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް" އެކުލަވާލުމުގައި ބަލާ އަސާސެކެވެ.

އެގޮތުން 2016 ވަނަ އަހަރު އެކުލަވާލި ރާއްޖޭގެ ފުރަތަމަ އެސްސީޑީ އިން، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވެ އެވެ. އެހެން ނަމަވެސް، މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނަށް ވެސް ފައިދާކުރާނެ ގޮތަކަށް، ރާއްޖޭގެ ތަރައްގީ ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކުރެވިދާނެކަން އެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ކުރު ރާސްތާގައި، ރާއްޖޭގެ އިގްތިސާދީ، ގުދުރަތީ އަދި އިޖްތިމާއީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

އެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އެކުލަވާލި ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އަމާޒުކޮށްފައި ވަނީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ހުރި ފުރުސަތުތައް ފުޅާކުރުމުގެ އިތުރަށް، މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ތަރައްގީގެ އާ ވަސީލަތްތަކެއް ގާއިމްކުރުމަށެވެ. ގައުމުގެ އިގްތިސާދީ ތަރައްގީ އާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށްޓަކައި ބޭނުންކުރެވޭ ގުދުރަތީ އަދި މާލީ ވަސީލަތްތައް ބެލެހެއްޓުމަކީ ވެސް، ވޯލްޑް ބޭންކް އިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދެވޭނެ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.

އެސްސީޑީ އެކުލަވާލުމަށްޓަކައި ފެށި އޮންލައިން ސާވޭއާ އެކު، ވޯލްޑް ބޭންކް އިން ވަނީ ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ޓުވިޓާ އެކައުންޓެއް ގާއިމްކޮށްފަ އެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތް ކުރާ މި ޕްލެޓްފޯމްގެ މަގުސަދަކީ ވޯލްޑް ބޭންކުން ބުނި ގޮތުގައި، ރާއްޖެއާ އެކު ބާއްވަމުން އަންނަ ގުޅުން ވަރުގަދަކުރުމާ އެކު މައުލޫމާތު ހިއްސާކޮށް، ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އާންމު ފަރުދުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު