އައްޑޫގައި ކުނިން ހަކަތަ އުފައްދާ މަޝްރޫއު ފަށަނީ

"ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުުމުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ގްރީން ޓެކްސް ފަންޑުން ހަރަދުކޮށްގެން އައްޑޫ ސިޓީގައި ހިންގަން ނިންމާފައިވާ ކުނިން ހަކަތަ އުފައްދާ މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

"ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ" ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ކުރީ ކޮޅު ދެކުނު ކޮރެއާގެ ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗާ ކުންފުންޏާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ގާއިމް ކުރާނީ އައްޑު އާއި ފުވައްމުލަކުގައި އުފެދޭ ކުނި މެނޭޖްކުރަން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެކެވެ.

މިއަދު އެ މަޝްރޫއު ފެށުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުންނާއި، އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާއި، ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗާ ކުންފުނީގެ އޮފިޝަލުން ވަނީ އައްޑޫގައި ބައްދަލުކުރައްވައިފައެވެ.

މަޝްރޫއުގެ ދަށުން އައްޑު އާއި ފުވައްމުލަކުގައި އުފެދޭ ކުނި މެނޭޖްކުރަން ގާއިމް ކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއިން ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުންޏެވެ.

އެންވަޔަރެމެންޓް މިނިސްޓްރީއިން ބުނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ ފަހު ކޮޅު ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް