ތުރުކީގެ ހަމަލާތަކުގައި ސޫރިޔާގެ އާންމުންގެ 9 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެ

ތުުރުކީ ސިފައިން ސޫރިޔާގެ ކުރުދީންނަށް ހަމަލާދެނީ

އަންކަރާ (އޮކްޓޯބަރު 10) : ފުރާތު ކޯރުގެ އިރުމަތީގައިވާ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ތުރުކީ ސިފައިން އަރައި ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގައި އާންމުންގެ 9 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ.

އެސަރަހައްދުގެ ވަޒަންވެރިންކަމަށްވާ ސޫރިޔާގެ ކުރުދީ ލީޑަރުން ބުނާގޮތުން ތުރުކީ ސިފައިންވަނީ ކުރުދީންގެ 200 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާތައް ދީފައެވެ. މީގެތެރޭގައި އަސްކަރީ ތަންތަނާއި މަދަނީ ތަންތަންވެސް ހިމެނެއެވެ. އިއްޔެ މެންދުރުފަހުން ފެށި ހަމަލާތަކާއެކު ތުރުކީން އެންމެ ފުރަތަމަ ދިނީ ވައިގެ ހަމަލާތަކެވެ. އެއަށްފަހު ތުރުކީ ގެ އެއްގަމު ސިފައިންގެ ލަޝްކަރުތައްވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާ ކުރުދީ ސަރަހައްދުތަކަށް ވަދެ ބައެއްތަންތަން ހިފާފައެވެ.

ތުރުކީ ސިފައިންގެ މިހަމަލާތަކާއެކު ސޫރިޔާގެ ކުރުދީ ލިޑަރުން ވަނީ ތުރުކީއަކީ އިސްތިއްމާރީ ބާރެއްކަމަށް ސިފަކޮށް އަމިއްލަ ވަޒަނާއި ނަފްސުގެ ދިފާއުގައި ކުރުދީންގެ "ވައިޕީޖީ" ހަނގުރާމަވެރިންނާގުޅިގެން ތުރުކީ ސިފައިންނާ ހަނގުރާމަކުރުމަށް އާންމު ރައްޔިތުންނަށް ގޮވާލާފައެވެ.

ތުރުކީ އަށް ރައްދު ދިނުމުގެ ގޮތުން ކުރުދީންގެ "ވައިޕީޖީ" ގެ ހަނގުރާމަވެރިންވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ތުުރުކީގެ ވިލެޖްތަކަށް ބޮޑު ބަޑިންނާއި ރޮކެޓުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ތުުރުކީ ސިފައިންގެ ހަތަރު މީހުން މަރުވެފައިވާއިރު އާންމުންގެ އެތަށް ބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުރުކީން ސޫރިޔާގެ އުތުރަށް އަސްކަރީގޮތުން ވަދެގަނެ ހަނގުރާމަ ފެށުމުން އަރަބި ގައުމުތަކުންނާއި ޔޫރަޕްގެ ގައުމުތަކުންވަނީ ތުރުކީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ތުރުކީން ސޫރިޔާގެ ކުރުދީންނާ ދެކޮޅަށް ކުރާ ހަނގުރާ ކުށްވެރި ކުރި އަރަބި ގައުމުތަކުގެ ތެރޭގައި މިސްރު، ސައޫދީ އަރަބިޔާ، ކުވައިތު ، ޔޫއޭއީ އަދި ބަހްރައިން ހިމެނެއެވެ. މިސްރުންވަނީ ތުރުކީގެ އުދުވާނާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އަރަބި ލީގުގެ އަވަސް ބައްދަލުވުމަކަށް ގޮވާލާފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ "ވައިޕީޖީ" ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރައްވާފައެވެ. ތުރުކީ ސިފައިން ފަށާފައިވާ ހަނގުރާމައިގެ އަމާޒަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނާ އަދި ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތް ނެތިކޮށްލުންކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ކުރުދީ އާންމުންގެ އެތަށް ހާސްބަޔަކު މަރުވެ، ޒަޚަމްވެ އަދި ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހިގެންދާނެކަމަށް ބެލެވިފައިވާއިރު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ޔޫރަޕްގެ ބާރުތަކުންވަނީ ގޮވާލާފައެވެ. ސޫރިޔާގެ އުތުރަށް ތުރުކީ ސިފައިން އަރައި ކުރަމުން ގެންދާ ހަނގުރާމައިގެ ފުރަތަމަ ލަނޑުދަނޑިއަކީ ކުރުދީންގެ "ވައިޕީޖީ" ބަލިކޮށްލުންކަމަށްވާއިރު ދެވަނަ ލަނޑުދަނޑިއަކީ ފުރާތު ކޯރުގެ އިރުމަތީގައި 500 ކިލޯމީޓަރުގެ ދިގު އަދި 30 ކިލޯމީޓަރުގެ ފުޅާ ސަރަހައްދެއް ގާއިމްކޮށް ތުރުކީގައި ދިރިއުޅޭ ސޫރިޔާގެ 3.5 މިލިޔަން ރެފިއުޖީން އެސަރަހައްދަށް ގެނެސް ވަޒަންވެރި ކުރުވައި ސޫރިޔާގެ ރެފިއުޖީން ތުރުކީގެ ފަސްގަނޑުން ބޭރުކޮށްލުމެވެ.

ނަމަވެސް މިހާގިނަ އަދަދެއްގެ ރެފިއުޖީން އަލުން އަނބުރައި އެމީހުންގެ ވަޒަނަށް ގެނެސް ވަޒަންވެރިކުރެވޭނީ އެސަރަހައްދުގައިވާ ސޫރިޔާގެ ސިޓީތަކާއި ވިލެޖްތައް އަލުން ބިނާކޮށް އާރާސްތުކޮށްގެން ކަމަށްވާއިރު މިއީ އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުވާނެ ކަމެއްކަމުން މިވަރުގެ ބޮޑު ޚަރަދެއް ތުރުކީއަށް ކުރެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ. ތުރުކީގެ މި ސިޔާސަތަށް އެއްވެސް ގައުމަކުން އެއްބާރުލުން ދީފައެއް ނުވެއެވެ. ތުރުކީއަށް ކުރުދީންގެ މައްސަލަ ކުރިމަތިވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯލޮށްލުމުގައި ތުރުކީ އަދާކުރި ދައުރުގެ ސަބަބުންނެވެ.

ތުރުކީއަކީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ދީގެން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއާއި ޔޫރަޕާ އަދި ގަލްފުގެ އަރަބި ގައުތަކާއެކު އެންމެ ބޮޑަށް މަސައްކަތްކުރި އެއްގައުމެވެ. ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންގެ ބާރު ގަދަވީ ތުރުކީ އެގޮތަށް އަމަލުކޮށް ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމުގެ ނަތީޖާއެއްގެ ގޮތުން ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް ސޫރިޔާގެ އުތުރުން ގެއްލިގެން ދިޔުމާ ގުޅިގެންނެވެ.

ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ބައްޝާރުގެ ވެރިކަން ވައްޓާނުލެވުމުން ގަތަރު ފިޔަވައި ގަލްފުގެ އެެެހެން ގައުމުތަކާއި ތުުރުކީގެ ގުޅުންތައްވަނީ ގޯސްވެފައެވެ. އަދި ތުުރުކީ ފަހުން ގުޅިފައިވަނީ ބައްޝާރުގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާ އީރާނާއި ރަޝިއާ އާއެވެ.

ސޫރިޔާ ސިފައިން މިހާރުވަނީ ސޫރިޔާގެ 85 އިންސައްތަ ބިން ތުރުކީއާއި ގަތަރާ އަދި ޔޫރަޕާއި އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން މިމިނިވަން ކުރުމުގައި ކާމިޔާބު ހޯދާފައެވެ. މިކަމުގައި ސޫރިޔާއަށް އެހީތެރިވެފައިވަނީ އީރާނާއި ރަޝިއާއެވެ. ނަމަވެސް ދާޚިލީ މި ހަނގުރާމައާއެކު ސޫރިޔާ ވަނީ މުޅިން ހަލާކުވެ ފުނޑުފުނޑުވެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް