ހައްގުތައް ބޭނުން ކުރެވޭނީ ދީނުގެ އިމުގެ ތެރެއިން: ސަރުކާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ބޭނުން ކުރެވޭނީ ދީނުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން އެހެން ބުނީ، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައި ހުރި މައްސަލައިގައި އެ ޖަމިއްޔާ ސަސްޕެންޑު ކުރަން ޔޫތު މިނިސްޓްރީއިން ނިންމި ނިިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި މިނިސްޓްރީއިން ބުނީ ގާނޫނު އަސާސީއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމާއި އެހެނިހެން ހައްގުތައް ދިފާއު ކުރުމުގައި ސަރުކާރުން ދެމިހުންނާނެ ކަމަށެވެ. އެކަމަކު، އެ ހައްގުތައް ބޭނުން ކުރެވޭނީ މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް އަދި، ދީނުގެ އިމުގެ ތެރެއިން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތައް ފަދަ ހައްގުތަކަކީ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)އިންް ލިބޭ ހައްގެއް ނަމަވެސް، އެ މުއާހަދާތަކުގައިވެސް އެ ހައްގުތައް ހޭޓް ސްޕީޗްގެ ގޮތުގައި ނުވަތަ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަމުން، މުޖުތަމައުގެ މަސްލަހަތު ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި އިސްލާމް ދީނަކީ ރާއްޖޭގެ އަމާންކަމާއި އެއްބައިވަންތަކަމާއި ގުޅިފައިވާ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑުގެ އެންމެ މުހިންމު އެއް އަސްލު ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން، ނަފުރަތު އުފައްދާ މީހުންނާއި، ދީނުގެ ނަމުގައި ހަމަނުޖެހުން ހިންގަން ގޮވާލާ މީހުންނާ މެދުވެސް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ވަނީ ހައްގުތައް ބޭނުން ކުރާ އިރު މުޅި މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ގޮތަށް ހައްގުތައް ބޭނުން ކުރުމަށް ގޮވާލާފައެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ. އެ ރިޕޯޓުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު ނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ޖަމްއިއްޔާގެ އެއްވެސް ހަރާކާތެއް ނުހިންގުމަށް އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް