ޓެރަރިޒަމްގެ ބިލް ތަސްދީގު ކުރައްވައިފި، ފުލުހުންނަށް ބޮޑެތި ބާރުތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި -- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފަ އެވެ.

ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފާސްކުރި އެ އިސްލާހުތަކުގެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ، އެކު ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ މީހުން ކަމަށް ތުހުމަތުވާ މީހުން ކޯޓް އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް މި ވަނީ ލިބިފަ އެވެ. އަދި އެ ގާނޫނުގައި އޮތް ޓެރަރިޒަމް މާނަކުރުން ވަރަށް ބޮޑަށް ފުޅާ ވެގެން ދާނެ އެވެ.

ސަރުކާރުން ބޭނުން ވެގެން މަޖިލީހުން ހުށަހަޅައި ފާސްކުރި އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދު އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ބިލް ތަސްދީގު ކުރެއްވުމާ އެކު ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށް އެ އިސްލާހުތަކަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

ޓެރަރިޒަމް ގާނޫނުގެ އިސްލާހުތައް:

  • ޓެރަރިޒަމް މާނަކުރުން ފުޅާކުރުން: ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލު.
  • ޓެރަރިޒަމްގެ އަމަލުތައް ތަފްސީލް ކުރުން: މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.
  • މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް މުރާޖައާ ކުރުން.
  • ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން ނޫނީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އެއީ ކުށެއް. އަދި އެކަމުގައި ބައިވެރިވުމާއި އެފަދަ ކުށެއް ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ކުށެއް.
  • ހަނގުރާމައަށް މީހަކު ފޮނުވުން، އެކަމަށް މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީވެސް ކުށެއް.
  • ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ކުރެވޭ އެންމެހާ ކަންކަމަކީ ވެސް ކުށެއް.
  • ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ދުރާލާ ލިބި އެކަން ދައުލަތުގެ އިދާރާތަކާ ހިއްސާނުކޮށް ގަސްތުގައި ފޮރުވުމަކީ ވެސް ކުށެއް.
  • ހަނގުރާމަ ވެރި ސަރަހައްދަކުން އެނބުރި އަންނަ ދިވެހިންގެ ކަންކަން ރިވިއުކުރުމަށް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކައުންޓާ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފެއްދުން.
  • ހަނގުރާމައިން އަންނަ މީހުން ޑީ-ރެޑިކަލައިޒް ކުރުމަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުން.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލުތައް ގާނޫނަށް އައުމާ އެކު، ނުރަނގަޅު މަގުސަދުތަކުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެ ގާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓިގެން ދާނެ އެވެ. އަދި ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި އެފަދަ ކުށްތަކުގައި ދައުވާ ކުރުމަށް ގާނޫނު ތަންފީޒުކުރާ އެންމެހާ އިދާރާތަކަށް ޒަމާނާ އެއްގޮތް އިމްތިޔާޒުތަކެއް ލިބިދެވޭނެ ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ޓެރަރިޒަމްގެ ގާނޫނު އިސްލާހުކޮށް ފުލުހުންނަށް އާ ބާރުތަކެއް ދިނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކަމަށް ބުނެފަ އެވެ. އަދި އެ ބާރުތައް ސިޔާސީ ބޭނުމުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް، ރައީސް ސޯލިހު ވަނީ ސިޔާސީ ބޭނުމަށް އެ ގާނޫނު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރުމުގެ އަނެއް މަގުސަދަކީ ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާ މެދު އަމަލު ކުރާނެ ތަފްސީލީ އިޖުރާއަތުތަކެއް ކަނޑައެޅުމެވެ.

ސަރުކާރުން މަޖިލީހަށް ބިލް ހުށަހެޅި އިރު ހިމަނާފައި އޮތީ، ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ. ނަމަވެސް މަޖިލީހުން ބިލް ފާސްކުރީ އެކަން އިސްލާހުކޮށް މިހާރުވެސް އޮންނަ ގޮތަށް، 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭ ގޮތަށެވެ. ގާނޫނު އަސާސީގައި ވެސް ބުނަނީ، ކުށުގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި، 52 މެންބަރުންގެ އިއްތިފާގުން އެވެ.

comment ކޮމެންޓް