ދީނަށް ފުރައްސާރަ ކުރާނަމަ މި ސަރުކާރުން ފިޔަވަޅު އަޅާނެ: އިމްރާން

އޮކްޓޯބަރ 2، 2019: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރާ މީހުންނާ މެދު މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެހެން ވިދާޅުވީ، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ލިޔެފައި ހުރި މައްސަލައިގައި އެ ޖަމިއްޔާ ސަސްޕެންޑު ކުރަން ޔޫތު މިނިސްޓްރީއިން ނިންމި ނިިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ. އަދި އެކަން މި ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

އެ ރިޕޯޓުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު ނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ޖަމްއިއްޔާގެ އެއްވެސް ހަރާކާތެއް ނުހިންގުމަށް އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް