އަބަދު ކޮންނަން ނުޖެހޭ ގޮތަށް މާލޭ މަގުތަކަށް ތަރުތީބު ބަދަލުތަކެއް ގެންނަނީ

އަބަދު ކޮންނަން ނުޖެހޭނެ ފަދަ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލުގެނެސް، ތަރުތީބު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ މާލޭގެ މަގުތައް މަރާމާތުކޮށް، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ކުރަން ރާވަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައި ޕްލޭނިން މިނިސްޓްރީން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބިންތިރި ގައުމަކަށް ވާތީ، ފޫޓަކަށް ފެންބޮޑުވި ނަމަވެސް، ރައްޔިތުންނަށް އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

މިހާތަނަށް ފެން ހިންދުމުގެ މަސައްކަތް ކުރަމުން އައީ ޕަމްޕު ސިސްޓަމްތަކެއް ބަހައްޓައިގެންނެވެ. މިނިސްޓަރު ވިދާޅުވީ އޮހޭ ފެން އަމިއްލައަށް ބޭރުވާނެ ގޮތެއް ނެތް ކަމަށާއި، ފެން ބޮޑުވާ ކޮންމެ ފަހަރަކުވެސް ޖެހެނީ ޕަމްޕު ޖަހައިގެން ފެން ބޭރު ކުރަން ކަމަށެވެ.

އެގޮތުން ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދަން ސިޓީ ކައުންސިލުން މިހާރު މާލޭގެ މަގުތައް ރަނގަޅު ކުރުމަށް ކުރަމުން އަންނަ ބައެއް މަސައްކަތްތައް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ސިޓީ ކައުންްސިލުން މަސައްކަތްތަކެއް ރާވައިގެން ކުރަން ގަސްތު ކުރައްވައިގެން ކުރިއަށް ގެންދަނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ވެސް ހިމެނޭ ގޮތަށް މާލޭގެ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް. ދެން އޭގެ ތެރޭގައި އަންނާނެ ބައެއް މަގުތައް ރީސާފޭސް ކުރުމާ، ޕާކިން އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިރުއިރުކޮޅާ މަގުކޮންނަން ޖެހުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންކަމުން މަގުތައް ކޮންނަން ޖެހޭ މިންވަރު ވީހާވެސް ކުޑަ ވާނެ ގޮތަކަށް ބިމު އަޑީގައި އޮތް ނެޓްވޯކް ބަދަލުކޮށް، އިތުރު ޕަމްޕުތަކެއް ބަހައްޓައި މަގުތައް ތަރުތީބު ކުރަން ރާވަމުން އަންނަ ކަމަށެވެ.

"އިރުއިރުކޮޅާ މަގު ކޮންނަން ނުޖެހޭ ގޮތަށް އެކަންތައް ތަރުތީބު ކުރަން. ވީހާވެސް ކުޑަ ކުރަން. އެއްވެސް ގޮތަކަށް ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. އެހެން ނަމަވެސް ވީހާވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ސްޓޯމް ވޯޓާ ކަލެކްޓު ކުރާނެ ތަންތަން ހޯދުމުގެ މަސައްކަތް ވެސް ކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ މަސައްކަތް ވެސް ވެފައި އޮތީ އެބޭފުޅުންނަށް ވެސް ވަރަށް ދަތި ކަމަކަށް. މާލޭގައި ޖާގައެއް ނެތް. އެހެން ފެން ހިންދަން، ހުސް ޖާގައެއް މާލެއަކު ނެތް. އެހެންވީމަ އޮހޭ ހުރިހާ ފެނެއް މި ޖެހެނީ ބޭރު ކުރަން. އޭތި އަމިއްލަ ޒާތުގައި ފްލޯ އައުޓް ވާގޮތަކަށް ނޫން ފަހުން މާލެ ހިއްކާ މި ކަންކަން ކޮށްފައި ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލޭގެ މަގުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ކުރި އިރު މާބޮޑަށް ޑްރެއިނޭޖްގެ ކަންކަމަށް އިސްކަންދެވިފައި ނުވާތީ، ދެން ވެސް މައްސަލައަށް ހޯދަން ޖެހޭނީ "އާޓީފިޝަލް" ހައްލެއް ކަމަށެވެ.

comment ކޮމެންޓް