އަހަރީ ފީ ނުދެއްކި ތިން ހާހެއްހާ ކުންފުނި އުވާލަން އިއުލާންކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަހަރީ ފީ ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާ 2500 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އުވާލާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނެނީ 2007 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ 2711 ކުންފުންޏެކެވެ.

އެކުންފުނިތައް އުވާލަން ނިންމާފައިވަނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅަން ޖެހޭނެ އެވެ.

އެ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ ގަރާރެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް