2017 ގައި ނަފްސާނީ ބަލިތަކުގެ ފަރުވާއަށް އާސަންދައިން 11 މިލިއަން ހަރަދުކުރި

ނަފްސާނީ މައްސަލައެއް ކަމަށްވާ ޑިޕްރެޝަން--

ދެހާސް ސަތާރަ ވަނަ އަހަރު ނަފްސާނީ ބަލިތަކުގެ ފަރުވާއަށް 11 މިލިއަނަށް ރުފިޔާއަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2017 ވަނަ އަހަރު އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކާ ގުޅިގެން 207 ފަހަރެއްގެ މަތިން މީހުން އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 200 ކޭސް އަކާއި ބޭރު މީހުންގެ ހަތް ކޭސް އެވެ. ނަފްސާނީ ބަލިތަކާ ގުޅިގެން 2017 ވަނަ އަހަރު އެޑްމިޓްކޮށް ފަރުވާ ދީފައިވަނީ 105 އަންހެނުން، އަދި 95 ފިރިހެނުން ނަށެވެ. މީގެ ތެރޭގައި ތަކުރާރުކޮށް އެޑްމިޓްކޮށްފައިވާ މީހުން ހިމެނެ އެވެ.

އާސަންދައިން 11 މިލިއަން ރުފިޔާ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 41.5 ޕަސެންޓު ހަރަދުކޮށްފައި ވަނީ އުމުރުން 30 އަހަރާ 49 އަހަރާ ދެމެދުގެ މީހުންނަށެވެ.

ދެވަނައަށް އެންމް ބޮޑު ހަރަދެއް ކޮށްފައި ވަނީ އުމުރުން 50-69 އަހަރާ ދެމެދުގެ މީހުންނަށެވެ. އެއީ ޖުމްލަ ހަރަދުގެ 27.2 ޕަސެންޓެވެ.

އުމުރުން 15-29 އަހަރާ ދެމެދުގެ ޒުވާނުންނަށް ހަރަދުގެ 20.1 ޕަސެންޓު ހަރަދުކޮށްފައި ވާއިރު، އުމުރުން 69 އަހަރުން މަތީގެ މީހުންގެ ފަރުވާއަށް 6.5 ޕަސެންޓު ވަނީ ހަރަދުކޮށްފަ އެވެ.

އަދި 15 އަހަރުން ދަށުގެ ކުޑަކުދިންގެ ފަރުވާއަށް 11 މިލިއަން ރުފިޔާ، 4.7 ޕަސެންޓު ވަނީ ހަރަދުކޮށްފަ އެވެ.

އާސަންދަ ކުންފުންޏާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ކުރި ޖުމްލަ ހަރަދުގެ 83.2 ޕަސެންޓު ހޭދަކޮށްފައި ވަނީ ފަރުވާއަށް ބޭނުންވާ ބޭސް ހޯދުމަށް ކަމަށެވެ.

އަމިއްލައަށް މަރުވުމުގެ 16 މައްސަލައެއް 2017 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރު މީހުން ވެސް ހިމެނެ އެވެ.

ފުލުހުންނަށް ހުށަހަޅައި އަދި ތަހުގީގު ކުރި މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ 16 މައްސަލައެއް ހިމެނޭއިރު 15 މައްސަލައަކީ ފިރިހެނުންގެ މައްސަލަތަކެވެ.

އަދި ކޮންމެ ދެ މައްސަލައަކުން އަކުން އެއް މައްސަލައިގައި ހިމެނެނީ އުމުރުން 15-29 އަހަރާ ދެމެދުގެ މީހުންނެވެ.

އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މިއަދުގެ ނިޔަލަށް އެ ސެންޓަރު މެދުވެރިކޮށް 4،000 މީހުންނަށް ވަނީ ހިދުމަތް ދީފަ އެވެ.

ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ފުޅާކުރަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު ވިދާޅުވެފަ އެވެ.

comment ކޮމެންޓް