އިންޑޮނޭޝިއާގެ ސެކިއުރިޓީ މިނިސްޓަރަށް ހަމަލާދީ، ޒަހަމްކޮށްލައިފި

އިންޑޮނޭޝިއާގެ ސެކިއުރިޓީ މިިނިސްޓަރު ވިރަންޓޯއަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (އޮކްޓޯބަރު 10): އިންޑޮނޭޝިއާގެ ޗީފް ސެކިއުރިޓީ މިނިސްޓަރަށް މީހަކު މިއަދު ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިންޑޮނޭޝިއާގެ ޖާވާގައި އޮންނަ ޕަންޑެގްލަންގުގައި މިނިސްޓަރު ވިރަންޓޯއަށް ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޅި ހަރައި، ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް މިނިސްޓަރުގެ ހާލު ސްޓޭބަލް ކަމަށާއި އޭނާއަށް އިތުރު ފަރުވާ ދޭން ޖަކާޓާއަށް ގެންދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އިންޑޮނޭޝިއާގެ ފުލުހުންގެ ތަރުޖަމާނު ދެޑީ ޕްރަސެޓްޔޯ ވަނީ އެހަމަލާ ދިން ފިރިހެން މީހާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށާއި ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ އަންހެނަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެހާދިސާގެ ވީޑިއޯއަކުން ފެންނަ ގޮތުގައި މިނިސްޓަރަށް ހަމަލާ ދިނީ އޭނާ ކާރުން ފޭބި ތަނުންނެވެ. އަދި މިނިސްޓަރުގެ ގާޑުންނާއި އެތަނުގައި ދެން ތިބި މީހުން، ހަމަލާ ދިން މީހާ ހިފަހައްޓާ މަންޒަރުވެސް ފެނެ އެވެ.

އިންޑޮނޭޝިއާ އަސްކަރިއްޔާގެ ކޮމާންޑަރުކަން 1998އިން 1999 ވަނަ އަހަރާ ހަމަޔަށް ކުރެއްވި ވިރަންޓޯ ސެކިއުރިޓީ މިނިސްޓަރު ކަމަށް އައްޔަން ކުރި 2016 ވަނަ އަހަރެވެ. އޭގެ ކުރިން 2004 ވަނަ އަހަރު އޭނާ ވަނީ ރައީސްކަމަށް އަދި 2009 ވަނަ ނައިބު ރައީސްކަމަށް ވާދަ ކުރައްވާފަ އެވެ. އެދެ އިންތިހާބުގައިވެސް އޭނާ ނާކާމިޔާބުވި އެވެ.

ވިރަންޓޯ އިންޑޮނޭޝިއާ އަސްކަރިއްޔާގެ ވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރަކީ އެގައުމުގެ އިސްތިއުމާރުގެ ދަށުގައި 24 އަހަރުވަންދެން އޮތް އީސްޓް ޓިމޯރ މިނިވަންވި ދުވަސްވަރެވެ. އަދި އެދުވަސްވަރު އަސްކަރިއްޔާއިން އީސްޓް ޓިމޯރގައި ހިނގި އިންސާނިއްޔަތާ ހިލާފު އަމަލުތަކުގައި ވިރަންޓޯ އިސް ދައުރެއް އަދާ ކުރެއްވި ކަމަށް އދ.އިން ބުނެ އެވެ. ނަމަވެސް އޭނާ އެތުހުމަތުތައް ދޮގުކުރައްވަ އެވެ.

comment ކޮމެންޓް