ގައުމީ ވޮލީ ޓީމަށް ސާބިއާގެ ތަޖުރިބާކާރު ކޯޗު މިލޮރަޑް ކިޔަޗް

ރާއްޖޭގެ ވޮލީ ޓީމަށް އަލަށް ހަމަޖެއްސި ސާބިއާގެ ކޯޗު ---

ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗަކަށް ސާބިއާގެ ތަޖުރިބާކާރު ކޯޗު މިލޮރަޑް ކިޔަޗް ހަމަޖައްސާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރް އަހްމަދު މަހްލޫފް އިއުލާން ކުރައްވައިފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިން އީރާނާއި ޔުގޮސްލޭވިއާއަށް ކޯޗުކަން ކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ކިޔަޗް ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭނާއަކީ ދުނިޔޭގެ އެތައް ޓީމަކަށް ކޯޗުކަން ކޮށްދީފައިވާ ވަރަށް ތަޖުރިބާކާރު ކޯޗެއް ކަމަށާއި 1996 ވަނަ އަހަރުގެ އެފްއައިވީބީ ވޯލްޑް ލީގުގެ ތިންވަނަ ޔުގޮސްލޭވިއާއަށް ހޯދައިދިން ކޯޗު ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.

ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދު ދިން މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ބަދަލުގައި ވޮލީއަށް ބޭރުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސާނެ ކަމަށް މީގެ ކުރިން ވެސް މަހްލޫފް ވިދާޅުވެފައިވާ އިރު މިއަދު ޓީމަށް ހަމަޖެއްސި ކޯޗަކީ ސެޓަރެއްގެ ގޮތުގައި 1965 އަހަރުން ފެށިގެން 1984 ވަނަ އަހަރާއި ހަމައަށް އޭނާގެ އަމިއްލަ ގައުމުގެ ކުލަބުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެ އަހަރެއްގައި ގައުމީ ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ކިޔަޗް ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުގައި ފުރަތަމައިން ފެނިގެން ދިޔައީ 1989 ވަނަ އަހަރުއެވެ. އަމިއްލަ ގައުމުގެ ބައެއް ގައުމުތަކަށް ކޯޗުކަން ކޮށްދީ ޖެހި ޖެހިގެން އަށް ފަހަރު ގައުމީ ލީގު ހޯދައި އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗުގެ މަގާމު ހޯދުމަށްފަހު އޭނާ ވަނީ 2001 އަހަރުން ފެށިގެން 2004 އާއި ދެމެދު ބުލްގޭރިއާގެ ޓީމަކަށް ކޯޗުކަން ކޮށްދީފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ތިން އަހަރު އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި އެ ދުވަސްވަރު އޭނާ ވަނީ އެ ގައުމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށް ދުނިޔޭގެ ރޭންކިންގްގެ ފަސް ވަނައަށް އެގައުމު ގެންގޮސްދީފަ އެވެ.

ބުލްގޭރިއާގެ ކާމިޔާބަށްފަހު ދުނިޔޭގެ އެތަން މިތަނުގައި އޭނާ ވަނީ ކޯޗުކަން ކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި އީރާނާ އެކު 2006 ވަނަ އަހަރު އޭނާ ވަނީ ޖަޕާނުގައި އޮތް ދުނިޔޭގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ވާދަކޮށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ކޯޗެއްގެ އިތުރުން ގައުމީ ޓީމަށް ވަނީ ސާބިއާގެ ޓްރެއިނަރެއް ވެސް މިއަދު ހަމަޖައްސައިފަ އެވެ. މިއަދު ހަމަޖެއްސި ޓްރެއިނަރަކީ ކިޔަޗް ރެޑިވަން ނަމަކަށް ކިޔާ ތަޖުރިބާކާރު ޓްރެއިނަރެކެވެ. އޭނާ ވަނީ ވޭތުވެ ދިޔަ 10 އަހަރު އެކި އެކި ގައުމުތަކުގެ ގައުމީ ޓީމުތަކުގައި ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ވޮލީއަށް ރަނގަޅު ފެންވަރުގެ ކޯޗަކާއި ޓްރެއިނަރެއް ގެނައި އިރު ވޮލީ އެސޯސިއޭޝަނަށް ދިމާވެފައި އޮތް ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވޯލީބޯޅަ އެސޯސިއޭޝަންގެ އާ އިންތިހާބު މި މަހު 24 ވަނަ ދުވަހު ބާއްވާން، ސްޕޯޓްސް ކޮމިޝަނަރު އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން މިހާރު ވަނީ އިއުލާން ކޮށްފިއެވެ.

ނޯޓު: މިލޮރަޑް ކިޔަޗް އުފަންވީ އޭރު މެދުތެރޭ ޔޫރަޕުގައި އޮތް ގައުމެއް ކަމުގައިވާ ޔުގޮސްލާވިއާއަށެވެ. ނަމަވެސް 1992 ވަނަ އަހަރު އެ ދައުލަތް އުވި، އެހެން ދައުލަތްތަކެއް އުފެދުނީއެވެ. މިލޮރަޑް ކިޔަޗް މިހާރު ނިސްބަތްވަނީ އެދުވަސްވަރު އަލަށް އުފެދުނު ދައުލަތެއް ކަމުގައިވާ ސާބިއާއަށެވެ.

comment ކޮމެންޓް