މަސްވެރިކަން ތިޔާގިވުމުން އެކްސްޕޯޓަށް ބޮޑު ކުރިއެރުމެއް

މަސްވެރިންތަކެއް މަސް ކިރުމަށް ތައްޔާރުވަނީ --

ހުސްވި ސެޕްޓެމްބަރު މަހު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވުމާ އެކު، ރާއްޖޭގެ އެކްސްޕޯޓްސްއަށް 22 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން ބޭރަށް މަހުގެ ފަސް ބާވަތް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. އެ ބާވަތްތަކުގެ އަގު، 129 މިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައި ވަނީ، ފިނިކުރި ކަޅުބިލަމަސް ނޫނީ ސްކިޕްޖެކް ޓޫނާ އެވެ. އެއީ ރާއްޖެއިން ބޭރު ކުރި މުދަލުގެ 45 ޕަސެންޓެވެ. ބޭރު ކުރި އެ ބާވަތުގެ މަހުގެ ޖުމްލަ އަގު، 75 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓުކުރި މުދަލުގެ ޖުމްލަ އަގަކީ 136 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު 166 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއީ 22 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ފަސް ގައުމު:

  • ތައިލެންޑް - 47 އިންސައްތަ
  • ފަރަންސޭސިވިލާތް - 8 އިންސައްތަ
  • އިނގިރޭސިވިލާތް - 6 އިންސައްތަ
  • ޖަރުމަންވިލާތް - 6 އިންސައްތަ
  • އެމެރިކާ - 5 އިންސައްތަ

މަސްވެރިކަން ރަނގަޅުވެ މަސް ބޭރުކުރި ވަރު އިތުރުވުމާ އެކު ސެޕްޓެމްބަރު މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު 286 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 262 މިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް