އިނގުރައިދޫ ޒުވާނާގެ ފައި އެންމެ ފަހުން ބުރިކޮށްލައިފި

ފައިބުރިކޮށްލި ޒުވާނާ---

ރ. އިނގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށެއްގެ ސަރަހައްދުގައި ފީނަމުން ދަނިކޮށް ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ފަޔަށް ބޮޑެތި ގެއްލުންތަކެެއް ލިބުނު އަބްދުﷲ ހަލީމްގެ ފައި އެންމެ ފަހުން ބުރިކޮށްލައިފިއެވެ.

ހަލީމްގެ އާއިލާގެ މީހަކު "ސަން"އަށް ބުނީ ފައި ބުރިކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އާއިލާއިން އިތުރު މައުލޫމާތެއް ނުދެއެވެ. އޭޑީކޭ ހޮސްޕިޓަލްއިންވެސް ހަލީމްއާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

ހަތާވީސް އަހަރުގެ ހަލީމްގެ ފައި އެއްކޮށް ކަހަލަ ގޮތަަކަށް ބުރިވީ ރ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ "ނެލު" ގެ އިރުމަތީ ފަރާތު އުރަފަށަށް ފީނަން އުޅެނިކޮށް އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހިގެންނެވެ.

ބުރަފަތީގެ ފައި ޖެހުމުގެ ސަބަބުން، ޒުވާނާގެ ފައިގެ ކުޑަހުޅުން ފެށިގެން ތިން އިންޗި މަތިން އެއްކޮށް ބުރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބުރިވެފައިވަނީ ޒުވާނާގެ ވައަތު ފައި ކަމަށެވެ. އޭގެ އިތުރުން ޒުވާނާގެ ފަލަމަސްގަނޑާއި، ބުރަކަށިން ވަރަށް ބޮޑަށް ކަފައިގެން ގޮސް މަސްގަނޑު ނެގިފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް ޒުވާނާގެ ހަށިގަނޑުގައި އިތުރު ޒަހަމްތައް ހުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޒުވާނާއަށް އިނގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފިއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގައެވެ.

comment ކޮމެންޓް