ބާޒާރުން ފިޔާ ހުސްވެ، ބަސްތާއެއް 1،000 ރުފިޔާއަށް

މޭ 26، 2017: ރޯދަޔާއެކު ބާޒާރުމަތި ތިޔާގި ވުން: ބައެއް ބާވަތްތަކުގެ އަގުވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވެ، ބާޒާރުގައި ފިޔާ ތަދުވެ އަގުތައް އިންތިހާއަށް ބޮޑަށް އުފުލިއްޖެ އެވެ.

އާންމުކޮށް ބާޒާރަށް ފިޔާ ގެނެސް ވިއްކާ ހޯލް ސޭލަރުންގެ އަތުން މިހާރު ވަނީ ފިޔާ މުޅިން ހުސްވެފަ އެވެ. އަދި ވިއްކަނީ ވެސް ކޮންޓްރޯލް ކޮށްގެން އެވެ.

މިހާރު ބާޒާރުގައި ފިޔާ ކިލޯއެއް ހުރީ، 45 ރުފިޔާއާއި 50 ރުފިޔާއަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް އާންމުކޮށް 10-8 ރުފިޔާގެ އަގުތަކެއްގައި ލިބެ އެވެ.

ފިޔާ ބަސްތާގެ ސްޓޮކު ހުރި ވިޔަފާރިވެރިން މިހާރު ބަސްތާއެއް އެންމެ އަގުހެޔޮކޮށް ވެސް ވިއްކަނީ 950 ރުފިޔާއަށެވެ. އަދި ބައެއް ވިޔަފާރިވެރިން ފިޔާ ބަސްތާއެއް ވިއްކަނީ 1000 ރުފިޔާއަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފިޔާ ބަސްތާއެއް ވިއްކީ 200 އެއްހާ ރުފިޔާއަށެވެ.

ފިޔާގެ އަގު ބޮޑުވި ސަބަބާ ގުޅޭ ގޮތުން، ބައެއް ވިޔަފާރިވެރިން "ސަން"އަށް މިއަދު ބުނީ ފިޔާ އަގު ބޮޑުކުރަން މަޖުބޫރުވީ މިހާރު ހުރި ސްޓޮކް ހުސްވުމާ އެކު ދެން އިތުރަށް ފިޔާ ލިބޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

މި ދުވަސްވަރު ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވެފައިވަނީ މިހާރު އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، އެގައުމުން ފިޔާ އެކްސްޕޯޓު ކުރާ މިންވަރު ކޮންޓްރޯލް ކޮށްފައިވާތީ އެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވަނީ، ފިޔާ އެކްސްޕޯޓު ކުރުން މަދުކުރި ނަމަވެސް، ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު