ބަޔަކު ފިލާ ތިބެ ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ އަންނަނީ ނަގަމުން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ----

ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން -ޖައިޓެކްސް" ގައި ތަގުރީރު ކުރައްވަމުންނެވެ.

މިނިސްޓަރު މާރިޔާ ތަގްރީރުކުރައްވާފައިވަނީ 21 ވަނަ ގަރުނުގައި ސަލާމަތީ ނިޒާމާއި، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

މިނިސްޓަރުގެ ތަގްރީރުގައި ވަނީ، ރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތައުލީމުގެ އެހީގައި މިހާރަށްވުރެ އިލްމީ، ގާބިލު، ސިއްހީ ގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖުތަމައެއް ބިނާކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާއަކީ އޭގެ ޒާތުގައި ބޭނުންތެރި ވަސީލަތްތަކެއްކަމަށާއި އެހެން ނަމަވެސް ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ އީ ގަވަމަންޓް ނުވަތަ އިންޓަނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދައުލަތުން ހިދުމަތް ފޯރުވައިދިނުމަށް، ޔޫއޭއީގެ ސަރުކާރުން ފަރުމާކޮށްފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތައުރީފުކުރައްވައިފައެވެ.

އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ހިދުމަތް ފޯރުވައިދިނުމަކީ، ރައީސް ސޯލިހުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މިހާރު ވަނީ ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފައެވެ.

comment ކޮމެންޓް