ވޯލްޑް ކަޕް ކޮލިފިކޭޝަން: ރާއްޖެއާ ވާދަކުރާ ސީރިއާގެ ފެންވަރަކީ ކޮބާ؟

ސީރިއާގެ ގައުމީ ޓީމު ކުޅުންތެރިން ---

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި މިއަދު ރާއްޖެއާ ދެކޮޅަށް ސީރިއާ ނުކުންނަ އިރު އެ ޓީމު އޮތީ ކިހާ ފޯމެއްގައިކަން އަދި ޓީމުގެ ފެންވަރަކީ ކޮބައިކަން އިނގުމަކީ މުހިންމު ކަމެކެވެ. ދާހިލީ ބޮޑު ހަނގުރާމައެއް ގައުމުގައި ހިނގަމުންދާ އިރު އެގައުމުގެ ފުޓުބޯޅަ އޮތް ހާލަތު އިނގިގެން ނޫނީ މެޗަށް ވާނެ ގޮތް އަންދާޒާ ކޮށްލަން އުނދަގޫ ވާނެއެވެ.

ސީރިއާއަކީވެސް ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވޯލްޑްކަޕު ކޮލިފިކޭޝަނުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ސީރިއާ ވަނީ 1950 އަދި 1958 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކޮލިފައިންގައިވެސް ވާދަކޮށްފައެވެ. އެ ދުވަވަރަކީ ފުޓުބޯޅައިގެ މަޝްހޫރުކަން އޭޝިއާގެ ގިނަ ގައުމުތަކަށް ނުފޯރާ އޮތް ދުވަސްވަރެއް ނަމަވެސް ސީރިއާ އޭރު ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގެ ކޮލިފިކޭޝަނުގައި ވާދަކުރުމުން ފުޓުބޯޅައިން އެ ގައުމު އެންމެ ކުރީއްސުރެ ވެސް ކުރިއަރާފައި އޮތް މިންވަރު ހާމަވެއެވެ.

ސީރިއާގެ ގައުމީ ޓީމު ކުޅުންތެރިން ---

ސީރިއާއިން ތާރީހުގައި އެންމެ ބޮޑު މޮޅެއް ހޯދި ގައުމަކީ ދިވެހި ރާއްޖެއެވެ. އެ ޓީމުން 1997 ވަނަ އަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗެއްގައި ރާއްޖެ ކޮޅަށް ވަނީ 12 ގޯލު ޖަހައިފައެވެ. ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކާ ދެކޮޅަށް ސީރިއާއިން މިހާތަނަށް އެތައް ބައިވަރު މެޗެއް ކުޅުނު އިރު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު ބަލިވީ ގްރީސް އަދި މިސްރުގެ އަތުންނެވެ. މި ދެ ޓީމުންވެސް ކުޅުނު މެޗުގައި ސީރިއާ ކޮޅަށް އަށް ގޯލު ޖަހާފައިވެއެވެ. މި ދެ މެޗުވެސް ކުޅުނީ ފުޓުބޯޅައިގެ ދުނިޔެއަށް ސީރިއާ ތައާރަފުވި ދުވަސްވަރު، 1949 އަދި 1951 ވަނަ އަހަރެވެ.

ސީރިއާއިން މީގެ ކުރިން އެތައް ފަހަރަކު ވޯލްޑްކަޕު ކޮލިފައިންގައި ވާދަކުރި ނަމަވެސް އަދި އެ ޓީމަށް އެ މުބާރާތުގައި ވާދަކުރެވޭ ގޮތް ނުވެއެވެ. ގަވާއިދާ ހިލާފަށް ޓީމުގައި ކުޅުންތެރިން ޖެހި މައްސަަލައިގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕު ކޮލިފައިން އިން ސަސްޕެންޑުކުރި ނަމަވެސް އެންމެ ފަހުގެ ވޯލްޑްކަޕް ކޮލިފައިންގައި އެ ޓީމު ވަނީ މީގެ ކުރިން ނުދާހާ ދުރަށް ގޮސްފައެވެ.

ސީރިއާ ވަނީ އެންމެ ފަހުގެ ވޯލްޑްކަޕް ކޮލިފައިންގެ ހަތަރުވަނަ ބުރަށް ދަތުރުކޮށް ފައިނަލް ޕްލޭ އޮފުގައިވެސް ކުޅެފައެވެ. ސީރިއާ އެފަހަރުގެ ޕްލޭ އޮފްގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރު ކުރި އިރު ދެވަނަ މެޗުން ބަލިވީ ފަހުވަގުތު އޮސްޓްރޭލިއާއިން ޖެހި ގޯލަކުންނެވެ.

އެ ގައުމަށް ފުޓުބޯޅައިން އެންމެ ފުރަތަމަ ރަން މެޑައްޔެއް ލިބުނީ 2012 ވަނަ އަހަރުއެވެ. އެއީ ހުޅަނގު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ ވެސްޓް އޭޝިއާ ކަޕުގެ ފައިނަލުގައި އިރާގު ބަލިކޮށްގެންނެވެ.

ސީރިއާއަކީ ފުޓުބޯޅައިގެ ރޮނގުން ކުރިއަރަން އެންމެ އުނދަގޫ ވާނެ އެއް ގައުމެވެ. ބޮޑެތި މެޗުތައް ކުޅޭ އިރުވެސް އެ ޓީމު މެޗު ކުޅޭނީ އަމިއްލަ ގައުމުގެ ސަޕޯޓަރުން ނުލާއެވެ. އެއީ މެޗަކުން މޮޅުވާން އެ ޓީމަށް ދިމާވާނެ އެންމެ ބޮޑު އެއް ދަތިކަމެވެ. ގައުމުގައި ހިނގަމުންދާ ދާޙިލީ ހަނގުރާމައާއެކު އެ ސަލާމަތީ ހާލަތަށް ބަލައި ސީރިއާގައި އެއްވެސް އޮފިޝަލް މެޗެއް ގައުމުގައި ނުކުޅެވޭ ގޮތް ފީފާއިން ވަނީ ހަދައިފައެވެ.

އެހެންކަމުން ސީރިއާގެ ހޯމް މެޗްތައް މިދިޔަ ފަސް އަހަރު ކުޅެފައި ވަނީ ނިއުޓްރަލް ސްޓޭޑިއަމްގައެވެ. އެގޮތުން ރާއްޖެއާ ދެކޮޅަށް މިއަދު ބައްދަލުކުރާ މެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީގައެވެ.

އެކި އެކި ފިއްތުންތަކާ އެކު ވެސް މިވަގުތު ދުނިޔޭގެ ރޭންކިންގެ 85 ވަނައިގައި އޮތް ސީރިއާ ވަނީ މިދިޔަ އަހަރު ރޭންކިންގްގައި ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގައި އެ ގައުމު އޮތީ ދުނިޔޭގެ ރޭންކިންގްގެ 73 ވަނައިގައެވެ. އެ ޓީމުން ރޭންކިންގްގެ އެންމެ ދަށަށް ދިޔައީ ގައުމުގައި ހަނގުރާމަ އެންމެ ބޮޑުވި ދުވަސްވަރު ސެޕްޓެމްބަރ 2014 އިން ފެށިގެން މާޗް 2015 އާއި ދެމެދުއެވެ. އޭރު އެގައުމު އޮތީ 152 ވަނައިގައެވެ.

ސީރިއާގައި ގައުމީ ފެންވަރުގެ ލީގެއް ކުޅުނު ނަމަވެސް އެ ގައުމަށް ނިސްބަތްވާ ގައުމީ ޓީމު ގިނަ ކުޅުންތެރިންނަކީ ގައުމުން ބޭރުގެ އެކި އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ގައުމީ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު ފަޖުރު އިބްރާހިމްއެވެ. ނަމަވެސް މިއަދުގެ މެޗަށް އެ ޓީމު ނުކުންނަ އިރު ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް މެޗަށް ނާދެވުނުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ވޯލްޑްކަޕް ކޮލިފައިން ގްރޫޕް އޭގައި ގުއާމް ނޫން ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޗައިނާ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ސީރިއާއެވެ. ތިން ވަނައިގައި ފިލިޕީންސް އޮތްއިރު، ރާއްޖެ އޮތީ ހަތަރު ވަނައިގައެވެ. ފަސް ވަނައިގައި އޮތީ ޕޮއިންޓެއް ނުލިބި ގުއާމްއެވެ.

ރާއްޖޭން ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފައެވެ. އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޯލުން ރާއްޖެ ލީޑުނަގާފައި ވަނިކޮށް ސީރިއާއަށް އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި އަލާ ޝިބްލީއެވެ. ރާއްޖެ މޮޅުވީ އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވައްދާލި ގޯލުންނެވެ.

comment ކޮމެންޓް