ސައުދީ އަންހެނުންނަށް އަސްކަރިއްޔާއަށް ވަނުމުގެ ހުއްދަ ދީފި

ސައުދީ އަންހެނުންނަށް މިހާރު ސިފައިންގެ އާއި ފުލުހުންގެ ގޮތުގައި ހިދުމަތް ކުރެވޭނެ -- ފޮޓޯ: އީޕީއޭ

ރިޔާޒު (އޮކްޓޯބަރު 10): ސައުދީ އަރަބިއާގެ އަންހެނުންނަށް އަސްކަރިއްޔާއަށް ވަނުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް އެގައުމުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މިހާރު އެގައުމުގެ އަންހެނުންނަށް އަސްކަރިއްޔާގައި ޕްރައިވެޓް ފަސްޓް ކްލާސް އާއި ކޯޕްރަލް އާއި ސާޖެންޓުގެ މަގާމު އަދާ ކުރެވޭނެ އެވެ.

މިދިޔަ އަހަރު އެގައުމުން ވަނީ އަންހެނުންނަށް ފުލުހުންގެ ގޮތުގައި ހިދުމަތް ކުރުމުގެ ހުއްދަ ދީފަ އެވެ.

ސައުދީން އެބަދަލުތައް ގެންނަނީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންނަވާ އިގުތިސާދީ އަދި އިޖުތިމާއީ އިސްލާހުތަކުގެ ދަށުންނެވެ. އެގޮތުން އަންހެނުންނަށް ލިބިދީފައިވާ ހައްގުތައް އިތުރު ކުރުމުގެ ގޮތުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދީ، މަހުރަމެއްގެ ހުއްދައާ ނުލައިވެސް ގައުމުން ބޭރަށް ދަތުރު ކުރުމާއި ޔުނިވާސިޓީއެއްގައި ކިޔެވުމާއި ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ނަމަވެސް ހަމަ މިދިޔަ އަހަރު ސައުދީން ވަނީ އަންހެނުންނަށް ހައްގުތަކަށް ހޯދައިދިނުމަށް ގޮވާލާ އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އެކްޓިވިސްޓުން ވަނީ ޖަލުގައި އެމީހުންނަށް އަނިޔާކުރާ ކަމަށް ބުނެފަ އެވެ.

ސައުދީ ވަލީއަހުދު 2030އަށް ކަނޑައަޅުއްވާފައިވާ ތަސައްވަރުގެ ދަށުން އެގައުމުގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ފަތުރުވެރިކަން ކުރިއަރުވާ، ވަޒީފާ އަދާ ނުކުރާ މީހުންގެ އަދަދު މަދު ކުމުރުގެ ގޮތުން، އަންހެނުންނަށް ވަޒީފާ ދޭ މިންވަރު އިތުރު ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް