ފުރާތު ކޯރުގެ އިރުމަތީގައި ތުރުކީން ވަރުގަދަ އަސްކަރީ އޮަޕަރޭޝަނެއް ފަށައިފި

އުރުދުޣާން

އަންކަރާ (އޮކަޓޯބަރު 9) : ސޫރިޔާގެ އިރުއުތުރުން ފުރާތު ކޯރުގެ އިރުމަތީގައި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއަދު މެންދުރުފަހު މި އޮޕަރޭޝަން ފެށިކަން އިއްލާން ކުރައްވަމުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އެ އޮޕަރޭޝަންގެ އަމާޒަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނާއަދި ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތް ނެތިކޮށްލުންކަމުގައެވެ. ނަމަވެސް އައިއެސް ޖަމާއަތަކީވެސް ތުރުކީގެ ލަނޑުދަނޑިއެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން އާންމުންގެ އެތަށް ހާސްބަޔަކު މަރުވެ، ޒަޚަމްވެ އަދި ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހިގެންދާނެކަމަށް ބެލެވޭ މައްސަލާގައި އދ. އާއި އަދި ސަރަހައްދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިޥާއިރު އުރުދުޣާން ވަނީ އެ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ ބައިބައިވެ ސޫރިޔާގެ ބިމުގެ އެއްބައިވަންތަކަން ގެއްލުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. "ސްޕްރިންގް އޮފް ޕީސް" ގެ ނަމުގައި ފެށި އެ އޮޕަރޭޝަންގައި އާންމުންނަށް ރައްކާތެރިކަން ދޭނެކަމަށާ އަމާޒަކީ "ޓެރަރިސްޓުން" ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ފުރާތު ކޯރުގެ އިރުމަތީގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުންކަމަށް ތުރުކީން ތުހުމަތުކުރާއިރު އެސަރަހައްދުގައި ފައިހަރުކޮށްލައިގެންތިބި އައިއެސް ގެ ހަނގުރާމަވެރިން ބަލިކޮށް ސޫރިޔާގެ ބިމުގައި އައިއެސް ޖަމާއަތް އިނދަޖައްސާލީ ވެސް "ވައިޕީޖީ" ގެ ނަމުން ނަންދީފައިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނެވެ.

މިއަދު ފެށި އަސްކަރީ އޮޕަރޭޝަންގައި ތުުރުކީ ސިފައިން ސޫރިޔާގެ ކުރުދީންގެ ސިޓީއެއް ކަމަށްވާ ރައްސުލްޢައިން އަށް ބޮން އަޅަނީ (އެއްގަޑީއިިރު ކުރިން)

އަސްކަރީ އޮޕަރޭޝަނުން ހާސިލް ކުރަން ތުރުކީ ބޭނުންވަނީ ދެ ލަނޑުދަނޑިއެކެވެ. ފުރަތަމަ ލަނޑުދަނޑިއަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީންގެ "ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް" (ވައިޕީޖީ) ގެ ހަނގުރާމަވެރިން ފައްސާލައި އެމީހުން ވިއްސިވިހާލިކޮށްލުމެވެ. ދެވަނަ ކަމަކީ އަމާން ސަރަހައްދުގެ ނަމުގައި 500 ކިލޯމީޓަރުގެ ދިގު އަދި 30 ކިލޯމީޓަރުގެ ފުޅާ ސަރަހައްދެއް ގާއިމްކޮށް ތުރުކީގައި ދިރިއުޅޭ ސޫރިޔާގެ 3.5 މިލިޔަން ރެފިއުޖީން އެސަރަހައްދަށް ގެނަސް ވަޒަންވެރި ކުރުވައި ސޫރިޔާގެ ރެފިއުޖީން ތުރުކީން ބޭރުކޮށްލުމެވެ.

ކުރުދީންގެ "ވައިޕީޖީ" ހަނގުރާމަވެރިންނަކީ ޒަމާންވީ އެމެރިކާގެ އަސްކަރީ ބައިވެރިން ކަމަށްވިޔަސް ތުރުކީ ސިފައިންގެ ކިބައިން އެމީހުން ހިމާޔަތްކޮށް ނުދީ އެމެރިކާވަނީ މީގެ ތިން ދުވަސްކުރިން އެސަރަހައްދުން ފައިބާފައެވެ. އެސަރައްދުގައިތިބި އެމެރިކާ ސިފައިން ބާލައި އެމީހުން އެހެންތަނަކަށް ގެންދަން ނިންމީ ތުރުކީ ސިފައިންގެ ކުރިމަތީގައި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން ހިމާޔަތް ކުރުމަކީ އެމެރިކާއަށް ކުރެވޭވަރަށްވުރެ ބޮޑުކަމަކަށްވެފައި އަދި އެއީ ޚަރަދުވެސް ބޮޑުކަމަކަށްވާތީ ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

ތުރުކީ ސިފައިން ސޫރިޔާގެ އުތުރުގެ ކުރުދީން ސަރަހައްދު ތަކަށް އަރައި ހަރަކާތްތެރިވަނީ

މިއީ އެމެރިކާ ވީ ޚިޔާނާތެއް ކަމަށް އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ސޫރިޔާގެ "ވައިޕީޖީ" ކުރުދީން ވަނީ ސިފަކޮށްފައެވެ. ނަމަވެސް "ވައިޕީޖީ" ހަނގުރާމަވެރިންނަކީ އެމެރިކާ ވަރަށް މޮޅަށް ތަމްރީންކޮށް އެމެރިކާގެ ޒަމާނީ ބަރުހަތިޔާރު ދީފައިވާ ތަޖްރިބާ ކާރު ބައެއް ކަމަށްވާތީ އެއްގަމު މަގުން ކުރިމަތިލައިގެން އެމީހުން ބަލިކޮށްލުމަކީ ތުރުކީ ސިފައިންނަށް ފަސޭހަ ކަމަކަށްނުވާނެއެވެ.

އެމެރިކާގެ މި ޚިޔާނާތާއެކު ތުރުކީ ސިފައިންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި ސޫރިޔާގެ ކުރުދީ ލީޑަރުންވަނީ ދުޝްމަނުންގެ ގޮތުގައި އެމީހުން މިހާތަނަށް ދެކެމުންދިޔަ ސޫރިޔާ ސިފައިންނާ ގުޅިގެން ތުރުކީ އާ ދެކޮޅަށް ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވާ ކަމުގެ އިންޒާރު ދީފައެވެ. މިމައްސަލާގައި ސޫރިޔާގެ ކުރުދީ ލީޑަރުން ސޫރިޔާ ސަރުކާރާ މިހާރު ވާހަކަ ދައްކާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސޫރިޔާ ސަރުކާރުން ދެކެނީ އެގައުމުގެ އުތުރަށް ގަވައިދާ ޚިލާފަށް އަރައިތިބި ތުރުކީ ސިފައިންނަކީ ސޫރިޔާގެ ބިންތަކަށް ވެރިވެގަތުމަށާ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދު ދިނުމަށް ހަރަކާތްތެރިވާ އިސްތިއްމާރީ ބާރެއްގެ ގޮތުގައެވެ. ސޫރިޔާގެ އުތުރަށް ގަވައިދާ ޚިލާފަށް އަރައިތިބި އެމެރިކާ ސިފައިނާމެދުވެސް ސޫރިޔާ ސަރުކާރުން ދެކެނީ މިގޮތަށެވެ. އެމެރިކާއާއި ތުރުކީގެ މަދަދު ލިބޭ ސޫރިޔާގެ ބާޣީން ބަލިކުރުމަށްފަހު އެމެރިކާއާއި ތުރުކީ ސިފައިން ސޫރިޔާގެ އުތުރުން ފައްސާލާނެކަމުގެ އިންޒާރު ސޫރިޔާ ލިޑަރުން އެތަށްފަހަރަކުވަނީ ދެއްވާފައެވެ.

ތުރުކީ މިއަދު ފެށި އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ސޫރިޔާގެ ކުރުދީންގެ "ވައިޕީޖީ" ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ގުޅިގެން ތުރުކީ ސިފައިންނާ ކުރިމަތިލައިފިނަމަ ތުރުކީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްލިބި އަމާން ސަރަހައްދުތައް ގާއިމް ކުރުމުގައި ތުރުކީވިލާތް ނާކާމިޔާބުވުން ގާތްކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.

އަދި ތުރުކީގެ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެސަރަހައްދުގެ އާންމުންގެ އެތަށް ލައްކަބަޔަކު އަނެއްކާ ތުރުކީއަށް ވަންނާނެ ކަމާ އެއީ ތުރުކީއަށް ތަހައްމަލް ނުކުރެވޭވަރުގެ ބޮޑު ޚަރަދަކަށް ވެގެންދާނެކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. މީގެކުރިން ތުރުކީން ސޫރިޔާގެ ކުރުދީންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުންވެސް ތުރުކީ ސިފައިންނަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް