މަޖުބޫރު ވީމާ - 20

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"އަހަރެންގެ ބައްޕަ މި ދުނިޔެ ދޫކުރީ ޔާސިރުގެ ސަބަބުން. އެއީ ވެސް ވިކްޓިމްއެއް... ގާތިލެއް ނޫން..." ކުއްލިއަކަށް އިވުނު ބަސްތައް ރާފިހްގެ ސިކުނޑިއަށް ގަބޫލުކުރަން ދަތިވިއެވެ. އެހާ ބާރަށް ވާހަކަ ދެއްކުނީވެސް އެހެންވެއެވެ.

"ތިހެން ކިހިނެތްވާނީ... ތީ ތެދެއް ނޫން އޮޅުމެއް..." ރާފިހް ބުނެލިއެވެ. އިވުނު ހަޤީގަތް ގަބޫލުކުރަން އޭނާ ތައްޔާރެއް ނޫނެވެ.

ކީކޭތަ ތިކިޔަނީ؟ ތި އެންމެންނަށް ތި ކިޔާ އެއްޗެއް އެބަ އެނގޭތަ؟ އަހަރެންގެ ބައްޕަގެ ބޮލުގައި ތި އަޅުވަނީ ކޮންފަދަ ނުބައި އިލްޒާމެއްކަން އެނގޭތަ އެބަ؟" ރާފިހް ނަވީންއަށް ފުންކޮން ބަލާލިއެވެ. އޭނާގެ ދެލޮލުގެ ތޫނުކަމުން ހުދު ނަވީންވެސް ހައިރާންވިއެވެ. އެމީހުން ދައްކާ ވާހަކަ ރާފިހް ގަބޫލު ނުކޮށްފާނޭ ކަމުގެ ފެހި ސިގްނަލެއް އޭނާއަށް ލިބުނު ފަދައެވެ.

"ރާފިހް.... އަހަންނަށް އެނގޭ ރާފިހްއަށް މި ވާހަކަ ގަބޫލުކުރަން ފަސޭހަ ނުވާނެކަންވެސް އެކަމަކު މިއީ ހަޤީގަތަކީ... މި ހަޤީގަތަށް ފިލަން އުޅުމަކުން ވެދިޔަކަމެއް ބަދަލެއް ނުކުރެވޭނެ" ނަވީން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އެއަށްފަހު އޭނާ އާހިލްއަށް ވެސް ބަލާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ސިކުނޑިއަށް ނައީ ކަންނޭގެއެވެ.

"ކޮން ހެއްކެއްގެ މައްޗަށް ބުރަވެ ތިބެ ތިހެން ތި ވާހަކަ ދައްކަނީ؟" ރާފިހް ރުޅި އަންނަން ފެށިއެވެ. އެއްއިރެއްގައިވެސް އޭނާ އަކީ ނަވީން ހާ ރުޅި މަޑު މީހެއްނޫނެވެ. ކެތްތެރިވެސް މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް މި ފަހަރުވެސް ރުޅިގަނޑު ކޮންޓްރޯލް ކުރަން އުނދަގޫވީއެވެ.

"ރާފިހް ކާމް ޑައުން... މި ވާހަކަ ރާފިހްއަށް ވެސް އެނގުން މުހިންމު ކަމަށް ދެކޭތީ މި ބުނެލީ... ކޭން ޔޫ ސީ މައި މަމް... އަހަރެންގެ މަންމަގެ ހާލަތު ފެނޭތަ؟ އަހަރެންގެ މަންމަގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނެ ރާފިހްގެ ބައްޕަވެސް... ރާފިހްއަށް ގަބޫލު ނުކުރެވުނަސް ހެޔޮ.... ކުރިމަތިން ފެންނަން މިހުރި ހެކި ނުފުދޭތަ؟ އިބާގެ ބަސްތައް ހެއްކަކަށް ނުފުދޭތަ؟ ނޫނީ ރާފިހް ތި ބުނަނީ އެއީ އިބާ ހަދަ ހަދައިގެން ދައްކާ ވާހަކައެކޭތަ؟ " ނަވީންވެސް ހިންހަމަ ނުޖެހުނެވެ.

"ތިއީ ތެދަކަށް ނުވެއްޖެއްޔާ؟" ރާފިހް އަހާލިއެވެ.

"ހަޤީގަތަކަށް ނުވެއްޖެއްޔާ އަހަރެން ރާފިހް ގާތުން މާފަށް އެދޭނަން. މި ހުރިހާ ކަމެއްގެ ފުނަށް ދާއިރު ރާފިހްގެ ބައްޕަގެ އަތެއް މިއިން އެއްވެސް ކަމެއްގައި ނެތިއްޔާ އަހަރެން ހުވާކުރަން ރާފިހްގެ ބައްޕަގެ ބޮލުގައި މިއިން އެއްވެސް ކަމެއް ނޭޅޭނެ... އެކަމަކު ރާފިހްގެ ބައްޕަގެ އަތެއް މިކަމުގެ ވަންޏާ އަހަރެން ދުލެއް ނުދޭނަން... ރާފިހް އަހަންނާ ދެކޮޅަށް ދިޔަޔަސް ހެޔޮ... މިއީ އެންމެ މީހެއް ދިރިއުޅުމާއި ގުޅިފަ އޮތް ކަމެއް ނޫނޭ... ކިތަން މީހުންނަށް އަސަރު ކޮށްފިތަ؟ ކިހިނެތް އެނގެނީ ޔާސިރު މެން މަރާލީ އެ އަންހެން މީހާ އެކަނިކަމެއް ވެސް... އިތުރު ބައެއް މަރާވެސް ލާފަ އޮވެދާނެނު. އެއްވެސް ހަޤީގަތެއް ނޭނގޭނެ... މިއަދު ރާފިހް އަށް އަހަރެން ދެކެ ރުޅި އައުން ހައްގުކަމަށް ދެކެންޏާ އަހަރެންވެސް ދެކޭނަން ރާފިހް ދެކެ ރުޅި އައުން ހައްގު ކަމުގައި. ސަބަބަކީ އަހަރެންގެ މަންމަގެ ހާލަތުގެ ޒިންމާ ރާފިހްގެ ބައްޕަ ހާދީވެސް ނަގަން ޖެހޭތީ" ނަވީން އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާ ނިންމާލިއެވެ.

"އަހަރެން ފަހަރެއްގައިވެސް ނުބުނަން ހާދީ ނުކުރާ ކަމެއްގެ ޒިންމާ އަޅޫވާނަމެކޭ... އެކަމަކު މިއީ ފެންނަން އޮތް ހަޤީގަތެކޭ ރާފިހް! ވިސްނާލަބަލަ.... ޔާސިރު އަކީ ހުރިހާ ގޮތަކުންވެސް ބާރުގަދަ މީހެއް... އަހަންނަށް ކިޔަވައިދިނީ ޔާސިރު... މުއްސަނދި އަރާމު ދިރިއުޅުމެއް ހޯދައިދިނީ ޔާސިރު... އޭނާގެ މުދަލުގެ ސަބަބުން އަހަރެންނަށް މިހާ ތަނަވަސްކަމުގެ މިއުޅެނީ... އެކަމަކު މިއިން އެއްވެސް ކަމަކަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ އިންސާފު... އަހަރެންގެ މަންމައަށް... އަދި އެރޭ ޔާސިރު މެން މަރާލި އަންހެން މީހާއަށް... " ރާފިހް އެއްޗެއް ނުބުނުމުން ނަވީން ދެންވެސް ވާހަކަ ދެއްކިއެވެ. އޭނާ ބޭނުންވީ ކޮންމެ ގޮތަކުންވެސް ރާފިހްއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.

"ރާފިހް... އެއީ ދެވަނަ އެހެން މީހެއްނޫން...އެއީ ހަމަ ރާފިހްގެ ބައްޕަ... އެއީ އަހަރެން ކިތަންމެ ކުޑަ އިރުގެ ހަނދާނަކަށްވިޔަސް އަހަރެންއަދިވެސް ރީތިކޮށް އެ މަންޒަރު ހަނދާން ހުރޭ! ކުރިމަތިން އަދިވެސް ސިފަވޭ... ހުވަފެނުން ވެސް ބައެއްފަހަރު ފެނޭ!" އިބާ ސޯފާއިން ތެދުވެ ރާފިހްއާއި ކުރިމަތިލިއެވެ.

"ރާފިހް... ހަނދާންކޮށްބަލަ... އެންމެ ކަމެއް... އެންމެ އިޝާރާތެއް ވެސް ނެތްތަ ހާދީގެ ފަރާތުން ފެނިފައެއް... އެޓްލީސްޓް އޭނާ ބުނި ބަހެއްވެސް ތި ސިކުނޑިއަކަށް ނާދޭތަ؟ ހަނދާންކޮށްބަލަ... ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ވާން ކޮށްލާފަ ބުނެބަލަ..." އެދޭތެރެއަށް ވަދެ ނަވީން އަނެއްކާވެސް އެއްޗެކޭ ބުނެލިއެވެ. އިބާގެ ވާހަކައިން ރާފިހްގެ ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. މަޑުމަޑުން ބޮލުގައި ހިފައްޓާލުމާއެކު އޭނާ ސޯފާގައި އިށީނެވެ. އަދިވެސް ހިތް އެދެމުން ދިޔައީ ހާދީ އާ ބެހޭގޮތުން ނަވީންމެންނަށް ހީވެފައި އޮތް ހީވުން އެއީ ދޮގަކަށްވޭތޯއެވެ.

މި ހުރިހާ ދުވަހު އިންސާފު ހޯދުމަށް އޭނާއަށް މިއުޅެވުނީ ހަމަ ޔާސިރުގެ ފިޔަވަޅުމަތިން ހިނގި އޭނާގެ ބައްޕައަށް ބާއެވެ. އޭނާގެ ބައްޕަ ވަނީ ހަމަ އެ ރަހުމު ކުޑަ އަމަލު ހިންގުމުގައި ބައިވެރިވެފައި ހެއްޔެވެ؟ އެހެންވެއްޖެ ކަމުގައި ވާނަމަ އޭނާ ހަދާނީ ކިހިނެތްހެއްޔެވެ؟.

"ރާފިހް ވިސްނާލަބަލަ.... އަހަރެންގެ މަންމަ ގެއްލި އިތުރު މީހެއް މަރާލެވުނު ފަހުން ޔާސިރު ރާފިހްގެ މައްޕަ މަރާލީމަ އެއްޗެއް ނުވިސްނޭތަ.... އަހަރެންގެ ސިކުނޑި ވިސްނަދެނީ، އެކަމުގެ ފަހުން ރާފިހްގެ ގެ ބައްޕަ ޔާސިރުމެންނާ ދެކޮޅަށް ތެދުވީމަ ޔާސިރުމެން އޭނަ މަރާލީކަމަށް... ހުރިހާ ކަމެއް ގުޅުވާލެވެނީ މިހެން... އެކަމަކު ޔަގީން ކުރެވޭނީ އެންމެ ފުނަށް ދެވިގެން... ޔާސިރު ގެ މީހުން ބައިވަރު... އޭނާ ސަލާމަތްކުރަން އަންނާނޭ މީހުންވެސް ބައިވަރު... އެންމެ ފިޔަވަޅެއް އަހަރެމެންނަށް ކަތިކޮށް އެޅިއްޖެއްޔާ އެކަމުގެ ފައިދާ ޔާސިރު ނަގާނެ.... " ނަވީން ވާހަކަ ދެއްކިއެވެ.

ރާފިހްގެ ސިކުނޑިވެސް މަސައްކަތް ކުރަން ފެށިއެވެ. ނަވީން ދައްކަމުން ދިޔަ ވާހަކައަށް ސިކުނޑި އާބަސްދޭން ފެށިނަމަވެސް ހިތް ހުރަސް އަޅަނީ އޭނާ ބައްޕަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

"އަދިވެސް ރާފިހް އަށް ގަބޫލެއް ނުކުރެވޭދޯ! އެންމެ ރަނގަޅު ރާފިހް... ޔާސިރުގެ ކިބައިން ހަޤީގަތް ފަޅާ އަރާ ދުވަހު އެނގޭނެ ރާފިހްގެ ބައްޕަ އެކަމުގައި ބައިވެރި ވާކަންވެސް... އަދި ކީއްވެކަން އެމީހުން ހާދީ މަރާލީކަންވެސް އެނގޭނެ.. އެދުވަހުން އަހަރެން ރާފިހް ކައިރިއަށް ދާނަން.... " ނަވީން ވާހަކަ ދައްކާ ނިމުނުއިރުވެސް ރާފިހް އިނީ ބޮލުގައި އަތް އަޅާލައިގެންނެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަނީ ހެންނެވެ. ނަވީން ދެއްކި ވާހަކަވެސް ރާފިހްއަކަށް ރަނގަޅަށް އަޑު އިވޭ ގޮތެއްނުވެއެވެ. ސިކުނޑީގެ ޚިޔާލުތައް ވަނީ އެހެން ދިމާލެއްގައެވެ.

"އަހަރެން ގަބޫލުކުރަން... އާނ! އޭނަ އެފަދަ ކަމެއް ކޮށްފަ އޮވެދާނެ!" ކުއްލިއަކަށް ރާފިހް ނަވީންއަށް ބަލާލައިފިއެވެ. ހީވަނީ ކޮންމެވެސް ހަނދާނެއް ވީހެންނެވެ. ނަވީންވެސް ބުމަ އަރުވާލަމުން އަނެއްކާ ކިހިނެތްވީހޭ އަހާލިއެވެ. އެއާއެކު ރާފިހް ފުންނޭވާއެއް ލަމުން އޭނާގެ ކުޑައިރުގެ ހަނދާނެއް އާކުރަން ފެށިއެވެ. ފަނޑުފަނޑުކޮށް ނަމަވެސް އެ ހަނދާން އައިސް އޭނާގެ ސިކުނޑީގައި ކޮށްޓާލިއެވެ.

*****

ރާފިހްއަށް ހޭލެވުނީ ހާދީ ގެއަށް އައިސް ވަތް އަޑަށެވެ. ދެލޯ ހުޅުވާލާފައިވެސް އޭނާ ދެލޯ މަރާ ބާރުކޮށްލީ ނިދިއައިސް ހުރި ލެއް ބޮޑުކަމުންނެވެ. ތެދުވާހިތެއްވެސް ނުވިއެވެ. ވިއްސާރަ މޫސުމަށް ވާތީ ފަޒާގެ ތެތްފިނިކަން ވެސް ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ކުޑަދޮރު ހުޅުވާލާފައި ހުރީތީއެވެ. ހާދީ ގޮސް ކުޑަ ދޮރު ލައްޕާލި އަޑު އިވުނެވެ.

"ރާފިހް ގާތު ކިތަންމެ ފަހަރަކު ކުޑަ ދޮރު ލައްޕަން ބުންޏަސް ހަނދާނެއް ނުހުންނާނެ!" އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ހާދީ އައިސް ސޯފާކައިރީގައި ހުއްޓުނުކަން އެނގުނެވެ. އެ ވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ތަންކޮޅެއް ދުރަށް ޖެހިލާ އޭނާ ފޯނަށް ޖަވާބުދިނެވެ. ރާފިހްއޭނާގެ ދެލޯ ކުޑަކޮށް ހުޅުވާލަމުން ހާދީއަށް ބަލާލިއެވެ. ހާދީ ދައްކަމުން ދިޔަ ވާހަކަ އޭނާ އަށް އަޑުވެސް އިވުނެވެ.

"އެންމެ ރެއަކުވެސް އަހަންނަށް ނުނިދެޔޭ ބުނެފީމެއްނު... އަހަރެން ހުރިހާ ވާހަކަ އެއް ކިޔައިދޭނަން... އަހަރެން ބައިވެރިވިޔަސް އެއީ ކުޑަކަމެއް ނޫނޭ...މީހެއްގެ ފުރާނަ އާ ކުޅުމަކީ މޮޅުކަމެއް ނޫން ކަން އެނގިއްޖެ!" ހާދީގެ އަޑު ކޮންމެވެސް ވަރަކަށް ބާރުވިއެވެ. އެހެންނަމަވެސް ނިކަން އަވަހަށް އެ އަޑު މަޑުކޮށްލަމުން އޭނާ ދެން ވާހަކަ ދައްކަން ފެށީ ދަތްތަކަށް ބާރުލައިގެންކަން އަޑު އައި ގޮތުން އިވުނެވެ. މިފަހަރުވެސް ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލަމުން ހާދީ ފޯނު ކަނޑާލިއެވެ. އެއަށްފަހު ރާފިހް އާ ދިމާލަށް އެނބުރިލިއެވެ.

"ދަރިފުޅު ހޭލީތަ؟" ހާދީ އެ ދިމާލަށް އަންނަމުން އަހާލިއެވެ.

ރާފިހް ބޯ ޖަހާލިއެވެ.

ހާދީ އާއެކު ރާފިހް ކޮޓަރިއަށް ވަނީ މާބޮޑު ވިސްނުމަކާ ނުލައެވެ.

*****

އެރޭގެ ހަނދާންތައް އާވުމާއެކު ރާފިހްއަށް ނިތް ކުރީގައި މަޑުމަޑުން އަތް ޖައްސާލެވުނެވެ. ކޮންމެވެސް ވަރަކަށް ނުތަނަވަސްވެ ދެންމެ ނަވީން ދެއްކި ވާހަކަ ތަކާ މެދު ފުންކޮށް ވިސްނާލެވުނެވެ.

"ކިހިނެތްވީ ރާފިހް؟ ކޮން ޚިޔާލެއްގަ؟" އަމިއްލަ ދުނިޔެއިން އޭނާއަށް ނުކުމެވުނީ ނަވީން ގޮވާލުމާއެކުގައެވެ. އޭނާ އެތަނުގައި ތިބި ތިން މީހުނަށް ބަލާލިއެވެ. އެއަށްފަހު އެރޭގެ ހާދިސާ ކިޔައިދިނެވެ. ފުރަތަމަ ފަހަރަށް އިބާގެ ވާހަކައަށް އޭނާއަށް އެއްބަސްވެވުނެވެ. އެއާއެކު އޭނާގެ ހަށިގަނޑުގައި މަޑު ފިނިކަމެއް ދަތުރު ކޮށްލިއެވެ. ބައްޕަ އާ މެދު ޝަކުވާ އުފެދުނެވެ.

މަޑުމަޑުން ހުރިހާ ކަމެއްވެސް މިދަނީ ނިއުޅެމުންނެވެ. ޔާސިރުގެ އަނގައިން ހަޤީގަތް ބޭރުވާ ދުވަހު އޭނާގެ ބައްޕަގެ ހަޤީގަތްވެސް ދުނިޔޭގެ ކުރިމައްޗަށް ފާޅުވާނެއެވެ. އެފަދަ ބައްޕައެއްގެ ދަރިއަކަށްވީތީ މިއަދި ރާފިހް ލަދުގަނެއްޖެއެވެ. އެ ބައްޕައާމެދު ހިތް ޝަކުވާއިން ފުރިއްޖެއެވެ. އޭނާގެ ހާލަތު ނަވީންއަށް އިޙްސާސްކުރެވުނީ ކަންނޭގެއެވެ. ގާތުގައި ސޯފާގައި އިށީނދެފައި ރާފިހްގެ ކޮނޑުގައި ޖަހާލިއެވެ. ހިތްވަރުގެ ދެތިން ބަހެއް ބުނެލިއެވެ.

"އަހަރެން ބޭނުން މިހާރުން މިހާރަށް ހަޤީގަތް އެނގެން... އެ ހެޔޮ އެއިން ކޮންމެ މީހަކަށް ބިރުދައްކައިގެންވިޔަސް" ރާފިހް ކުއްލިއަކަށް ތެދުވަމުން ބާރަށް ބުނެލިއެވެ. އޭނާ ފިޔަވަޅުތައް ދޮރާ ދިމާލަށް އަޅާލުމާއެކު ނަވީންގެ އިޝާރާތައް އާހިލް އޭނާގެ ކުރިމައްޗަށް އަރާ ހުއްޓުވިއެވެ.

"ރާފިހް.... މިއީ ޒަޒުބާތުގަ ޖެހިގެން ކަންތައް ކުރަންވީ ވަގުތެއް ނޫން... ވިސްނައިގެން ކޮންމެ ކަމެއްވެސް ނިންމަން ވާނީ... ހަނދާންކުރާތި! އަހަރެމެން ކުރިމަތި މި ލަނީ ޔާސިރުއާ ކަން" ނަވީން ފަހަތުން އައިސް ރާފިހްގެ ކޮނޑުގައި އަތް ލަމުން ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަސީބަކުން އޭނާގެ ރުޅިވެސް މަޑުވެއްޖެއެވެ. ނަވީން ނެތްނަމަ މިއަދުވެސް އޭނާ ޖަޒުބާތުގައި ޖެހި ގޯސް ފިޔަވަޅެއް އެޅީހެވެ.

ޔާސިރުއަކީ އޭނާ ބޭނުންވާކަމެއް އެގޮތަކަށް ކޮށްފައި ނޫނީ ހުއްޓާ މީހެއް ނޫނެވެ. އޭނާގެ ނުފޫޒުވެސް އެހާ ގަދައެވެ. ބިޒްނަސް އެކްސްޕާރޓްސް ކުންފުނީގެ ޗެއާރމަންގެ މަގާމު އޭނާގެ އަތުގައި މިވަގުތު އޮތީ އެތައްބައެއްގެ ތާއީދާއި އެކުގައެވެ. އެހެންކަމުން އޭނާ އެމަގާމުން ދުރުކުރަން ވެސް ފަސޭހައެއް ނުވާނެއެވެ. ފައިސާ ހުރިއްޔާ ނުފޫޒުގެ ބޭނުން ކޮށްގެން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެހެންކަމުން ޔާސިރުގެ ތާއީދާއި އޭނާގެ މަގާމު އޭނާގެ އަތުން ގެއްލުވާލަން ނަވީން ނުހަނު ބޭނުންވިއެވެ. ފަހަރެއްގައިވެސް އޭނާ އެ މުދާގަނޑު ބޭނުންވެގެން އުޅެނީ އެއްނޫނެވެ. އެހެންނަމަވެސް ޔާސިރުއާ ދެކޮޅަށް ތެދުވެވޭނީ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދައިގެން ކަމަށް ވީތީއެވެ. ޔާސިރު ބަލިކަށި ކޮށްލެވޭނެ ހަމައެކަނި ގޮތަކީ ވެސް އެއީއެވެ. އާއެކެވެ. ޔާސިރު އަކީ ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ހައްދު ފަހަނައަޅާފައިވާ މީހެކެވެ. އޭނާ އެންމެ އަވަހަށް ބަލިކަށި ކޮށްލެވޭނީ އޭނާގެ އަތުން ކޮންމެވެސް މުހިންމު އެއްޗެއް އަތުލައިގެންނެވެ.

*****

ރޭގަނޑެކެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ހަވީރުއްސުރެ ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންހެދިފައިވެއެވެ. ދުއްވާއެއްޗެހިވެސް މަދެވެ. ތޫފާން ވަރުގަދަ ކަމުން އެންމެހާ ސަލާމަތީ ފިޔަވަޅު އަޅައިގެން ތިބުމަށް ޓީވީތަކުންނާއި ރޭޑިއޯ ތަކުން އިލްތިމާސްކުރަމުން ދިޔައެވެ. މަގުމަތި އަމާންވެފައިވެއެވެ. ހީވަނީ މި ތޫފާނުން ސަލާމަތް ވުމަށް އެންމެންވެސް ގޭގައި ތިބީ ހެންނެވެ. ފަޒާގައި ހިފާފައިވަނީ އާދަޔާ ހިލާފް ފިނިކަމެކެވެ. ބައެއްފަހަރު ގުގުރުމާއެކު ވިދާލައެވެ. އެއިން ކޮންމެ ފަހަރަކު ކަންފަތުގައި އަތް އަޅާލަން ޖެހޭވަރުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވިއްސާރަ ކުރާނެކަން މެޓް އޮފީހުން ވެސް އޮތީ އިއުލާން ކޮށްފައެވެ.

މާހިރާ ސިޓިން ރޫމް ސޯފާގައި އިންއިރު އިބާ އުޅުނީ އެއްޗެހިތައް ހިއްކަން އަޅުވަން ވެގެންނެވެ. ސިޓިން ރޫމުގައި ހަރުގަނޑު ބަހައްޓާފައި އެއްޗެހި އަޅުވަން ހުރިއިރު އޭނާ އިރުއިރުކޮޅަކާ މާހިރާއަށްވެސް ނަޒަރު ހުއްޓާލައެވެ. އެއްޗެހި އަޅުވާ ނިމުނުތަނާ ގޭގެ ބެލް ޖެހި އަޑު އިވުނެވެ. ކާކުތޯ ބަލާލިއިރު ހުރީ ނުވެސް ދަންނަ ޒުވާނެކެވެ. ދޮރު ނުހުޅުވާ އޭނާ އަނެއްކާވެސް ސޯފާތަކާ ދިމާލަށް ހިނގައިގަތެވެ. ދެވަނަ ފަހަރަށްވެސް ބެލް ޖަހާލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން އައިސް ދޮރު ހުޅުވާލިއެވެ. އޭރުވެސް އޭނާ ހުރީ ދެ ޚިޔާލެއްގައެވެ.

ކިހިނެތްވީތޯ އަހާލެވުނީ ކިރިއާއެވެ. މީހަކު އޭނާގެ އަނގަމަތީގައި ފާޑެއްގެ ފޮތިގަނޑެއް ޖައްސާލިކަން އެނގުނެވެ. އެއަށްފަހު ދެން ވީ ގޮތެއް އިބާއަކަށް ނޭނގުނެވެ.

ސޯފާގައި އިން މާހިރާގެ ލޮލުގައ އެ މަންޒަރު އަޅައިގަތެވެ. އިބާގެ ވަރުދޫވެފައިވާ ހަށިގަނޑު ހިފައްޓާލި ފިރިހެންމީހާ އިބާ ގޭން ބޭރަށް ނެރުމަށްފަހު ސިޑިއާ ދިމާލަށް ގެންދަން ފެށިއެވެ. ސޯފާގައި އިން މާހިރާ ދެލޯ ބޮޑުކޮށްގެން އިނދެފައި ތެދުވިއެވެ. ގޭގެ ދޮރާ ދިމާލަށް ހިނގައިގަތްއިރު އޭނާގެ ދެފައި ކޮޅުގައި މަޑުތުރު ތުރު އެޅުމެއް ހުއްޓެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. ދޮރާ ހިސާބަށް ގޮސް އޭނާ ސިޑިން ފައިބަން ފެށިއެވެ. އެންމެ ތިރިއަށް ފޭބުނުއިރު ދެމީހަކު އިބާގެ ދެފަރާތުން ހިފައްޓާލައިގެން އެއްފަރާތެއްގައި ތިއްބެވެ.

"އޭތް... ހާދަ ލަސްވަނީ... މަބުނީމެއްނު ކާރުގަ އައިސް ރެޑީގަ ތިބޭށޭ... އަވަސްކުރޭ" އެކަކު ބުނެލި އަޑު އިވުނެވެ. މާހިރާ އާ ދިމާލަށް އެކަކު ބަލާލުމާއެކު އޭނާ ވަގުތުން ހުއްޓުނެވެ. އޭރުވެސް އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ކުއްލިއަކަށް ކޮންމެވެސް ވަރަކަށް ކުރީގެ ހަނދާނެއް އާވީކަންނޭނގެއެވެ. ބޮލުގައި އަތް އަޅާލުމާއެކު ކުޑަކޮށް ހަޅޭއްލަވައިގަނެފައި އޭނާ ފުންނޭވާއެއް ލިޔެވެ. ކުރިމަތި ބަލާލިއިރު އޭނާއާ ދިމާލަށް އިބާ ހިފައްޓައިގެން ހުރި ދެމީހުން ތެރެއިން އެކަކު އާދެއެވެ. އަނެއްކާވެސް އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ދެވަނަ ފަހަރު ހުޅުވާލުމާއެކު އޭނާ އެމީހާގެ އަތުނުޖެހި ގޭޓާ ދިމާލަށް ދުއްވައިގަތެވެ. ކަންފަތުގައި އަތް އަޅައިގެން ހުރި އިރު އޭރު އޭނާގެ މުޅި ހަށިގަނޑުވެސް ބިރުން ރޫރޫ އަޅަމުން ދިޔައެވެ. މަގުމައްޗަށް ނުކުމެވުނުކަން ވެސް މާހިރާއަށް ރޭކާނުލައެވެ.

ޔާސިރު އޭނާގެ ކާރުގައި ގެއަށް ދާން މިސްރާބުޖެހީ އެކުވެރިއަކު ނިޔާވެގެން އާސަހަރާގައި އުޅުމަށްފަހުއެވެ. ޑްރައިވަރު ގާތު ތަންކޮޅެއް ބާރަށް ދުއްވަން ބުނެފައި އޭނާ ގޮނޑީގައި ލެނގިލީ ކޮންމެވެސް ވަރަކަށް ވަރުބަލިކަން އިޙްސާސްވީތީއެވެ. ދެލޯ މަރާލައިގެން އޭނާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މުޅިންވެސް މާހިރާގެ ޚިޔާލްތަކެވެ. މިހާރުވެސް މާހިރާ އަތުޖެހިއްޖެއްޔާ މަރާނުލެވޭނެ ކަމެއްވެސް ނޭނގެއެވެ. އޭނާ އިނީ އެހާ ރުޅިވެސް އައިސްފަ އެވެ. މުޅީ މީހާ ވަނީ ހާސްކަމެއްގެ ތެރެއަށް ހުށައެޅިފައެވެ. އޭނާ އިނީ އަވަހަށް ގެއަށް ދާން ބޭނުންވެފައެވެ. އެހެންކަމުން ޑްރައިވަރު ގާތު އަދިވެސް ސްޕީޑް ބާރުކުރަން ބުންޏެވެ. ދުއްވަމުން ދިޔަ ކާރުގެ ސްޕީޑް އިހުނަށްވުރެ ބާރުކޮށްލަމުން ޑްރައިވަރު ފުން ނޭވާއެއްލީތަން ފެނުނެވެ. ހީވަނީ ދުއްވަން އުނދަގޫވެގެން އުޅޭހެންނެވެ. މަގުމަތީގައި ފެންގަނޑު އޮތީ އެހާ ބޮޑަށް ހެދިފައި ވިއްޔާއެވެ. ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދީގެން އޭނާ ސްޕީޑް އަނެއްކާވެސް ބާރުކޮށްލިއެވެ.

ކުއްލިއަކަށް އައި ނައި ދިމާލެއް ނޭނގި ކާރުގެ ކުރިމައްޗަށް މީހަކު އެރުމާއެކު ޑްރައިވަރު ބުރަކި ޖައްސާލިއެވެ. ހުޝިއާރުކަމާއެކު ބުރަކި ނުޖައްސާލެވުނު ނަމަ އެމީހާ އެ ކާރުގެ ދަށުވީހެވެ. އެ ވަރުންވެސް އެމީހާ ކުޑަކޮށް ކާރުގައި ޖެހުނެވެ. އޭނާ ލޯގަނޑުން ކުރިމަތި ބަލާލިއެވެ. ޔާސިރުވެސް ފަހަތު ސީޓުގައި އިނދެފައި ވީގޮތެއް ބަލާލަން ލޯ ހުޅުވާލިއެވެ. އެވަގުތު ކާރުގެ ކުރިމަތީގައި ހުރި ސޫރަ ފެނި އޭނާގެ ހަރަކާތް ހުއްޓި ދެލޯ ބޮޑުވިއެވެ.

"މާހިރާ" ނަފްސަށް ގުޑުން އަރައިފިއެވެ. ހިންދިރުވާލެވުނެވެ. އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި އިންއިރު ލިބުނު ޝޮކުގެ ސަބަބުން މުޅި ނާރުތަކުގައި މަޑު ފިނިކަމެއް ދަތުރު ކޮށްލިއެވެ.

މާހިރާ ލޮލުގެ މައްޗަށް ވާގޮތަށް އަތް ހުރަސްކޮށްލީ ލައިޓުން އުނދަގޫވެގެން ކަމެއް ނޫނީ ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުންކަމެއް ދެނެގަންނަން އުނދަގުލެވެ. މާހިރާއަށް ބަލަން އިން ޔާސިރު އޭރުވެސް އިނީ ހައިރާންވެ ހަދާނެ ގޮތް ނޭނގި ހުއްޓުން އަރާފައެވެ. ލޮލުގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. މިއީ އަނެއްކާ ހުވަފެނެއް ހެއްޔެވެ؟ ނޫނީ މިއީ ބިލާހެއް ހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/125342

comment ކޮމެންޓް