ކުރީގްލާގެ ރިޕޯޓް: ޝައުރީ ދާއިރާގެ އިސްލާހަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރޭ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން (ކ-ވ) އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ ސުޕްރީމު ކޯޓްގެ ފަނޑިޔާރުން މަގާމުން ދުރުކުރަން ކަމުގައި، އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފި އެވެ.

މިއީ މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެކެވެ.

ކްރީގްލާގެ ރިޕޯޓުގައި ވިދާޅުވެފައި ވަނީ، އޮޑިޓް ހެދުމަށް ޝަރުއީ ދާއިރާގެ ކަންކަން ހިނގާ ގޮތް ރަނގަޅަށް އެނގޭ ފަރާތްތަކާ ވާހަކަ ދައްކައި، މައުލޫމާތު ހޯދާފައިވާނެ ކަމަށެވެ.

މި ބައްދަލުވުންތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދިވެހިންގެ އިތުބާރު ކުޑަވެފައިވާ މިންވަރު ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ދިވެހިންގެ އިތުބާރު ގެއްލުމުގެ މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓު ކަމަށް ވެސް ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައިވެ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި، ގާނޫނުން އެ ކޯޓަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވާކަން އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ވަކިން ހާއްސަކޮށް 2018 ވަނަ އަހަރު އެ ކޯޓު ސިޔާސީވެ، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ގައުމަށް އައި ހަލަބޮލިކަމުގެ ޒިންމާވެސް ސުޕްރީމް ކޯޓުން ނަގަން ޖެހޭނެ ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށް، ފަނޑިޔާރުންގެ ބަހެއް ހޯދުމުގެ އިތުރުން، އަމިއްލައަށް ރިޓަޔާވުމާ ގުޅޭގޮތުން ފަނޑިޔާރުން ދެކެވަޑައިގަންވާ ގޮތެއް އޮލުންފިލުވާފައިވާނެ ކަމަށް ކްރީގްލާ ވިދާޅުވި އެވެ.

ތުހުމަތުތަކާ ގުޅިގެން ވެސް އެދެވޭ ޖަވާބެއް ފަނޑިޔާރުންގެ ފަރާތުން ނުލިބުނު އިރު، އަމިއްލައަށް ރިޓަޔާވުމުގެ ވިސްނުމެއް ފަނޑިޔާރުންގެ ނެތްކަން އެ ބައްދަލުވުމުން އެނގިގެން ދިޔަ ކަމަށް ރިޕޯޓުގައިވެ އެވެ.

"އެހެންކަމުން ޕްރިލިމިނަރީ ރިޕޯޓުގައި އަޅުގަނޑު ވާނީ ކޮންމެ ރީފޯމް ޕްރޮގްރާމެއްގައި ވެސް ސުޕްރީމު ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރުކުރުމަށް އިސްކަން ދިނުމަށް ހިމަނާފައި،" ކްރީގްލާ ވިދާޅުވެފައިވެ އެވެ.

ކްރީގްލާ ވިދާޅުވީ ގާނޫނު އަސާސީން ސުޕްރީމު ކޯޓަށް މަތިކޮށްފައިވާ ގާނޫނީ ލަފާ އަދި ހަމަޖެހުން ފޯރުކޮށްދިނުމަށް އެ ކޯޓު ނުކުޅެދިފައިވާ ކަމަށެވެ.

ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް އަމަލު ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ސުޕްރީމް ކޯޓަކީ ރާއްޖޭގައި އޮތް ޑިމޮކްރަސީއަށް ބިރަކަށް ވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތައް ބަލައި، އެކަށީގެންވާ ހެކި ހުރެއްޖެނަމަ، ފަނޑިޔާރުންނާ ދެކޮޅަށް ދައުވާ ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާދީފަ އެވެ.

"އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި މިހެން ބުނެފައި ވާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކާ ހިލާފުވިކަން ސާބިތުވެ، މިދިޔަ އޯގަސްޓް މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

ގާނޫނަށް ބޯލެބުމުގެ އުސޫލުތައް ގާއިމުކޮށް، ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަން ކުރުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިން ނާއި ސައުތު އޭޝިޔަން ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު) ގުޅިގެން 2015 ވަނަ އަހަރު ނެރުނު ފެކްޓް ފައިންޑިން ރިޕޯޓްގައި ގޮވާލާފައި ވީނަމަވެސް، އެކަންކަން އިސްލާހުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެފައިވާކަމަށް ރިޕޯޓުގައި ބުނެ އެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހައިކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލަތައް ބަލައި އެ ފަނޑިޔާރުން ވެސް މަގާމުން ދުރުކުރަން ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

އެގޮތުން ހައި ކޯޓުގައި ހިނގާ ބައެއް މައްސަލަތަކަށް ވާގޮތެއް ނޭނގި ހުއްޓޭ ކަމަށާއި، އަދި ދަށު ކޯޓުތަކަށް ހައި ކޯޓުން ބާރުފޯރުވާކަމުގެ ތުހުމަތުވެސް ކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި މިގޮތަށް ބާރުފޯރުވާފައި ވަނީ ސިޔާސީ ފަރާތްތަކާ ގުޅުން ހުންނަ މައްސަލަތަކުގައި ކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އާބާދީއަކަށް ނުވަ ފަނޑިޔާރުންގެ ބެންޗެއްގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޯޓެއް ބޭނުންވޭތޯ ރިޕޯޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށް ބެލެހެއްޓޭނަމަ، ފަސް ފަނޑިޔާރުންގެ ބެންޗަކުން ވެސް އިސްތިއުނާފު މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާއަކީ، 1994 ވަނަ އަހަރު ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ، ދެކުނު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އެބޭފުޅާ ވަނީ އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ރިޓަޔަޑް ޖަސްޓިސް ކްރީގްލާ ކުރިއަށް ގެންދެވި މަސައްކަތުގައި ހިމެނުނު މައިގަނޑު ބައިތަކަކީ، ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާކުރުމާއި، ފަނޑިޔާރުން އައްޔަނުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާކުރުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމެވެ.

އެ މަސައްކަތް ކުރެއްވުމުގައި، އޭނާ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހިޔާލު ހޯއްދަވާފަ އެވެ.

comment ކޮމެންޓް