ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ތާރީހީ ހުކުރު މިސްކިތުގެ މުންނާރުގެ ހަލާކުވެފައި އިންނަ ބައި މަރާމަތުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
މުންނާރުގެ ހަލާކުވެފައިވާ ތަންތަން ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެސްވެފައެވެ.
ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ އެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވުމުގެ ކުރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.
ތޯރިގް ވިދާޅުވީ މުންނާރުގެ ހަލާކުވެފައިވާ ބައި މަރާމާތުނުކުރެވިގެން އުޅެނީ މިހާރު މޫސުން ހުރިގޮތުން އެތަނުގައި އުވަ ޖަހާ ހިއްކަން ދުވަސްނަގާނެތީ ކަމަށެވެ.
"ހިރިގަލުގަ އުވައިން ހަދާފަ ހުންނަ ކޮންމެ އެއްޗަކަށްވެސް ފެންވަންނާނެ. އެއީ ތޮބީއީ ކަމެއް. ދެން އެ މުންނާރުގައި އެއްޗެތި ވިއްދައިގެން އެތަން ހިޔާކޮށްގެން އެކަން ކުރުމަކީ އަޅުގަނޑުމެން ތާއިދުކުރާ ކަމެއް ނޫން،" ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ މޫސުން ރަނގަޅުވިހާ އަވަަހަކަށް އެތަން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެއިރުން އޭގެ ނަތީޖާވެސް ރަނގަޅަށް ފެންނާނެ ކަމަށެވެ.