ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލަ ކަނޑުތަކާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅުން ހުރި މައްސަލަ ވަނީ ޗާގޯސް ޖަޒީރާގެ މައްސަލައާ ވެސް ގުޅިފައި -- ފޮޓޯ: ގެޓީ

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި އުފެދިފައިވާ ދެބަސްވުމާ ބެހޭ ގޮތުން ގޮތެއް ނިންމައި ދިނުމަށް އެދި ކަނޑުތަކާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް ހުށަހަޅައިފިއެވެ.

ކަނޑުތަކާ ބެހޭގޮތުން އދއިން އެކުލަވާލާފައިވާ ގާނޫނާ ގުޅޭ މައްސަލަތައް ބަލާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް)އަށް ރާއްޖެއާއި މޮރިޝަސްއިން މައްސަލަ ހުށަހެޅީ، މޮރިޝަސްއާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު (އީއީޒީ) ފުށުއަރާތީއެވެ.

އެ ފުށުއެރުންތައް ހުރީ އައްޑުއަތޮޅާއި އޭގެ ދެކުނަށް އޮންނަ ޗާގޯސް އާކިޕެލަގޯއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގައެވެ.

އެ މައްސަލަ ބެލުމަށް ކަނޑުތަކާ ބެހޭ ޓްރައިބިއުނަލުން އެކުލަވާލަނީ ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޗެމްބަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ޖިންހްޔުން ޕައިކްއެވެ. އެ ޗެމްބަރުގައި ދެން ހިމެނެނީ ކޭޕްވާޑޭ، ފްރާންސް، ޖަޕާން، އަލްޖީރިއާ، އައިސްލެންޑް އަދި އިންޑިއާގެ އިތުރުން، ރާއްޖެއާއި މޮރިޝަސްއިން ހުށަހަޅާ ދެ "ޖަޖް އެޑް ހޮކް"އެވެ.

ޖަޖް އެޑް ހޮކްއަކީ ޓްރައިބިއުނަލްއިން ބަލާ މައްސަލައިގައި ހިމެނޭ ގައުމަކަށް ނިސްބަތްވާ ފަނޑިޔާރަކު ޓްރައިބިއުނަލްގައި ނުވަތަ މައްސަލަ ބަލާ ޗެމްބަރުގައި ނުހިމެނޭނަމަ، މައްސަލައިގައި ހިމެނޭ ގައުމުގެ އިޚްތިޔާރުން އައްޔަނުކުރާ ބޭފުޅެކެވެ. ޓްރައިބިއުނަލްގައި މޮރިޝަސް އަދި ރާއްޖެއަށްވެސް ނިސްބަތްވާ ފަނޑިޔާރުން ނުތިބޭތީ، ދެ ގައުމަށްވެސް އެ ފުރުސަތު ދީފައިވެއެވެ.

ރާއްޖޭގެ ފަރާތުން ހުށަހަޅާފައިވަނީ އެމެރިކާގެ ގާނޫނީ ވަކީލެއް ކަމުގައިވާ ބާނަޑް އޮކްސްމަންއެވެ. މޮރިޝަސްއިން މިހާތަނަށް ބޭފުޅަކު ހުށަހަޅާފައެއް ނުވެއެވެ.

މޮރިޝަސްއިން ބުނާ ގޮތުގައި ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެކެވެ. ނަމަވެސް 1965 ގައި އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މޮރިޝަސްއާއި ޗާގޯސް ވަކިކޮށް، މޮރިޝަސްއަށް ތިން މިލިއަން ޕައުންޑްގެ ބަދަލެއް ދީފައި ޗާގޯސް އިނގިރޭސިވިލާތަށް ނެގީއެވެ.

އޭގެ ފަހުން އެ ސަރަހައްދަ އޮންނަނީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައެވެ.

އެއަށްފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވިއެވެ. އެއީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ ލީސް، 2016 އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރުވެސް ކޮށްފައެވެ.

އެމައްސަލައާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނެރުނު އެންގުމުގައިވާ ގޮތުން މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެ ގައުމުގެ ބަޔެއްގެ ގޮތުގައި އޮތް ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން މޮރިޝަސް އިނގިރޭސި އިސްތިއުމާރުން އެއްކޮށް މިނިވަން ކުރުމަށް ޓަކައި އެގައުމުން ފޯޅަވަހީގެ ކޮންޓްރޯލް ދޫކޮށްލަން ޖެހެ އެވެ.

ރާއްޖޭގެ ގަދީމީ ތާރީހުން އެނގޭ ގޮތުން ރާއްޖޭގެ ރަސްރަސްކަލުން ވެސް ފޯޅަވައްސާ މެދު ހާއްސަ ސަމާލުކަމެއް ބެހެއްޓިއެވެ. މި ގޮތުން އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ދުވަސްވަރުގައި ވެސް ފޯޅަވައްސަަށް ބަޔަކު ފޮނުއްވި ކަމަށް އޭރު ދިވެހިރާއްޖޭގައި ހުރި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު އޭނާގެ ދަތުރުނާމާގައި ލިޔުއްވައިފައިވެއެވެ. އޭރު އަދި ފޯޅަވަހީގައި މޮރިޝަސްގެ ބަޔަކު ވަޒަންވެރިއެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގޮތުން މޮރިޝަސްއާ ދެމެދު އުފެދިފައިވާ ދެބަސްވުމާ ގުޅިގެން، މިދިޔަ މެއި މަހު ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމާ ބެހޭ ގޮތުން އދގެ އާންމު މަޖިލީހުގެ ވޯޓެއް ނެގި އިރު، ރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ.

ނަމަވެސް އެވޯޓު ނެގި އިރު 119 ގައުމުން ތާއިދު ކުރީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރާށެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ، ހަންގޭރީ، އޮސްޓްރޭލިއާ އަދި އިސްރާއީލެވެ.

comment ކޮމެންޓް