ސަރުކާރުން ބަދަލު ދެވޭ ގޮތް ސާފު ނުވޭ

ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނައިބްރައީސް މިއަދު އެ އަލިފާނު ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ލެއްވުން: އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއްވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަޅުގަނޑު ފަށައިގަންނަމުން ވެސް އެދެން ޖެހެނީ މަޢާފަށެވެ. މި މައްސަލަ އަޅުގަނޑު މި ނަގަނީ ކަން އޮތް ގޮތް އޮޅުން ފިލުވުމުގެ ނިޔަތު ގައެވެ. އެއްގޮތަކަށް ވެސް ބަޔަކަށް ލިބެން އޮތް އެއްޗެއް ނުވަތަ ލިބެމުންދާ އެއްޗަކުން މަޙްރޫމް ކުރުވުމުގެ ނިޔަތުގައެއް ނޫނެވެ. ތެދުފުޅެކެވެ. ކަން އޮތް ގޮތް އެންމެ ރަނގަޅަށް ސާފުވާނީ ސަރުކާރުގެ ކަމާ ބެހޭ އޮފީހާ ސުވާލު ކުރުމުންނެވެ. ކަމާ ބެހޭ އޮފީހަކީ ކޮބައިކަން ސާފު ކުރަން ވެސް އުނދަގުލެވެ. ގިނަ އޮފީސްތަކުން މަޢުލޫމާތު ހޯދަން ފޯނު ކުރުމުންވާ ގޮތް މި ކަމުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އެނގޭނެ އެވެ. އަދި މި ބާވަތުގެ ކަންތަކުގައި ޖަވާބު ދެވޭނެ ފެންވަރުގެ މީހަކު ހޯދުމަކީ ވެސް ކުޑަ ކަމަކަށް ނުވާނެ އެވެ. އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ، ފަރުދުންނަށް ލިބޭ ގެއްލުމަށް ސަރުކާރުން ބަދަލު ލިބުން ހައްޤު ވަނީ ކިހާ ހިސާބަކުންތޯ ހޯދުމެވެ. ބަދަލު ދެވޭ ގޮތެވެ. ބަދަލު ލިބޭ ގޮތެވެ. މިންގަނޑެވެ. ކުރީގެ ޒަމާނުގައި ވެސް ސަރުކާރުގެ ޚަރަދުތައް ކުރެވޭނީ ރައްޔިތުންގެ ފައިސާ އިން ނެވެ. ގޮއިފާލައްބަ އާއި ވަރުވާ އަށް ލިބޭ ފައިސާ އިންނާއި ތަފާތު ފީތަކުން ލިބޭ ފައިސާ އިންނެވެ. އެ ޒަމާނުގެ ވިސްނުމާއި މިހާރުގެ ވިސްނުމާއި، އެ ޒަމާނުގެ ޙާލަތާއި، މިހާރުގެ ޙާލަތާއި ވަރަށް ތަފާތެވެ. ކުރީގެ ޒަމާނުގައި ވިސްނުން އޮންނަނީ ސަރުކާރުގެ ފައިސާ އަށް ވީމާ ކޮންމެ ގޮތަކަށް ޚަރަދު ކުރެވުނަސް އެންމެ ރަނގަޅު ވާނެ ކަމަށެވެ. ސަރުކާރުން ވެސް ޚަރަދު ކުރަނީ ރައްޔިތުންގެ ފައިސާ އިން ކަން، އެ ޒަމާނުގައި ގިނަ މީހުން ނުވިސްނަ އެވެ. މިހެންވުމުގެ ސަބަބުން އެއިރުގައި އަތްމަތީ ބަހެއްގެ ގޮތުގައި ގެންގުޅޭ ހިންދީ ބަހުގެ ޖުމްލަ އެއް ވެސް އޮވެ އެވެ. "ސަރުކާރު ކާ މާލް ހޭ ، ދެރިޔާ މޭ ޑާލްދޯ" އެވެ. (ސަރުކާރު ގެ މުދަލެވެ. ކޯރަށް އަޅާލާށެވެ.) މިޒަމާނުގައި ހުރިހާ މީހުން ވެސް ދެކޭ ގޮތުގައި އަދި ޤަބޫލު ކުރާ ގޮތުގައި ސަރުކާރުން ކިތަންމެ ކުޑަ ހޭދަ އެެއް ކުރިޔަސް އެ ހޭދައެއް ކުރަނީ ރައްޔިތުންގެ ފައިސާ އިންނެވެ. ސަރުކާރުގެ މުދަލަކީ ރައްޔިތުންގެ މުދަލެވެ.

ދޭދޭ މީހުން އަމިއްލަ އަށް ކުރާ މުއާމަލާތެއްގެ ސަބަބުން ލިބޭ ގެއްލުމަށް ސަރުކާރުން މާލީ ޒިއްމާ އުފުލަން ޖެހޭނެ ބާވަ އެވެ. އެ ކަމަކީ ސަރުކާރުން އަމަލީ ގޮތުން އެއްވެސް މިންވަރަކަށް ޝާމިލު ވެފައި ނުވާ، އެއްވެސް މިންވަރަކަށް މާލީ ޒިއްމާ އުފުލަން ނުޖެހޭ ކަންކަމު ގަ އެވެ. އެއީ ދީނީ ކަމަކަށް މީހުން ފޮނުވުމަށް ކަމުގައި ވިޔަސް ނުވަތަ ގެދޮރު ހޯދުމުގެ މުއާމަލާތަކަށް ވިޔަސް އެވެ. ސަބަބަކީ މި ބާވަތުގެ މުއާމަލާތްތައް ގިނަ ފަހަރު ކުރެވެނީ އެކަކު އަނެކަކުގެ މައްޗަށް އޮންނަ އިތުބާރެއްގެ މައްޗަށް ބިނާ ކުރެވިގެން ނެވެ. ގިނަ ފަހަރަށް މި ގޮތަށް ކުރެވޭ އެއްބަސްވުންތައް ކާމިޔާބު ނުވަނީ ނާކާމިޔާބުވާ ފަރާތަށް އަނެއް ފަޅީގައި ހުރި މީހާ ދެނެ ނުގަނެވުމުން ނެވެ. ރަނގަޅު ވާހަކަ އެކެވެ. ރައްޔިތުން ނަށް މަކަރާއި ހީލަތް ހެދުމުން ސަރުކާރުން އެހީތެރިވެ ދޭން ވާނެ އެވެ. ޤާނޫނީ މަގުން ނެވެ. އިންޞާފުގެ ކުރިމައްޗަށް ގެންގޮސް ގެންނެވެ. ޤާނޫނާއި ޤަވައިދުތައް ނެތިގެން ހިގި ކަމަކަށްވާ ނަމަ އަވަހަށް އެފަދަ ޤާނޫނާއި ޤަވައިދުތައް އުފަން ކުރެވިގެން ނެވެ. ނުވަތަ ހެދިފައި ހުރި ޤާނޫނާއި ޤަވައިދުގެ ދޯދިޔާ ކަމުން ހިނގި ކަމަކަށް ވަނީ ނަމަ އެ ފަދަ ޤާނޫނާއި ޤަވައިދު އަވަހަށް އިޞްލާޙް ކުރެވިގެން ނެވެ.

ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާ އިންނެވެ. ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާ އިންނާއި ފީތަކުން ނާއި، ރައްޔިތުންްގެ މުދާ ވިއްކައިގެންނާއި ތަންތަނުގެ ކުލިން ލިބޭ ފައިސާ އިން ނެވެ. ރައްޔިތުންގެ ބޭނުންތައް ބައިވަރެވެ. ޚާއްޞަކޮށް ސިއްޙީ ދާއިރާ ގަ އެވެ. ތަޢުލީމީ ދާއިރާ ގަ އެވެ. މުއާޞަލާތީ ދާއިރާ ގަ އެވެ. މި ކަންކަން ރަނގަޅު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުން ވެ އެވެ. ސަރުކާރުން ކޮންމެ ހެން ކުރަން ނުޖެހޭ ޚަރަދުތައް ކުޑަ ކުރަން ޖެހެ އެވެ.

ބައެއް ކަން ކަން ސަރުކާރުން ކުރަނީ ސަރުކާރާ އި ރައްޔިތުންނާއި ދެމެދު އޮންނަން ޖެހޭ ގުޅުމުގެ މޫނުމަތި ރީތި ކުރަން ކަމަށް ވެދާނެ އެވެ. އަދި ބައެއް ފަހަރު ބައެއް ކަން ކަމުގައި ނިިންމުން ނިންމާ ހިސާބު ގައިި ތިބޭ މީހުން ބައެއް ކަންކަން ބެލުމުގައި ޖަޒްބާތީ ތަރުޖަމާއެއް ކުރެވިގެން ސަރުކާރުން މާލީ ގޮތުން ބައިވެރި ނުވަން ވާ ތަން ތާގައި ވެސް ބައިވެރި ވެވެނީ ކަމަށް ވެސް ވެދާނެ އެވެ.

ދީނީ ކަންކަމުގައި ބައިވެރި ވުމަށް، ދަތުރު ފަތުރު ހަމަޖައްސައިދޭ މީހުން ދަތުރުފަތުރު ހަމަޖައްސައި ދެނީ ދީނީ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ ވިޔަފާރި އެކެވެ. އެ ވިޔަފާރި އަށް ބޭރުގެ ޤައުމުތަކުގައި ކިިޔައި އުޅެނީ ރިލިޖަސް ޓޫރިޒަމް އެވެ. ދުނިޔޭގައި އެ ފަތުރުވެރި ކަމަށް އެންމެ މަޝްހޫރު އަދި އެންމެ ފައިދާ ބޮޑު ޤައުމުން އެތާގައި އެ ފަތުރުވެރިކަން އޮންނަ ކަމަކަށް ޤަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ ޤައުމު ފިޔަވައި، ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ދީނީ ފަތުރުވެރި ކަމުގެ ސަބަބުން ވަންނަ އެހެން އެއްވެސް ޤައުމެއް ދުނިޔޭގައި ނެތެވެ. ދިވެހި ޓުރެވެލް އޭޖެންޓަކު މަކަރު ހެދުމުން އެ މަކަރުގައި ޖެހުނު މީހުން ސަލާމަތްކޮށްދޭން ސަރުކާރުން މާލީ ގޮތުން ހޭދައެއް ކުރަން ޖެހޭނެ ބާވަ އެވެ. އަޅުގަނޑުމެންގެ ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން ޚަރަދު ނުކޮށް ވެސް އެ ފަދަ ކަންތައް ތަކުގައި ސަރުކާރުން އެހީތެރިވެވިދާނެ އެވެ. ޒަކާތައް އަޅުގަނޑުމެން ދައްކާ ފައިސާ އިންނެވެ. ޒަކާތުގެ ފައިސާގެ ބައި އެޅޭ އިރު އެފަދަ ކަންކަމަށް ވެސް ބައެއް އޮންނަ ކަމަށް ދަންނަ މީހުން ބުނެ އެވެ. ސަރުކާރެއްގެ، މަތީ ފެންވަރުގެ އަޅުގަނޑު ދަންނަ ބޭފުޅެއް ޓެކްސީ އެއްގެ ގޮތުގައި ދުއްވި ކާރެއްގެ ޑުރައިވަރު މަކަރު ހަދައިގެން އޭނާ އަށް ދޭން ވާ ފައިސާ ނުލިބިގެން ޒަކާތުގެ ފައިސާގެ ތެރެއިން، ދަރަނިވެރިންގެ ބައިން، އޭނާ ފައިސާ ހޯއްދެވި ކަން އަޅުގަނޑު ދެނަ ހުރީމެވެ.

ސުނާމީ ކާރިސާ އެއްގައި ދިރިއުޅުން ހަފުސް ވެފައި ތިބި ބަޔަކަށް، އެމީހުން އަމިއްލަ އަށް އުޅެވޭނެ ފަދަ މަގެއް ފެންނަން ދެން ސަރުކާރުން އެހީތެރިވެދޭން ވާނެ އެވެ. ހަމަ އެފަދައިން މޫސުމީ ކުއްލި ގެއްލުމު ގައި ވެސް ސަރުކާރުން އަވަސް އެހީތެރިކަން ފޯރުކޮށް ދޭން ވާނެ އެވެ. ނުރައްކާތެރި އެއްޗެތި ގުދަން ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަަކުން ހަދާފައިވާ ޤަވައިދުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިހުމާލުވެ ވިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެފަދަ ތަނަކުން ހިގި އަލިފާނުގެ ހާދިސާގައި ދިރިއުޅުން އެކޮޅުކޮޅުން ޖެހިފައި ތިބި ޢާއިލާތަކަށް ވެސް ސަރުކާރުގެ އެހީތެރިކަން ފޯރު ކޮށްދެވެން ވާނެ އެވެ. އެއީ މިހާރު އަމަލު ކުރެވޭ އުޞޫލަށް ބަލާ އިރު ލިބުނު ގެއްލުމުގެ ވިހި ޕަރސެންޓު ކަމުގައި ވިޔަސް އެވެ. ސަރުކާރުން ކުރަން ޖެހޭނެ ހޭދަ އަށް ބަލާ އިރު ވިހި ޕަރސެންޓަކީ ވެސް ވަރަށް ބޮޑު އަދަދެކެވެ. މި ފަދަ ކަންކަމުގައި ސަރުކާރަށް ކޮށްދެވޭނެ އިތުރު ކަން ކަން ބައިވަރެވެ. އިމާރާތް ތައް ބިނާ ކުރުމަށް ލުއި ލޯނު ހޯދައި ދިނުން ފަދަ ކަންކަމެވެ. ނުވަތަ ހެޔޮއެދޭ ފަރާތްތަކުގެ އެހީ ލިބޭނެ މަގުތައް ތަނަވަސް ކޮށްދިނުމެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުން ނެވެ. އަޅުގަނޑުމެން ނަށް ބަލައިގަންނަން އުނދަގޫ ވަނީ ފަރުދަކާ އި ކުންފުންޏަކާއި ދެމެދު ހިގާ މުއާމަލާތްތައް ފެއިލް ވުމުން، ކުންފުނިން ނަގަން ޖެހޭ ޒިއްމާ ސަރުކާރުން ނަގާތަން ބައެއް ފަހަރު ފެނުމުން ނެވެ. އެ ގޮތަށް ހިގާ ކަންތައް ތަކުގައި ޒިއްމާ ނަގަނީ ކޮން އުޞޫލެއްގެ މައްޗަށް ބިނާކޮށްގެން ތޯ ވެސް އެގެން ބޭނުން ވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް