ލޯގަނޑު ސެލްފީ ހަމަ ޗާލުވެފައި ނަލަ!

ލޯގަނޑެއް ކުރިމަތީގައި ޒުވާނަކު ސެލްފީއެއް ނަގާފައި --- ފޮޓޯ : ސޯޝަލް މީޑިއާ

މިއީ ސެލްފީގެ ޒަމާނެވެ. ރަށްޓެހިންނާއެކު ތަނަކަށް ދިޔަ ނަމަވެސް ސެލްފީއެކެވެ. ތަނެއްގައި ފޫހިވެފައި އިންނަ ވަގުތުވެސް ސެލްފީއެކެވެ. ކްލައުޑުގެ ބޮޑު ފޮށީގައި ހަނދާންތައް ތަޅުލާފައި ބެހެއްޓުމަށް ނުވަތަ ސޯޝަލް މީޑިއާގެ ފީޑު ރީތިކޮށްލުމަށް މިހާރު ވަރަށް ސެލްފީ ނަގަ އެވެ. އޭގެތެރެއިންވެސް ލޯގަނޑުގެ ކުރިމަތީގައި ނަގާ ސެލްފީއަކީ ވަރަށް އާންމު އެއްޗެކެވެ. ނަމަވެސް ލޯގަނޑުގެ ކުރިމައްޗަށް އަރާ ސެލްފީތަކަށް ބަލާނަމަ ކަމެއް ފާހަގަވާނެ އެވެ. އެއީ ގިނައިން ލޯގަނޑު ސެލްފީ ނަގަނީ އައިފޯން ގެންގުޅޭ މީހުންކަމެވެ. އެއީ ކީއްވެ ހެއްޔެވެ؟

ފުރަތަމަ ބަލަން ޖެހޭ އެއް ކަމަކީ ލޯގަނޑު ސެލްފީތައް އެހާބޮޑަށް މަގުބޫލުވި ސަބަބެވެ. އެއްބައި ފަރާތްތަކުން ބުނާގޮތުގައި ލޯގަނޑު ސެލްފީއަކީ ލައިގެން ހުންނަ ހެދުން ދައްކާލަން ބޭނުންވާ ވަގުތެއްގައި ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.

"މިސާލަކަށް ކޮޓަރިއަށް އާ އެއްޗެއް ގެނަޔަސް އަދި ހުރި ސަރަހައްދު ދައްކާލަންވެސް ވަރަށް ސަޅި ލޯގަނޑު ސެލްފީއެއް. މި ހުރިހާ ތަނަކާއެކު އަހަރެން ލައިގެން ހުންނަ ހެދުންވެސް ދައްކާލަން ބޭނުންވެއްޖެއާ ލޯގަނޑު ކައިރީގައި ސެލްފީ ނަގަނީ،" ސަން އަށް ކިޔައިދެމުން ޒުވާން އަންހެނަކު ބުންޏެވެ.

ކޮންމެއަކަސް ލޯގަނޑު ސެލްފީ ވަރަށް އާންމުވެއްޖެއެވެ. ޕާޓީއަކަށް ދާއިރު ނުވަތަ އޮފީހަށް ދާއިރުވެސް ޒުވާނުން މިހާރު ސެލްފީ ނަގަނީ ލޯގަނޑެއްގެ ކުރިމަތީގައި ނުވަތަ ބިއްލޫރިގަނޑެއްގެ ކުރިމަތީގަ އެވެ.

ނަމަވެސް މި ހުރިހާ ސެލްފީތަކެއް ބަލައިފި ނަމަ ފާހަގަވާނެ ކަމަކީ ލޯގަނޑު ކުރިމަތީ ސެލްފީ ނަގާ ފަރާތްތަކުންގެ ތެރޭގައި ގިނައީ އައިފޯނު ބޭނުންކުރާ ފަރާތްތަކެވެ. އެއީ ކީއްވެހެއްޔެވެ؟

ޒުވާން ފިރިހެނަކު ސަން އަށް ކިޔައިދިން ގޮތުގައި އައިފޯން އަކީ މިހާރު ފޯނަކަށް ވުރެ ބޮޑަށް ސްޓޭޓަސްގެ ނިޝާނެކެވެ.

"ލާރި ހުންނަ ބައެއްކަން ދައްކަން ކަންނޭނގެ. ހަމަ ގައިމުވެސް ސެލްފީ ނަގާއިރު އައިފޯން ފެންނަން އޮތީއްޔާ އެނގޭނެ ދޯ އޮތް އެއްޗެއްކަން،" އޭނާ ބުންޏެވެ.

ބައެއް ފަރާތްތަކުން އައިފޯނު ފެންނަގޮތަށް ސެލްފީ ނަގަނީ ފޯނު ފެންނަން އިނުމުން ފޮޓޯގެ "އެސްތެޓިކްސް"އާ ގުޅޭތީއެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި އެންޑްރޮއިޑް ފޯނުތަކަށްވުރެ އައިފޯނުތައް ބަލާލަން ރީތި ކަމަށްވެސް ބައެއް ޒުވާނުން ބުނެއެވެ.

"އައިފޯނުގައި ފޮޓޯތައްވެސް ރީތި ދޯ މާ އެންޑްރޮއިޑް ފޯނަކަށްވުރެ. އެހެންވީމަ ފޮޓޯ ނަމާ މީހުން ގިނަ ވާނެހެން އަހަރެންނަށް ހީވަނީ،" އުމުރުން 24 އަހަރުގެ ޒުވާން އަންހެނަކު ކިޔައިދިނެވެ.

އައިފޯން ގެންގުޅޭ ޒުވާނުން ބުނަނީ ލޯގަނޑު ސެލްފީ ނެގުމާ ފޯނާ ގުޅުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެއް ބަޔަކު ބުނަނީ، ލޯގަނޑު ކައިރީ ސެލްފީ ނަގަނީ އެފަދަ ސެލްފީތައް ރީތިވުމުން ކަމަށް ބުނެއެވެ. އަދި އަނެއްބައި ފަރާތްތަކުން ބުނަނީ އެއީ ފޯނު ދައްކާލައި ފޮނި ކަނޑާލަށްބޭނުންވީމައިވެސް ކުރާ ކަމެއް ކަމަށެވެ.

ގޫގަލް ސާޗުގައިވެސް ގިނައީ އައިފޯނާއެކު ލޯގަނޑު ކުރިމަތީ ނަގާފައިވާ ސެލްފީ --- ފޮޓޯ : ގޫގަލް

މިހާރުވެސް ގޫގަލްގައި "މިރަރ ސެލްފީ" ޖަހާލާފައި ސާޗު ކޮށްލީމާ ސާޗް ރިޒަލްޓް ބަންޑުންވާނީ މި ޒާތުގެ ސެލްފީއިން އެވެ. ގިނަ ސެލްފީތަކަކީ އައިފޯނު ފެންނަ ގޮތަށް ނަގާފައިވާ ސެލްފީ އެވެ. އެންޑްރޮއިޑު ފޯނުތައް ބޭނުންކުރާ ފަރާތްތަކުން ލޯގަނޑު ކުރިމަތީގައި ސެލްފީ ނުނަގަނީއެއް ނޫނެވެ. އެހެންނަމަވެސް އައިފޯނުން އެފަދަ ސެލްފީ ނަގާ އަދަދު ހަމަ ގިނައީ އެވެ.

comment ކޮމެންޓް