ޓްރަމްޕް މަގާމުން ދުރުކުރަން އެއްބާރުން ނުދޭން ވައިޓް ހައުސް އިން ނިންމައިފި

ވައިޓް ހައުސް (އޮކްޓޯބަރ 9) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް ކޮންގްރެސް އިން ކުރަމުން ގެންދާ މަސައްކަތް ތަކަށް އެއްބާރުލުން ނުދޭނެކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސް އިން ބުނީ ޓްރަމްޕް މަގާމުން ދުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވައިޓް ހައުސް އިން އެއްބާރުލުން ނުދޭނެކަން ބަޔާންކޮށް ރައީސް ޓްރަމްޕްގެ ގާނޫނީ ކަންކަމާބެހޭ މުސްތަޝާރު ބެޓް ސިޕްލޯނީ ކޮންގްރެސް އަށް ސިޓީތަކެއް ފޮނުއްވާފައިވާ ކަމުގަ އެވެ. އެއްބާރުލުން ނުދޭނެކަން ބަޔާން ކުރައްވައި ސިޕްލޯނީ ސިޓީ ފޮނުއްވީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ރައީސާ ނެންސީ ޕެލޯސީ އަށާއި އެމައްސަލާގައި ޓްރަމްޕާ ސުވަލުކުރާ ތިން ސަބް ކޮމިޓީގެ މުޤައްރިރުންނަށް ކަމަށްވެސް ވައިޓް ހައުސް އިން ނެރުނު ނޫސް ބަޔާނެއް ބުނެ އެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅު ޑިމޮކްރެޓުން ފަށާފައިވަނީ އެމެރިކާގެ ދަސްތޫރާ ޚިލާފަށްކަމަށް ވައިޓް ހައުސް އިން ބުނެއެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ދުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ގޮންޖެހުން ކުރިމަތި ކުރުމަށްޓަކައި ވައިޓް ހައުސް ވަނީ ޓްރަމްޕާ ސުވާލުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ރައީސާ ނެންސީ ޕެލޯސީ އަށް ނިންމެވޭނީ ހައުސްގެ ގެ ހުރިހާ މެންބަރުންގެ ތާއީދު އެކަމަށް ލިބިގެންކަމަށް ބުނެ އެކަމުގެ ގާނޫނީ ހައިޘިއްޔަތާމެދުވެސް ސުވާލު އުފައްދާފައެވެ.

އެމެރިކާގެ ރައީސަކު އަޒުލުކުރުމަށްޓަކައި ރައީސާ ސުވާލުކުރުމުގެ ކަންތައް ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ އަޣްލަބިއްޔަތުން ނިންމިދާނެކަމަށް ގާނޫނު ބުނިނަމަވެސް މިމައްސަލާގައި ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން ޖަދަލުކުރާނަމަ މިކަމުގައި ދެން ގޮތެއް ނިންމާނީ ފެޑްރަލް ކޯޓްތަކުންނެވެ.

މިމައްސަލަ ފެޑްރަލް ކޯޓްތަކަށް ގޮސްފިނަމަ ޓްރަމްޕް މަގާމުން އަޒުލުކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ކުރަމުން ގެންދާ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެންދާނެއެވެ. ކުރިޔަށްއޮތީ އެމެރިކާގެ އިންތިޚާބުގެ ދުވަސްވަރު ކަމަށްވެފައި އިންތިޚާބުގެ ދުވަސްވަރު އެމެރިކާގެ ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ޤާނޫނުގައި ބުނެފައިވާތީ މިމައްސަލަ ފެޑްރަލް ކޯޓަކަށް ވަދެއްޖެނަމަ ޓްރަމްޕަށް ވަގުތުގެ ފައިދާ ވަރަށް ބޮޑަށް ނެންގެވޭނެ ކަމަށް ވައިޓް ހައުސްގެ ގާނޫނީ ޓީމުން ދެކެއެވެ.

ސިޕްލޯނީ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ރައީސާ ނެންސީ ޕެލޯސީ އަށާއި އެމައްސަލާގައި ޓްރަމްޕާ ސުވަލުކުރާ ތިން ސަބް ކޮމިޓީގެ މުޤައްރިރުންނަށް ފޮނުއްވި ސިޓީގައި ޓްރަމްޕް މަގާމުން ދުރުކުރުމަށް ކޮންގްރެސް އިން ކުރަމުން ގެންދަނީ ޣައިރު ދަސްތޫރީ މަސައްކަތްތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް އެކަމަށް އެއްބާރުލުން ނުދެއްވާނެކަމަށް ވިދާޅުވެފައިވާތީ ޕެލޯސީ ވަނީ ނާޖާއިޒު ގޮތުގައި ވެރިކަމުގެ ބާރުތައް ބޭނުންކުރައްވާ ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރައްވާފައެވެ. އަދި އެއީ އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން ޓްރަމްޕް އެމެރިކާގެ އަދްލު އިންސާފުގެ ނިޒާމަށް ހުރަސްއެޅުއްވުން ކަމަށާ އަދްލު އިންސާފަށް ހުރަސްއެޅުމަކީ އޭގެ ޒާތުގައިވެސް ޓްރަމްޕް މަގާމުން ދުރުކުރެވޭނެ ކަމެއްކަމަށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު