ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދިން ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ކަންބޮޑުވުންތައް ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ތިން މަހެއްހާ ދުވަހު އެކި ޖަލުތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް 16 ސިޓީއެއް އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑު މަޑުކޮށްލައިގެން ހުރީ ވަކި ވަކި ސީޓީ ނުފޮނުވާ، ކޮންމެވެސް އަދަދަކަށް ސިޓީ ލިބުނީމަ ފޮނުވަން. އަޅުގަނޑު އެކުލަވާލާފައި ވާނެ އެ ސިޓީތަކުގެ ހުލާސާއާއެކުގައި ހިއުމަންރައިޓްސް ކޮމިޝަނަށް މި ސިޓީތަށް ފޮނުވާނަން،" ނަޝީދު ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު ދަށްކަމަށާއި ގައިދީންނާ މެދު އަމަލު ކުރަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ގައިދީން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.
ޖަލުގެ ހާލަތު ދެނެގަތުމަށްޓަައި މި ސަރުކާރުން ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޖަލު ކޮމިޝަނެއް އެކުލަވާލައ ޖަލުތަކުގެ އޮޑިޓެއް އެކުލަވާލި އެވެ.
އެ އޮޑިޓުން ހާމަވި ގޮތުގައި ޖަލުތަކުގައި އަދިވެސް އަނިޔާ ކުރާކަމާއި ޖަލުތަކުގެ ބައެއް ގޮޅިތަކުގެ ހާލަތު ހުރީ ވަރަށް ދަށުގަ އެވެ. އެ ރިޕޯޓުގައި ހުރި ކަންތައް ބެލުމަށް ޕްރިޒަންސް ރިފޯމް މޮނިޓަރިންގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައި ޖަލުތަކުގެ ކަންކަން ދަނީ އިސްލާހު ކުރަމުން އެވެ.