ސާކް ބެޑްމިންޓަން މުބާރާތުގެ ތިން ކެޓަގަރީ އަކުން ރާއްޖެ ކުއާޓާއަށް

ނިމިގެން ދިޔަ އައިއޯއައިޖީގައި ރާއްޖޭގެ ދެ ބެޑްމިންޓްނަ ކުޅުންތެރިން ކަމަށްވާ ނަބީހާއާއި ނަބާހާ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ސާކް ސަރަހައްދުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި މިކްސް ޑަބަލްސް ބައިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ފިރިހެން ސިންގަލްސް ބައިން އަހުމަދު ނިބާލް ކުއާޓާ އިން ފުރުސަތު ހޯދިއިރު، އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަދި މާޝާ ރަޝީދު ވަނީ ކުއާޓާގެ ފުރުސަތު ހޯދައިފަ އެވެ. މިފަހަރުގެ ޓީމް އިވެންޓުން ރާއްޖޭގެ ކުޅުންތެރިންނަށް މާ ރަނގަޅު ނަތީޖާއެއް ނެރިވިފައެއް ނުވެ އެވެ.

ޔޫތް މިނިސްޓްރީން 6.1 މިލިއަން ރުފިޔާގެ ބޮޑު ހަރަދަކާ އެކު އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓުގައި ފަށައިގެން ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ނިބާލް ވަނީ ފިރިހެން ސިންގަލްސް ބައިގައި އަހުމަދު ޝިފާއުގެ މައްޗަށް 21-13، 21-19 އިން ކުރި ހޯދައިފަ އެވެ. މި ބައިގައި ރާއްޖޭގެ މުހައްމަދު އާކިފް ވަނީ އިންޑިއާގެ ސަރަތު އަތުން ބަލިވެފަ އެވެ.

މި ކެޓަގަރީގެ އަންހެން ބައިގައި ވާދަ ކުރި ނަބާހާ ޕާކިސްތާނުގެ އަމާލްއާ ވާދަކުރި މެޗުން އޭނާ ކުރި ހޯދީ 1-2 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ސެޓުތައް ދިޔައީ 21-14، 19-21 އަދި 21-17 އިންނެވެ. މި ބައިގައި ނަބީހާ ކުޅުނު މެޗުން ވަނީ ފަހަތުން އަރައި ނޭޕާލުގެ ޖެސިކާ ގުރުން ބަލިކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން މޮރިޝަސްގައި އޮތް އައިއޯއައިޖީ އިވެންޓުގެ ސިންގަލްސް ބައިން ރަން މެޑަލް ހޯދި ކުޅުންތެރިޔާ އެވެ.

ރާއްޖޭގެ މާޝާ ކުއާޓާއިން ފުރުސަތު ހޯދީ ބޫޓާނުގެ ޕުންޝުތޯ ދެމާ ބަލިކޮށްފަ އެވެ. މާޝާ ވެސް ފަހަތުން އަރައި މޮޅުވިއިރު ސެޓުތައް ދިޔައީ 16-21، 21-13 އަދި 21-14 އިންނެވެ. އަދި މިކްސް ޑަބަލްސް ކުއާޓާ ފައިނަލުން އާކިފާއި މާޝާގެ ޕެއާ ފުރުސަތު ހޯދީ ބޫޓާނުގެ ޖޮމްޔާން ތެންސިން އާއި ކިންލޭ ވަންމޯގެ ޕެއާގެ މައްޗަށް 21-08، 21-14 އިން ކުރިހޯދައިގެންނެވެ.

އެ މުބާރާތުގައި މިއަދު ކުޅޭ މެޗުތަކަށް ބަލާއިރު ފިރިހެން ސިންގަލްސް ބައިގެ ކުއާޓާގައި ރާއްޖޭގެ ނިބާލް ނުކުންނާނީ ނޭޕާލުގެ ޕްރިންސް ދަހާލްއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ބައިގައި ޕާކިސްތާނުގެ މެހެވިސް ހާންއާ ނަބީހާ ބައްދަލުކުރާއިރު، ނަބާހާ ކުޅޭނީ ލަންކާގެ ހަސީނީ ނުސާކާއާ އެވެ. އަދި މާޝާ ނުކުންނާނީ އިންޑިއާގެ މާންސީ ސިންހުއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސް ބައިގެ ނިބާލް އާއި ޝިފާއުގެ ޕެއާ ބޫޓާނުގެ ޖިމްބާ އާއި ޖަމްޔަންގެ ޕެއާއާ ކުޅޭނެ އެވެ. އަދި އަންހެން ޑަބަލްސް ޕެއާގައި ނަބީހާ އާއި ނަބާހާގެ ޕެއާ ކުޅޭ މެޗު ވެސް އޮންނާނެ އެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ މީގެ ކުރިން އޮތް ދެކުނު އޭޝިއާގެ ދެ މުބާރާތުގައި މި އިވެންޓުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.

comment ކޮމެންޓް