އެމެރިކާއިން ޗައިނާގެ އޮފިޝަލުންނަށް ވިސާ ދިނުމުގެ އުސޫލުތައް ހަރުކަށިކޮށްފި

އުއިގޫރު މުސްލިމުންނަށް ކުރާ އަނިޔާ ކުށްވެރިކޮށް އިންޑިއާގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 9): ޗައިނާގައި މުސްލިމުންނަށް ކުރާ އަނިޔާއާ ގުޅިގެން އެމެރިކާއިން އެގައުމުގެ އޮފިޝަލުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް ހަރުކަށިކޮށްފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ އުއިގޫރު، ކަޒަކް، ކިރިގިޒް އަދި އެހެން ދަރިކޮޅުތަކުގެ މުސްލިމުންނަށް އަނިޔާ ކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ގައިދުހާނާތަކުގައި ހިފަހައްޓާ، އެމީހުންނަށް ޖާސޫސުކޮށް، އެމީހުންގެ ސަގާފަތާއި ދީނާއި އެއްގޮތަށް އަމަލު ކުރުން ހުއްޓުވާ، ޗައިނާއިން ބޭރުގައި ދިރިއުޅޭ އެގައުމުގެ މުސްލިމުން އަނބުރާ ދިޔުމަށް މަޖުބޫރު ކުރުވަމުންނެވެ.

އޭގެ ސަބަބުން އެމެރިކާއިން ވިސާ ދޭ އުސޫލުތައް ހަރުކަށިކޮށްފައި ވަނީ ޗައިނާ ސަރުކާރާއި ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގެ އޮފިޝަލުންނާއި އެމީހުންގެ އާއިލާތަކަށެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ އެމައްސަލާގައި ޗައިނާގެ 28 ސަރުކާރުގެ އިދާރާއަކާއި ކުންފުނިތަކެއް ބްލެކްލިސްޓުވެސްކޮށްފަ އެވެ.

އަދި ޕޮމްޕެއޯގެ ބަޔާނުގައި ވަނީ ޗައިނާގައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޝިންޖިއަންގުގައި މީހުންނަށް އަނިޔާ ކުރުން ހުއްޓާލުމަށާއި ކުށަކާ ނުލައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި ބޭރުގައި ދިރިއުޅޭ ޗައިނާގެ މުސްލިމުން އަނބުރާ ދިޔުމަށް މަޖުބޫރު ކުރުން ހުއްޓުވުމަށް ގޮވާލާފަ އެވެ.

ނަމަވެސް ޗައިނާއިން ވަނީ އެއީ އެއްވެސް ބަރުދަނެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އަދި އެއީ އެމެރިކާއިން އެގައުމުގެ ދާހިލީ ކަންތައްތަކަށް ވަނުމަށް ދައްކާ ބަހަނާތަކެއް ކަމަށް ބުނެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި އދ.އިން ބުނާ ގޮތުގައި ޗައިނާއިން ވަނީ އެގައުމުގެ ގައިދުހާނާތަކުގައި އެއް މިލިއަނަށް ވުރެ ގިނަ އުއިގޫރު މުސްލިމުން ހިފަހައްޓާފަ އެވެ. އަދި އެ ގައިދުހާނާތަކުގައި ދަނީ އެމީހުން އިސްލާމް ދީނާ ދުރު ކުރުމަށް މަސައްކަތްކޮށް، ސަރުކާރުގެ ބަހަށް ކިޔަމަންތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް