މަޖިލީހުން ބިލްތައް ޑްރާފްޓް ކުރާތީ އޭޖީގެ ނުރުހުން

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލްތައް ސީދާ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ކުރަން ފެށުމާ އެކު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމާ ނުރުހުން ފާޅު ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރު ހުށަހަޅަން ތާވަލުކޮށްފައިވާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ވަނީ ކުރަން ފަށައިފަ އެވެ. ކުރިން ސަރުކާރުގެ ބިިލުތައް ޑްރާފްޓް ކުރަމުން އަންނަނީ ބަންޑާރަނައިބު އޮފީހުންނެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒިކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ.

"ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު [ބިލްތައް ހުށަހެޅުމުގެ ފުރުސަތު] ސަރުކާރަށް ފަހިކޮށްދޭނެ،" ރިފްއަތު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ، ސަރުކާރުން އަދި އެމްޑީޕީއިން މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ އެއް ބިލުތަކެއް ކަމަށެވެ. މަޖިލީހުގެ މި ދައުރުގައި އެމްޑީޕީއިން 20 ބިލެއް އަދި ސަރުކާރުން 34 ބިލެއް ހުށަހަޅާނެ ކަން މަޖިލީހަށް އަންގާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

https://sun.mv/125508

ސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުން ޑްރާފްޓް ކުރަން ފެށުމުން އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، އޭނާގެ ހިޔާލު ފާޅުކުރައްވައިފަ އެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެކަން ކުރަން ޖެހޭނީ އެޓާނީ ޖެނެރަލް ކަމަށެވެ.

comment ކޮމެންޓް