ދަރިއެއް ހޯދަން ބޭނުންވާ ކަމަށް ހޮލީވުޑް އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ-ޖޯނަސް ބުނެފިއެވެ.
މީގެ ކުރިން ޕްރިޔަންކާ ބުނީ ދަރިއެއް ހޯދުމާއި ގެއެއް ގަތުމަކީ ކުރިއަށް ރާވާފައިވާ ކަންތައްތައް ކަމަށާއި އެކަން އޮތީ "ޓު ޑޫ" ލިސްޓުގައި ކަމަށެވެ.
ދާދިފަހުން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ މަޔަކަށް ވާން ކެތްމަދުވެފައި ހުރި ކަމަށާއި ދަރިއަކު ހޯދުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ.
ދަރިއަކު ހޯދުމަކީ މިހާރު އެންމެ ބޮޑަށް ތަޖުރިބާކުރަން ބޭނުންވާ ކަންތައް ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
"ދަރިއަކު ބޭނުން ވަރަށް ބޭނުން ހަމަ. އަހަރެމެން ދެމީހުންވެސް ވަރަށް ބޭނުން. އޭރުން މި އާއިލާ ފުރިހަމަވެގެންދާނެ. ކައިވެންޏަށް ފަހު ކޮންމެ މީހަކު ވެސް ބޭނުންވާނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް. އެކަމަށް ދެމަފިރިން އެއްވަރަކަށް މަސައްކަތްކުރަމުން މިދަނީ،"
ޕްރިޔަންކާ ބަލިވެ އިން ކަމަށް މިއަހަރުގެ ކުރީކޮޅުގައި ވަނީ އަޑުތަކެއް އަރާފައެވެ. ނަމަވެސް ޕްރިޔަންކާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
އޭނާ އާއި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ޕްރިޔަންކާގެ ފިލްމެއް އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ހުކުރުގައެވެ. އެއީ "ދަ ސްކައި އިޒް ޕިންކް"އެވެ.