70 ކިލޯ ޑްރަގު: ހައްޔަރުކުރި މީހުންގެ އަދަދު 13 އަށް

ހަތްދިހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތެވެ. އަދި އެ ބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި މަސް ބޯޓެއް ވެސް ވަނީ އަތުލައިގަނެފައެވެ. އެ މައްސަލައާ ގުޅިގެން 10 މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ބުނީ، 70 ކިލޯ ޑްރަގް މައްސަލައިގެ ނެޓްވޮކުގައި ހިމެނޭ އިތުރުން ތިން މީހަކު ރޭ ހައްޔަރުކޮށްފައިވާފައިވާ ކަމަށެވެ.

"މި މައްސަލައިގައި މިހާތަނަށް ޖުމްލަ 13 ފިރިހެނުން ހައްޔަރުކޮށްފައިވޭ. މި ހުރިހާ އެންމެ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު، 8 ވަނަ ދުވަހު،" ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނެނީ، 70 ކިލޯ ފެނުނު ބޭރުގެ ބޯޓުގައި ތިބި ހަ މީހަކާއި، މަސްތުވާތަކެތި ބަލާ ދިޔަ ދިވެހި މަސް ދޯނި "ހެދޭކުރި 7" ގައި ތިބި ހަތަރު ފަޅުވެރިންނެވެ. ހަތަރު ފަޅުވެރިންގެ ތެރޭގައި ހިމެނެނީ، ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުންނެވެ. އޭގެ އިތުުރުން ދެން ހިމެނެނީ، ރޭ ހައްޔަރު ކުރި ތިން މީހުންނެވެ. އެނގިފައިވާ ގޮތުގައި، ރޭ ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ދިވެހި މަސް ދޯނީގެ މަސްއޫލުވެރިޔާ ވެސް ހިމެނެއެވެ.

ހައްޔަރު ކުރި 13 މީހުންނަށްވެސް ބަންދުގެ މުއްދަތު މިއަދު ކޯޓުން ވަނީ ޖަހާފައެވެ. އެގޮތުން ބޭރުގެ ބޯޓުގައި ތިބި ހަ މީހުންނާއި ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި ދިވެހި މަސް ބޯޓުގައި ތިބި، ހަތަރު މީހުންގެ ތެރެއިން ދިވެހި ދެ މީހުންނަށް 15 ދުވަސް އަދި ބަންގްލަދޭޝް ދެ މީހުންގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ވަނީ ދީފައެވެ.

އިރާންގެ ދިދަ ނެގި ބޭރުގެ ބޯޓު އަތުލައިގަތް އިރު، ފެނުނު ތިން ގޯނީގެ 70 ޕަކެޓްގައި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް