ދަރިފުޅު ފޮތް ނުކިޔަސް އަދި ހާސްވާނެ ކަމެއް ނެތް

ކުޑައިރުއްސުރެވެސް ފޮތް ކިޔަން އާދަކުރޭ..

ވާހަކަ ފޮތް ކިޔުމަކީ އެއްބަޔަކު ވަރަށް ޝައުގުވެރިކަމާއި އެކު ކުރާ ކަމެކެވެ. އެތަށް ސަތޭކަ ސޮފްހާއެއްގެ ފޮތެއް ދެތިން ދުވަހުން ހަމަ ކިޔާލަނީ އެއްވެސް ފޫހިކަމެއް ނެތި އެވެ. އެކަމަކު އަނެއްބަޔަކަށް މިއީ ދެވޭނެ އެންމެ ބޮޑު އެއް އަދަބެވެ. އައިޕެޑާއި، ގޭމް ކުޅުން މަނާކުރުމަށްވުރެވެސް، އަތަށް ވާހަކަ ފޮތެއްދީ އެ ކިޔަން ބައިންދައިފިނަމަ ހިތްދަތިވާލެއް މާބޮޑެވެ. ކޮންމެއަކަސް، ކޮންމެ ކުއްޖެއްގެވެސް ޝައުގުވެރިކަމާއި މިޒާޖު ތަފާތުވާނެހެން ފޮތް ކިޔުމަކީވެސް ހުރިހާ ކުދިން އެއްވަރަކަށް ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ފޮތް ކިޔުމަށް ދަރިފުޅު ޝައުގުވެރިކުރަންވާނެ އެވެ.

އެންމެ ކުޑައިރުއްސުރެވެސް ދަރިފުޅަށް ވާހަކަ ކިޔައިދީ

ފޮތް ކިޔަން ދަސްކޮށްދޭންވީ ހަމައެކަނި ކުއްޖާ ލިޔަން ކިޔަން ދަސްކުރީމައެއް ނޫނެވެ. ފޮތް ކިއުމަކީ އެންމެ ތުއްތުއިރުއްސުރެވެސް ދަރިފުޅަށް ދަސްކޮށްދީ އޭނާއާއި އެކީގައި ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ކުޅޭ އެއްޗެހި ގެންގުޅެން ފަށާ އުމުރުގައި، ބޯޑް ބުކްސް ނުވަތަ ފޮތިން ތައްޔާރުކޮށްފައި ހުންނަ އެކި ވައްތަރުތަކުގެ ފޮތްތައް ގަނެ ދަރިފުޅާ އެކީގައި އެ ކިޔުމަށް ވަގުތު ހޭދަކުރާށެވެ. ކޮންމެހެން ނިދާގަޑީގައި އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހެއްގައިވެސް ކޮންމެވެސް އެއް ވަގުތެއް މިކަމަށް ހާއްސަކޮށްލާށެވެ. ބޮޑުވަމުންދާ ވަރަކަށް ވާހަކަ ފޮތްތަކާއި އޮންނަ ގުޅުން ރަނގަޅުވާނެ އެވެ.

ލައިބްރަރީ އަކަށް ދިއުން

އަމިއްލައަށް ފޮތްތައް ނަގާ ކުޑަކޮށްނަމަވެސް ކިޔަން ފެށުމުން، ދަރިފުޅު ގޮވައިގެން ލައިބްރަރީއަށް ދިއުމަކީ ކުރެވިދާނެ ކަމެކެވެ. ޕާކަށާއި، އެކި ކަހަލަ ކުޅޭ ތަންތަނަށް ދަރިފުޅު ގެންދާފަދައިން ގެއިން ބޭރުގައި، މަޑުމައިތިރި އަދި ތައުލީމީ ވަގުތުކޮޅެއް ހޭދަކޮށްލަން މިއީ ރަނގަޅު ފުރުސަަތަކަށްވެސް ވާނެ އެވެ. އެއާއެކު، ބައިވަރު ވައްތަރުތަކުގެ ފޮތްތައް ފެނި، ދަރިފުޅަށް އެންމެ ކަމުދާ ސްޓައިލްގެ ފޮތްތައްވެސް ފާހަަކުރަން އޭރަށް ފަސޭހަވާނެ އެވެ. ހަމައެޔާއެކު ފޮތްތަކަށް ކުރަންވާ ލޯތްބާއި ބަހައްޓަންޖެހޭ ފަރުވާތެރިކަން އެންމެ ރަނގަޅަށް ދަސްވާނެ އެއް އާދައަކީވެސް ލައިބްރަރީއަކަށް ގޮސްލުމެވެ.

ފޮތް ކިޔަންވީ އެކުގައި

ކުޑަކުދިން ކަންކަން ދަސްކުރާނީ އެމީހުންގެ ވަށައިގެންވާ މާހައުލުންނެވެ. އެހެންކަމުން ފޮތް ކިޔަން ކުއްޖާ ޝައުގުވެރިކުރުވަން ބޭނުންނަމަ ގޭގައި އޭނާގެ ބެލެނިވެރިން ނުވަަތަ އެނޫންވެސް ބޮޑެތި މީހުން އެކަން ކުރާ މަންޒަރު ދައްކަންވެސް ޖެހޭނެއެވެ. އެހެންކަމުން އާއިލާ އެކުގައި ދުވާލުގެ ކޮންމެވެސް ވަގުތެއް ކޮންމެވެސް ފޮތަކާއި އެކީގައި ހޭދަކުރުން މީ ރަނގަޅު ޚިޔާލެކެވެ. ހަމައެއާއެކު، ދަރިފުޅަށް އަމިއްލައަށް ކިޔަން އެނގުނަސް، ބައެއްފަހަރު ވާހަކަފޮތެއް ކިޔައިދިނުން ކަހަލަ ޝައުގުވެރިކަމެއް ކުރުމުން ބޮޑަށް މިކަމުގެ ތެރެއަށް ވަދެވޭނެ އެވެ. އަދި ގޭގައި ވަކި ތަންކޮޅެއް ނުވަތަ ކަބަޑެއް ވާހަކަ ފޮތްތަކަށް ހާއްސަކޮށް ކުދިންނަށް ފަސޭހައިން ފޮތް ނަގާ ކިޔާލެވޭނެހެން ހެދުމުން ވެސް މިކަމަށް ޝައުގުވެރިވާލެއް ބޮޑުވާނެ އެވެ.

ރަނގަޅު ފޮތް ހިޔާރުކުރުން މުހިންމު

ކުދިންގެ އުމުރާއި ގުޅޭ އަދި ޝައުގުވެރިވާ ކަހަލަ ފޮތެއް ކިޔަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ބައެއްފަހަރު އެ ކިޔާލެވޭ ފޮތަކުން މުޅި ވާހަކަ ކިޔުންދެކެވެސް ފޫހިކޮށްލާނެ އެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ހިތްވަރު އެލުވާނުލާ ތަފާތު އެހެން ފޮތެއް ޚިޔާރުކުރަން ހިތްވަރުދޭންވާނެ އެވެ. އަދި ހާއްސަކޮށް ފޮތްކިޔަން ފޫހިވާ ކުދިންނަށްވެސް އެކުދިން ޝައުގުވެރިވާ ކަމަކާއި ގުޅޭ ފޮތެއްދިނުމުންވެސް ފަހަރެއްގައި އަލުން މިކަމަށް ޝައުގުވެރިވެދާނެ އެވެ.

ފޮތްތަކާއި އެކު ޝައުގުވެރި ކަންތައްތަކެއް

މި ޒަމާނުގައި ކުދިން އެންމެ ބޮޑަށް ޝައުގުވެރިވަނީ ލެޕްޓޮޕާއި އައިޕެޑާއި ފޯނާއި ޓީވީފަދަ ތަކެއްޗަށެވެ. ނަމަވެސް ކުދިންގެ ޝައުގުވެރިކަން ފޮތްތަކަށް އަމާޒުކުރަން ބޭނުންނަމަ ފޮތްތަކުން ތަފާތު މަޖާ އެކްޓިވިޓީތަކެއް ހެދިދާނެ އެވެ. އަދި މިފަދަ އެކްޓިވިޓީތަކުގައި ދަރިފުޅާއި އެކު ބައިވެރިވުމުންވެސް ޝައުގުވެރިކަން އިތުރުކޮށްދޭނެ އެވެ.

އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނެވެ. ކުޑަކުޑަ ހިތްވަރަކުންވެސް ބޭނުންވާ ނަތީޖާއާއި ހިސާބަށް ދެވިދާނެ އެވެ. އެއް ފޮތް ކަމުނުދާނަމަ އަނެއް ފޮތެވެ.

comment ކޮމެންޓް