ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ރާއްޖެއިން ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ދީފި

ކައުންޓާ ޓެރަރިޒަމް ކޮމެޓީގެ ވަފުދު ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ރާއްޖެއިން ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކައުންޓާ ޓެރަރިޒަމް ކޮމެޓީގެ ވަފުދުގެ ބޭފުޅުންނަށް އަރުވައިފިއެވެ.

އެ ކޮމެޓީގެ ބޭފުޅުން މިއަދު ވަނީ ފޮރިން މިނިސްޓްރީއަސް ޒިޔާރަތްކުރައްވައި މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

އެ ވަފުދު ރާއްޖެއަށް ޒިޔާރަތްކުރީ އދ. ގެ ސަލާމަތީ މަޖިލީހުން 2001 ވަނަ އަހަރު އެކުލަވާލައިފައިވާ ކައުންޓާ ޓެރަރިޒަމް އުސޫލަށް ރާއްޖެއިން އަމަލުކުރާ ގޮތުގެ އެސެސްމަންޓެއް ހެދުމުގެ ގޮތުންނެވެ. އެގޮތުން އެ ވަފުދުން ވަނީ ރާއްޖޭގެ ނެޝެނަލް ކައުންޓާ ޓެރަރިޒް ސެންޓަރާއި ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް އެ އުސޫލުތަކަށް ރާއްޖެއިން އަހުލުވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ ހައްދު ފަހަނައަޅާދިއުން ހުއްޓުވުމަށް އެކި މުވައްސަސާތައްކުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި އަދި ޖުޑީޝިއަރީގައި ޓެރަރިޒަމް މައްސަލަތައް ފެންމަތިވާ ސަބަބުތަކާއި އަދި އެކަން ހުއްޓުވުމަށް ބޭނުންވާ ގާބިލްކަމާއި ވަސީލަތްތައް ހުރިތޯ ބަލައި އެކަންކަން ރިވިއުކުރަމުންދާ ކަމަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގޮތުން ދާދި ފަހުން މަޖިލީހުން ވަނީ އާ ބިލެއްވެސް ފާސްކޮށްފައެވެ.

comment ކޮމެންޓް