ގޭސް ގަންނަ އަގު ބޮޑުކަމުން ސަޕްލަޔަރު ބަދަލު ކުރަން އަންގަނީ

މޯލްޑިވް ގޭސްއިން ބޭއްވި ހަފްލާގެ ތެރެއިން: ބޮޑު އަގުގައި ގޭސް ގަންނާތީ ސަޕްލައިޔަރު ބަދަލު ކުރުމަށް ވަނީ އަންގާފައި --- ފޮޓޯ/ މޯލްޑިވް ގޭސް

މޯލްޑިވް ގޭސްއަށް، ގޭސް ޝިޕްމަންޓެއް ގެންނަން 130،000 ޑޮލަރު ކޮންމެ ޝިޕްމަންޓަކަށް އިތުރަށް ހަރަދު ކުރަން ޖެހޭތީ މިހާރު ގޭސް ގަންނަ ސަޕްލަޔަރު ބަދަލު ކުރަން ލަފާދިނުމަށް ރައްޔިތުން މަޖިލީހުގެ، ސަރުކާރު ކުންފުނިތަކާ ގުޅޭ، (އެސްއޯއީ ކޮމިޓީ)އިން ނިންމައިފި އެވެ.

އެސްއޯއީ ކޮމިޓީ އަށް ލިބުނު ސިއްރު ސިޓީއަކާ ގުޅިގެން މޯލްޑިވް ގޭހުން، ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ މިއަދު ކޮމިޓީގައި ވަނީ ދިރާސާކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މޯލްޑިވް ގޭސް އިން ވަނީ އެކުންފުނިން 2017 ވަނަ އަހަރުން ފެށިގެން ކުންފުނިތަކުން ގަނެފައިވާ ގޭހުގެ އަގާއި އެއާ ގުޅޭ މައުލޫމަތު ކޮމިޓީއާ ހިއްސާ ކުރުމުން އެ އަދަދުތައް ދިރާސާކޮށްފަ އެވެ. އެއާއެކު އެސްއޯއީ ކޮމިޓީގެ ސެކެރެޓޭރިއެޓުން ވަނީ، ކުންފުނިން ހިއްސާކުރި އަދަދުތަކަށް ބަލައި، އެ އަދަދުތަކާއި ގޭސް ގަތުމަށް އޯޑަރު ކުރި ތާރީހުތަކުގައި ބައިނަލްއަގުވާމީ މާކެޓްގައި ގޭސް ގަތުމަށް ހަރަދުވާނެ ކަމަށް ބެލެވޭ އަގުތައް އަޅާ ކިޔާ ދިރާސާ އެއް ހަދައި ކޮމިޓީއަށް ހުށަހަޅާފަ އެވެ.

މިއަދު އެސްއޯއީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، 2017 ވަނަ އަހަރުގެ ކުރީ ކޮޅު، އެވްރޭޖްކޮށް ގޭސް ޓަނަކަށް އިތުރަށް ނަގާފައިވަނީ 120 ޑޮލަރު ކަމަށާއި ނަމަވެސް ތިން ވަނަ ފަރާތެއްގެ ކިބައިން ގޭސް ގަންނަން ފެށުމުން އެ އަދަދު އަނެއްކާވެސް އިތުރުވެގެން ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން އެނގޭ ކަމަށެވެ.

"ތަފާތަށް ބަލާއިރު އަޅުގަނޑުމެންނަށް އެބަ ފެނޭ އެވްރެޖްކޮށް ޓަނަކުން 130-140 ވަރަކަށް ޑޮލަރު އިތުރަށް ކުންފުނިން ހަރަދު ކުރަން ޖެހިފައިވާކަން. ފްރައިޓްއާއި ޕްރީމިއަމްގެ އިތުރަށް. އެއީ ތިން އަހަރުތެރޭ 2.9 މިލިއަން ޑިލަރު. ރުފިޔާއިން 50،000 މިލިއަން ރުފިޔާގެ ގެއްލުމެއް ކުންފުންޏަށް،" ނާޝިޒު ވިދާޅުވި އެވެ.

މޯލްޑިވްގޭހުން ކޮންމެ ފަހަރަކު ޝީޕްމަންޓަކަށް ގެންނަނީ، 1000 ޓަނުގެ ގޭހެވެ. ކޮންމެ ޝިޕްމަންޓަކަށް އެއް ޓަނުގެ ގޭހުގެ ރޭޓުން ކުންފުނިން އިތުރަށް ހަރަދު ކުރަން ޖެހެނީ 130،000 - 140،000 ޑޮލަރުގެ އަދަދެއް ކަމަށް ލިޔުންތަކުގައިވެ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ނާޒިޒު ވާހަކަ ދައްވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސްނާޝިޒު ވިދާޅުވީ، ކުންފުނިން އިތުރު ހަރަދެއް ކުރަން ޖެހެނީ، ތިން ވަނަ ފަރާތަކުން ގޭސް ގަންނާތީ ކަމަށާއި އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

އޭނާ ކޮމިޓީއަށް ހުށަހެޅީ، އެ މައްސަލަ ބެލުމަށްޓަކައި ކުންފުނީގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުމަށާއި، މިހާރުން މިހާރަށް ތިން ވަނަ ފަރާތަކުން ގޭސް ގަތުން ހުއްޓާލައި، ސަޕްލަޔަރު ބަދަލު ކުރުމަށެވެ.

"މިހާރުން މިހާރަށް ދައުލަތުގެ ކުންފުންޏަކަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށްޓަކައި މޯލްޑިވް ގޭހަށް މި މުއާމަލާތް މި ގޮތަށް ހިންގުން މިހާރުން މިހާރަށް ހުއްޓާލާ، ކުރީގައިވެސް މަސައްކަތް ކުރި ގޮތަށް ސީދާ މެނުފެކްޗަރާ އަތުން އޯޑާ ކުރަން،" ނާޝިޒު ވިދާޅުވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، މޯލްޑިވް ގޭހަށް ކަންތައް އިސްލާހު ކުރުމަށް ވަގުތު ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ވަގުތުން ވަގުތަށް ސަޕްލައިޔަރު ބަދަލުކުރަން އުނދަގޫވެދާނެކަމަށްވެސް މެމްބަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އޭނާގެ ވާހަކައަށް ރައްދު ދެއްވައި ނާޝިޒު ވިދާޅުވީ، މިހާރަށް މިހާރަށް ނުހުޓުވައިފި ނަަމަ އަނެއްކާވެސް ކޮންމެ ޝިޕްމަންޓަކުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެން ކަމުން އެއީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަސް ނާޝީޒު ވިދާޅުވި އެވެ.

ނާޝިޒުގެ ހުށަހެޅުން ފާސްކުރުމަށް ހުރިހާ މެމްބަރުންވެސް ތާއީދު ކުރެއްވި އެވެ.

"ކޮރަޕްޝަން ހުއްޓުވިއްޖެ ނަމަ، މިހާރަށްވުރެ އަގު ހެޔޮ ވާނެ"

ކޮމީޓީ ބައްދަލުވުމުގައި ބޮންޑޭ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވައިފި ނަމަ ގޭސް އަގުހެޔޮ ވާނެ ކަމަށް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މޯލްޑިވް ގޭސް އިން ހިންގަމުންދާ ކޮރަޕްޝަން ފުލުހުނަން އަންގައިގެން ނަމަވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކޮރަޕްޝަން ހުއްޓުވިއްޖެ ނަމަ ކޮންމެ ގޭސް ފުޅިއަކުން 10 ރުފިޔާ ވަރު ކުޑަ ކުރެވޭނެ ކަމަށެވެ.

ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭސްގެ އަގުތަކުގެ ތަފާސް ހިސާބަށް ބެލުމުން އެނގެނީ ކޮރަޕްޝަން ހިނގަނީ ވަކި ސަރުކާރެއް އޮވެގެން ނޫން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގައި ވެސް ކޮރަޕްޝަން ހިނގި ކަމަށާއި މި ސަރުކާރުގައިވެސް އެ ކޮރަޕްޝަން އެގޮތުގައި ދެމިގެންދާ ކަށެވެ.

"މޯލްޑިވް ގޭސް އެބަވޭ ވަރަށް ފްރީކުއެންޓްކޮށް، އާ ވައްތަރުތައް ތައާރަފް ކުރާ ކުންފުންޏަކަށް. ލުއި ފުޅިއާ ދެން ވެސް އެހެން ނަންމުގައި، މިހެން ތައާރަފު ކުރާ އިރު އެބަ އިންވެސްޓް ކުރޭ ޓޯޓަލް ޑިމާންޑަށް. ދެން އަނެއްކާ ފަހުން ތައާރަފް ކުރާ ފުޅިތަކާ އެކު ކުރިން ގެންގުޅޭ ފުޅިތައް ފުނި ޖެހެފައި ހުންނަތަން ފެންނަނީ،" އިދިކޮޅު މައި، ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

ކޮމީޓީ ބައްދަލުވުމުގައި ޝީޔާމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވައިފި ނަމަސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ، އެފަދަ ގޮތައް އާ އުފެއްދުންތައް ތައާރަފު ކުރުމަކީ، އެކުންފުނިން ކުރި ވަރަށް ބޮޑު ބޭކާރު އިސްރާފެއް ކަމަށާއި އެކަންތައް ހުއްޓުވިއްޖެ ނަމަ ގޭހުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް