ބޭރު ބޯޓުން ފެނުނީ ތިން ގޯނި ޑްރަގް، ބަރުދަނުގައި 70 ކިލޯ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޭރުގެ ބޯޓުން މިހާތަނަށް މަސްތުވާތަކެތި ހުރި ތިން ގޯނި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި ހުރީ ގާތްގަނޑަކަށް 70 ކިލޯ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވަތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ ފަސް ވަނަ ދުވަހުގެ ރެޔެވެ.

އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު އެވެ.

ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ "ހެދޭކުރި -7" ކިޔާ ދިވެހި މަސް ދޯންޏެއް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން މިއަދު ބުނީ އީރާނުގެ ދިދަ ޖަހާފައިވާ ބޭރު ބޯޓު ރޭ ދަންވަރު 02:00 ހާއިރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށާއި، މިއަދު 06:30 ހާއިރު ދިވެހި ދޯނި ވެސް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރިޕޯޓުކުރީ އިންޑިއާގެ ނޫސްތަކުންނެވެ.

ނަމަވެސް ފުލުހުން ބުނީ ދެ އުޅަނދުވެސް ބަލާފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ތިން ގޯނީގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެ ތިން ގޯނީގައި 70 ޕެކެޓު ހުރި ކަމަށާއި، އެތަކެތީގެ އަންދާޒާ ކުރެވޭ ބަރުދަނަކީ ގާތްގަނޑަކަށް 70 ކިލޯ ކަމަށެވެ. ފުލުހުން އަދިވެސް އަންނަނީ މި ދެ އުޅަނދު އިތުރަށް ބަލައިފާސްކުރަމުންނެވެ.

އީރާނުގެ ދިދަ ޖަހާފައި ހުރި ބޯޓުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު، 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، ބޭރު ބޯޓުގައި ތިބި ހަ މީހުންނާއި، ދިވެހި ދޯނީގައި ތިބި ދެ ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ބަލާދިޔަ "ހެދޭކުރި 7" ކިޔާ ދޯނީގެ މަސްއޫލުވެރިޔާ ވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަން "ސަން" އަށް ވަނީ އެނގިފައެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ބޭރުގެ ބޯޓުން ހައްޔަރުކުރި މީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް