ޓެރަރިސްޓް ހަމަލާތަކަށްފަހު ސްރީލަންކާގެ ފަތުރުވެރިކަމަށް ކުރި ނޭރިފައި

ކޮލަންބޯ (އޮކްޓޯބަރ 8): މިއަހަރުގެ އޭޕްރިލް މަހުގެ 21 ގައި ސްރީލަންކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާއެކު އިނދަޖެހިގެންދިޔަ ފަތުރުވެރިކަން އަދިވެސް އޮތީ ވަރަށް ދަށު ހާލަތެއްގައި ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާބެހޭ ބިއުރޯއިން އިއްޔެ ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު ފަތުރުވެރިކަމުގެ ނިސްބަތްވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއަޅާބަލާއިރު ވަނީ 27.3 އިންސައްތަ ދަށްގޮސްފަ އެވެ. މިއީ އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތަކާއެކު ހީނަރުވެގެންދިޔަ ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތު އަދިވެސް ރަނގަނޅުނުވާކަމުގެ ހެއްކެތްކަމަށް ވަނީ ބެލެވިފަ އެވެ.

ޓެރަރިސްޓް ހަމަލާތަކަށްފަހު ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތު ގާތްގަނޑަކަށް 65 އިންސައްތައަށް ދަށަށް ދިޔަނަމަވެސް ފާއިތުވި 6 މަސް ތެރޭގައި ސްރީލަންކާ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން މިހާލަތު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށާފަ އެވެ.

ސެޕްޓެމްބަރު މަހު ސްރީލަންކާއަށް ޒިޔާރަތްކޮށްފައި ވަނީ 108،575 ފަތުރުވެރިންނެވެ. ނަމަވެސް ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހު އެއްލައްކަ 175،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނާގޮތުން ގިނަ ހޮޓާތަކާއި ގެސްޓް ހައުސްތަކާ އަދި ރެސޯޓްތައް މިހާރު ހިންގަނީ ގެއްލުމުގަ އެވެ. އަނެއްބައި ތަންތަން ހިންގަނީ ކިރިޔ ކިރިޔާ ބްރޭކްއީވަންގަ އެވެ. ރަނގަނޅު ފައިދާއެއް ލިބެނީ ވަރަށް މަދުތަނަކަށެވެ. ފައިދާއެއް ލިބޭނީ ފަތުރުވެރިން އަންނަ މިންވަރު މަދުވެގެން 40 އިންސައްތައަށްވުރެ މައްޗަށް ގޮސްގެން ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ޓެރަރިސްޓް ހަމަލާތަކަށްފަހު ފާއިތުވި ހަ މަސްތެރޭގައި ބައެއް ދިމާތަކުން ކުރިއެރުންތަކެއް ހާސިލްކުރެވިފައިވީ ނަމަވެސް މިހާރު ސްރީލަންކާގެ ފަތުރުވެރިކަމުގެ ހާލަތުވަނީ ދާހިލީ ހަނގުރާމައިގެ ދުވަސްވަރާ ދާދި އެއްވަރެއްގެ ހާލަތެއްގަ އެވެ.

މިދިޔަ އަހަރު ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުން 4.4 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް އެގައުމަށް ވަދެފައިވެ އެވެ. އެއީ ދެމިލިޔަން ތިން ލައްކަ ފަތުރުވެރިން އެގައުމަށް ޒިޔާރަތްކޮށްގެންނެވެ.

ނަމަވެސް މިއަހަރު ސްރީލަންކާއަށް ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައިވަނީ 1.7 މިލިޔަން ފަތުރުވެރިންނެވެ. މިއާއެކު ފަތުރުވެރިކަމުން މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ 2.8 ބިލިޔަނަށްވުރެ މަތިނުވާނެކަމަށް ވަނީ ލަފާކުރެވިފަ އެވެ. (ސްރީލަންކާގެ މީޑިއާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު