150 ކިލޯގެ ޑްރަގް ބަލާދިޔަ އޮޑީގެ މަސްއޫލުވެރިޔާ ހައްޔަރުކޮށްފި

ފުލުހުންނާއި އެމްއެންޑީއެފް ހިންގި އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖެއަށް 150 ކިލޯގެ ޑްރަގް އެތެރެކުރި ބޯޓުން ޑްރަގް ބަލާދިޔަ "ހެދޭކުރި 7" ކިޔާ ދޯނީގެ މަސްއޫލުވެރިޔާ ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތެވެ. އަދި އެ ބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި ދޯންޏެއް ވަނީ އަތުލައިގަނެފައެވެ.

އެނގިފައިވާގޮތުން ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ ހެދޭކުރި 7 ދޯނީގެ މަސްއޫލުވެރިޔާއެވެ. އެއީ އެ ދޯނީގެ ވެރިމީހާގެ ދަރިފުޅުކަންވެސް އެނގިފައިވެއެވެ. "ހެދޭކުރި 7" މި ދޯންޏަކީ ކ. ދިއްފުށީ ދޯންޏެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ދިއްފުށިން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ "ހެދޭކުރި 7" ދޯންޏަކީ 95 ފޫޓުގެ ދޯންޏެވެ. މީގެ ކުރިން މަސްވެރިކަން ކުރި އެ ދޯނި މިހާރު ގެންގުޅޭ މުދާ އުފުލުމުގެ މަސައްކަތަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ދޯނި މުދާ އުފުލައެވެ. އެންމެ ފަހުން އެ ދޯނި ދިއްފުށިން ފުރާފައި ވަނީ މިދިއަ މަހުގެ 25 ވަނަ ދުވަހު ކަމަށް އޭނާ ބުންޏެވެ.

ޑްރަގް ހިފައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަނިކޮށް ހިފަހައްޓާފައިވަނީ އިރާނުގެ ދިދަ ނެގި ބޯޓެކެވެ. މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޭރުގެ އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ބޯޓާއި ދޯނި މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

comment ކޮމެންޓް