ސާފުތާހިރުކަން ކުޑަވެ، ވެސްޓުޕާކު ގާޑިޔާތައް ހުސްކުރަން އަންގައިފި

ވެސްޓްޕާކު ސަރަހަައްދުގެ ގާޑިޔާތައް -- ފޮޓޯ: ޓްވިޓާ

ވެސްޓުޕާކު ސަރަހައްދުގައި ހުރި ގާޑިޔާތައް ނަގައި އެ ސަރަހައްދު ހުސްކުރަން މާލޭ ސިޓީ ކައުންސިލުން ނޯޓިސް ފޮނުވައިފިއެވެ.

ވެސްޓުޕާކު ސަރަހައްދުގައި ހުރި ގަޑިޔާތައްނަގައި އެ މަގު ހުސްކުރުމަށް ސިޓީ ކައުންސިލުން ފޮނުވި ނޮޓިސްގައި ބުނީ އެ ސަރަހައްދުގައި ހުރި ގާޑިޔާތައް ހުރި ސަރަހައްދަކީ ރަސްފަންނާ ގުޅާލަން ނިންމާފައިވާ ސަރަހައްދުގައި ހުރި ގަޑިޔާތަކެއް ކަމަށެވެ. އަަދި އެތަން ހުސްކުރަން މީގެ ކުރިން އަންގާފައިވާނެ ކަމަށްވެސް ނޯޓިސްގައި ބުނެފައިވެއެވެ.

މިހާރު އެ ގާޑިޔާތައް ހިންގަމުންދަނީ އެއްވެސް އެއްބަސްވުމެއްނެތި، ކައުންސިލުން ދޫކޮށްފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެ ގާޑިޔާތަކަކީ ގިނަ އަދަދެއްގެ ރައްޔިތުން ކެއިންބުއިމުގެ ހިދުމަތް ހޯދާ ތަންތަން ކަމަށާއި މިއަހަރު އޮގަސްތުމަހު ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ކުރިއަށްގެންދިޔަ ސާވޭއަކުން، އެ ގާޑިޔާތަކަކީ ސާފުތާހިރުކަން ކުޑަ ތަންތަންކަމަށް ފާހަގަކޮށްފައިވާކަމަށެވެ.

ގާޑިޔާތައް ބަންދުކުރަން ނޯޓިސް ފޮނުވީ ސާފުތާހިރުކަން ކުދަކަމަށް އެޗްޕީއޭގެ ސާވޭގައި ފާހަގަކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ސިޓީ ކައުންސިލުން ފޮނުވި ނޯޓިސްގައި ވަނީ މާދަމާގެ ނިޔަލަށް ގަޑިޔާތައް ނަގައި ސަރަހައްދު ސާފުކުރުމަށެވެ. އަދި އެ މުއްދަތުގައި ސާފުނުކުރާނަމަ ކައުންސިލުން އެތަން ސާފުކޮށް ކުނި މެނޭޖުކުރުމުގެ ގަވައިދުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ތަކެތި ނައްތާލާނެ ކަމަށެވެ.

comment ކޮމެންޓް