ސަރުކާރުގެ ބިލުތައް ސީދާ މަޖިލީހުން ޑްރާފްޓްކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރު ހުށަހަޅަން ތާވަލުކޮށްފައިވާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރަން ފަށައިފި އެވެ.

ބައެއް ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުންތަކުގައި ވަނީ ތާވަލުކޮށްފަ އެވެ.

ޑްރާފްޓް ކުރުމުގެ މަސައްކަތް ފެށުމަށް އެޖެންޑާ ކޮށްފައިވާ ބިލުތަކުގެ ތެރޭގައި އިގްތިސާދީ ކޮމިޓީއިން މިއަދު ވަނީ އިންކަމްް ޓެކްސް ނެގުމުގެ ބިލާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ހުރިހާ ބިލަކީވެސް ސަރުކާރުން މި ދައުރު ހުށަހަޅާނެ ކަމަށް ބުނެފައިވާ ބިލުތަކެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފަށަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުން އަދި އަމިއްލަ މެމްބަރުން ހުށަހަޅަން ޖެހޭ ބިލުތައް އުފެދިގެން އަންނާނީ މަޖިލީހުގެ ދާއިމީ ކޮމިޓީއިން ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލުތަކުގެ ވާހަކައެއް ފާހަގައެއް ނުކުރައްވަ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުން ސަރުކާރުން އަދި އެމްޑީޕީއިން ހުށަހަޅަން ނިންމާފައިވަނީ އެއް ބިލުތަކެއް ކަމަށެވެ. މަޖިލީހުގެ މި ދައުރުގައި އެމްޑީޕީއިން 20 ބިލެއް އަދި ސަރުކާރުން 34 ބިލެއް ހުށަހަޅާނެ ކަން މަޖިލީހަށް އަންގާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީއިން 20 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވޭ. އެއީ އެޖެންޑާ 19 ގެ ދަށުން މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅަން އެކުލަވާލެވޭ ބިލުތައް. އެމަސައްކަތްތައް އެނގިވަޑައިގަންނަވާނެ މިހާރު ކޮމިޓީތަކުގައި ވަނީ ފެށިފައި. ހަމައެއާ އެކީގައި ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލުތަކުގެ ލިސްޓެއް މިވަނީ މަޖިލީހުގެ އިދާރާއަށް ފޮނުވާފައި. އެ ލިސްޓުގައި އެބަވޭ 34 ބިލު. އެހެންނަމަވެސް އެމްޑީޕީއިން ހުށަހަޅަން ބޭނުންވާ ބިލުތަކާއި އަދި ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލުތަކާއި މިއީ ހަމަ ދާދި އެއް ބިލުތަކެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެކުރިން ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަނީ ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އެވެ. އަދި ޕާޓީ ފަރާތުން ނަމަވެސް އަދި ވަކިން މެންބަރެއް ނަމަވެސް ބިލު މަޖިލީހަށް ހުށަހަޅަނީ ޑްރާފްޓް ކުރުމަށް ފަހު އެވެ.

comment ކޮމެންޓް