ގޯލްޑެން ފުޓްސަލް ޗެލެންޖް: މާލޭ ޒޯނުގެ ޗެމްޕިއަން މާފަންނަށް، ރަނަރަޕަށް ހެންވޭރު

ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމު. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ މާފަންނުން --- ފޮޓޯ// ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނު ހޯދި މާފަންނާއި ރަނަރއަޕްކަން ހޯދި ހެންވޭރު ފައިނަލް ބުރަށް، ނުވަތަ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މާފަންނު ޗެމްޕިއަންކަން ކަށަވަރުކުރީ ހެންވޭރު ޓީމާ ދެކޮޅަށް ކުޅެ 3-3 އިން މެޗު އެއްވަރުކޮށްގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް މާފަންނު އަދި ހެންވޭރަށް ވަނީ ލިބިފައެވެ. މާފަންނު ޓީމަށް ޗެމްޕިއަންކަން ކަށަވަރުވީ ހެންވޭރަށް ވުރެ އެއް ގޯލު އިތުރަށް މުބާރާތުގައި ޖަހާފައި ވުމުންނެވެ.

މި ޒޯނުގެ ތިންވަނަ ލިބުނު ވިލިމާލެ ޓީމަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ހުޅުމާލެއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް އެ ދެ ޓީމުގެ ކުޅުންތެރިން ވަނީ ޒޯން އަށެއްގެ ވަކިވަކި ކުޅުންތެރިންގެ ތެރިންނަށް ދޭ އިނާމުތަކެއް ހާސިލް ކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހުޅުމާލެ ޓީމުގެ އަބްދުﷲ ޝާފިއު ހޯދިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވިލިމާލެ ޓީމުގެ ޝިޔާހް އަށެވެ.

ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމު ގަދަ 16 ގެ މެޗުގައި ވާދަކުރަން ޖެހޭނީ ޒޯން ހަތަރެއްގެ ރަނަރަޕް ޓީމާ އެވެ. ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މ. ދިއްގަރު ހޯދާފައިވާއިރު މާފަންނާ ދެކޮޅަށް ގަދަ 16 ގައި ނުކުންނާނީ މ. ނާލާފުށި ނުވަތަ އދ. އޮމަދޫއެވެ. ޒޯނު ރަނަރަޕް ހެންވޭރު ޓީމު ގަދަ 16 ގައި ނުކުންނަން ޖެހޭނީ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކާއެވެ. މިހާރު އޮތް ގޮތަށް ބަލާއިރު ޒޯނު ފަހެއްގެ ޗެމްޕިއަންކަން ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ތ. ތިމަރަފުއްޓެވެ.

ވާދަވެރި ގިނަ މެޗުތަކެއް މިހާތަނަށް މުބާރާތުގައި ކުޅެވިގެން ދިޔަ އިރު ޓީމުތައް އަންނަނީ ފައިނަލް ބުރަށް ތައްޔާރުވަމުންނެވެ. އެގޮތުން ޒޯނު ދޭއްގައި ވާދަކުރި ރ. އިނގުރައިދޫއާއި ޒޯނު ހައެއްގައި ވާދަކުރި ލ. ގަން އަދި އެ ޒޯނުގެ ގދ. ގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ވަނީ ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މިހާރު ނަތީޖާތައް ނުކުމެފައިވާ ގޮތަށް ބަލާއިރު ފައިނަލް ބުރުގައި ގަމާއި ދެކޮޅަށް ނުކުންނަން ޖެހޭނެ ކަމަށް ބެލެވެނީ ފ. ނިލަންދޫ އެވެ. ޒޯން ހައެއްގެ ރަނަރަޕް މަޑަވެލި ގަދަ 16 ގައި ވާދަކުރަން ޖެހޭނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ޒޯން ހަތެއްގެ ޗެމްޕިއަންކަން އޮޓަމެޓިކުން ލިބުނު މަރަދޫއާ އެވެ. މަރަދޫއަށް އެ ޒޯނުގެ ޗެމްޕިއަންކަން ލިބުނީ ފުވައްމުލަކުން މުބާރާތުގައި ބައިވެރިވެފައި ނުވާތީ އެވެ. އައްޑޫއިން ބައިވެރިވީ ހަމައެކަނި މަރަދޫ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވިއިރު މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ ފަހު މެޗުތަކެވެ.

comment ކޮމެންޓް