އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނަން: ޕާކިސްތާން

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ

ދައުޙާ (އޮކްޓޯބަރ 8) : ޕާކިސްތާނުގެ ދިފާއުގައި އެހެން ގޮތެއްނެތި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން މަޖުބޫރުވެއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ފަސް ނުޖެހޭ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

އަލްޖަޒީރާގެ "ލިޤާއުލްޔައުމު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވީ ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ އެއްވެސް ވައުދެއް ދުނިޔޭގެ އެއްވެސް ގައުމަކަށް މިހާތަނަށް ވެފައިނުވާނެ ކަމަށާއި ނިއުކްލިޔާ ހަތިޔާރު އުފައްދައި ނިއުކްލިޔާ ވަރުގަދަ އައްޑަނައެއް ޕާކިސްތާނުން ބިނާކޮށްފައި ވަނީ އަމިއްލަ ނަފްސުގެ ދިފާއުގައިކަމުގަ އެވެ.

ޤުރައިޝީ ވިދާޅުވީ، ކަޝްމީރުގެ އިންޑިޔާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރުގައި އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ނުތަވަސްކަން ބޮޑުވަމުންދާ ކަމަށާ ނިއުކްލިޔާ ހަތިޔާރު ހުރި ދެގައުމެއްގެ ދެމެދުގައި މިފަދަ ނުތަނަވަސްކަމެއް ހުރެ އެކަން ހައްލުނުވެ ދިގުލައިގެން ދިޔުމަކީ ބޮޑު ނުރައްކަލެއްކަމުގަ އެވެ. މިގޮތުން ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ، އެކަމުގެ ގެއްލުން ވާނީ އެ ދެގައުމަށާއި ދެކުނު އޭޝިޔާއަށް އެކަނި ނޫން ކަމަށާއި އެއަށް ވުރެ ދުރަށް ވެސް ނުވަތަ ދުނިޔޭގެ ބޮޑު ބައަކަށް އޭގެ ގެއްލުންވާނެ ކަމަށް ޤުރައިޝީ ވިދާޅުވި އެވެ. އަދި އެފަދަ ހަނގުރާމައެއް ދިގުލައިގެން ހިނގައްޖެ ނަމަ ނިއުކްލިޔާ ހަތިޔާރުގައި އަތްލާ ހިސާބަށް ކަންތައް ނުދާނެކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ވެސް ޤުރައިޝީ ވިދާޅުވި އެވެ.

ކަޝްމީރުގެ މައްސަލަ ހައްލުކުރުގެ ގާބިލުކަން ލިބިފައި ވަނީ މުއައްސަސާއެއްގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހަށާ އަދި ބޮޑު ބާރެއްގެ ހައިޘިއްޔަތުން އެމެރިކާއަށްކަން ފާހަގަކުރައްވަމުން ޖަންމޫ ކަޝްމީރުގައި އިންޑީއާ ހިންގާ އުދުވާނީ ހަރަކާތްތައް ކާރިޘާ އަކަށް ބަދަލުވުމުގެ ކުރިން އެދެ ފަރާތުން އެ މައްސަލަ ހައްލުކުރުގެ މަސައްކަތް ފަށަންޖެހޭނެ ކަމަށް ޤުރައިޝީ ވިދާޅުވި އެވެ.

އިންޑިއާ އިން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ 1970ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. އިންޑިއާ އާއި ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރުގެ ތަޖްރިބާތައް ކޮށްފައި ނިއުކްލިޔާ ހަތިޔާރު ހުރިކަން އިއްލާންކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. އިންޑިއާ އިން ނިއުކްލިޔާ ތަޖްރިބާ ކުރިތާ ހައެއްކަ ދުވަސްތެރޭގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާ ތަޖްރިބާކުރި ފެންވަރުގެ ނިއުކްލިޔާ ތަޖްރިބާތައް އެ އަދަދަށް ކޮށްފަ އެވެ. އިންޑިއާގައި މިހާރު 130 ނިއުކްލިޔާ ބޮން ހުރިއިރު އެތަކެތި ދުރަށް ފޮނުވައި ހަމަލާ ދިނުމަށް ބޭނުންވާ ދުރުރާސްތާގެ މިސައިލްތައް އިންޑިއާގައި އެބަހުއްޓެވެ.

ޕާކިސްތާނުގައި އިންޑިއާއަށް ވުރެ ނިއުކްލިޔާ ހަތިޔާރު ގިނަކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ޕާކިސްތާނުގައި 150 ނިއުކްލިޔާ ބޮން ހުރި އިރު އެތަކެތި ބޭނުންތަނަކަށް ފޮނުވާލުމަށް ބޭނުންވާ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލްތައް ޕާކިސްތާނުގައި ވެސް އެބަހުއްޓެވެ. އެހެންކަމުން އެދެގައުމަކީ ވެސް އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔާ މިސައިލްއާއި ކްރޫޒް މިސައިލް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ދެގައުމެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ ކަމަށްވާ ނިއުކްލިޔާ ނޮން ޕްލޮރިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގައި ސޮއިކުރުމަށް ދެކޮޅުހަދާ ދެގައުމެވެ. އިންޑިއާ އާއި ޕާކިސްތާންގެ އިތުރުން އެ އުމުއާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދާ އެހެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އެމެރިކާ، ޗައިނާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި އިސްރާއީލެވެ. މި ހަ ގައުމަކީ ވެސް ނިއުކްލިޔާ ހަތިޔާރު ގިނަ އަދަދަކަށްހުރި ގައުމުތަކެވެ.

އެމެރިކާގެ ސައެންސް އެޑްވާންސްމެންޓް ޖޯނަލް އިން ދާދިފަހުން ކުރި ދިރާސާއެއް ބުނާގޮތުން އިންޑިއާއި ޕާކިސްތާނުން އެއްގައު އަނެއްގައުމާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްފިނަމަ އެދެގައުމުން އެކަނިވެސް ވަގުތުން 125 މިލިޔަން މީހުން މަރުވާނެ އެވެ. އަދި އެތައް ސަތޭކަ މިލިޔަން ބަޔަކު ދިރިނޫޅެވޭ ވަރަށް ނިއުކްލިޔާ ރޭޑިއޭޝަންތައް ކަމަށްވާ އަލްފާ ބީޓާ އަދި ގެމާ ގެ އަސަރުކޮށް ޒަޚަމް ވެގެންދާނެ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް