އަދާލަތު ޕާޓީ ދެމިއޮންނަނީ ސަރުކާރާއެކު: އިމްރާން

އިމްރާން ރައީސް ސޯލިހާ ސަލާމް ކުރައްވަނީ: އަދާލަތު ޕާޓީ ދެމިއޮންނަނީ ސަރުކާރާއެކު ކަމަށް އިމްރާން ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްލާމް ދީން ނަގަހައްޓާނެތީވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ދެމިއޮންނާނީ، ސަރުކާރާއެކު ކަމަށް ހޯމް މިނިސްޓަރު އަދި އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ހުރި ބައެއް ވާހަކަތަކަކީ އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އެ ޖަމްއިއްޔާއާ ދެކޮޅަށް އަޑު އުފުލައި، ޖަމްއިއްޔާ އުވާލުމަށް ދަނީ ގޮވާލަމުނެވެ. އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިދިޔަ ހޮނިހިރު ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދެއްވާފައެވެ.

އަދާލާތު ޕާޓީ އަށް ނިސްބަތްވާ ދީނީ އިލްމުވެރިންވެސް އެމްޑީއެން އުވާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ރައީސް އިމްރާން މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިސްލާމް ދީނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރައީސް ސޯލިހް ނަގަހައްޓަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށެވެ. އެއީ އަދާލަތު ޕާޓީ ސަރުކާރުގައި ސާބިތުވެ، ދެމިއޮތުމުގެ ސަބަބު ކަމަށް އިމްރާން ވިދާޅުވިއެވެ.

"ދީނުގެ މަސްލަހަތު ނަގަހައްޓާ ގާނޫނުގެ ވެރިކަން ރައީސް ސޯލިހްގެ ސަރުކާރުން ދަމަހައްޓާނެ،" އިމްރާން ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް ސޯލިހް މިއަދު ނެރުނު ބަޔާނެއް ވިދާޅުވީ، އެމްޑީއެން ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އެ މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމުވެފައި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނު ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސްގެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް ސަރުކާރުން އެކަން ބަލަމުންދާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ 2016 ވަނަ އަހަރުވެސް އިސްލާމިކް މިނިސްޓްރީއަށް ބަޔަކު ހުށަހެޅި ކަމަށެވެ. އެ މައްސަލަ އޭރު ފޮރުވަން މަސައްކަތް ކުރިތީ ހިތާމަ ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާއި ގިނަ އިރުތަކެއް ވަންދެން ހޫނު ސިޔާސީ ބަހުސެއްވެސް ވަނީ ކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ.

comment ކޮމެންޓް