ޓޫރިޒަމްގެ ނަފާ ހުވަދޫ ރައްޔިތުންނަށް ހޯދައި ދިނުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ރައީސް ގއ. އަތޮޅު ކައުންސިލަރުން ރައީސްއާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޓޫރިޒަމްގެ ނަފާ ގއ. އަތޮޅުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ލިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގއ. އަތޮޅު ކައުންސިލަރުންނާއެކު މަޝްވަރާކޮށްފި އެވެ.

މިއަދު މެންދުރު ގއ. އަތޮޅު ކައުންސިލަރުން އެ ކައުންސިލަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް ސޯލިހާ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ކައުންސިލަރުން ވަނީ ޓޫރިޒަމްގެ ދާއިރާގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ލިބުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ދާދި ފަހަކާ ޖެހެން ފަތުރުވެރިކަމެއް ނެތް ހުވަދު އަތޮޅުގައި މިހާރުވެސް 10 ރިސޯޓު ދަނީ ހިންގަމުންނެވެ. އޭގެ ތެރެއިން ހަ ރިސޯޓު ހިންގަމުން އަންނަނީ ގއ. އަތޮލުގައެވެ.

ކައުންސިލަ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާކަންކަން ވެސް ކައުންސިލަރުން އެ ބައްދަލުވުމުގައި ރައީސް ސޯލިހާ ހިއްސާ ކުރިއެވެ. .

މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ރައީސް ސޯލިހާ ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށަށް އުމުރާނީގޮތުން ބޭނުންވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއާއި ބަނދަރާއި ބިން ހިއްކުމާ އަދި އަތޮޅުގެ ވަކިވަކި ރަށްރަށަށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ކައުންސިލަރުން ރައީސަށް ދެންނެވި އެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާކަންކަން ވެސް ކައުންސިލަރުން މި ބައްދަލުވުމުގައި ރައީސަށް ދެންނެވި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިރޭ "ސަން" އަށް ވިދާޅުވީ، އަތޮޅުގެ ތަރައްގީއާއި ހުރި މައްސަލަތަކާ ގުޅިގެން ވަރަށް ގިނަ ހުށަހެޅުންތަކެއް ރައީސް ސޯލިހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ، އެ ބައްދަލުވުމުގައި ރައީސްގެ ވިސްނުން ހުރީ ވަރަށް ފަހިިކޮށް ކަމަށެވެ. އަދި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ހުށަހެޅުންތަކަށް މާދަމާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިދާރީ ގޮތުން ދެ އަތޮަޅަށް ހިންގަމުން އަންނަ ހުވަދު އަތޮޅުގައި 199 ރަށް އޮންނަ އިރު، އެީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. ދުނިޔޭގެ ވެސް އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅުގެ އާބާދީ އަކީ، 32،491 މީހުންނެވެ. އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް ހިމެނޭއިރު، ނިސްބަތްވާ ރަށް ދޫކޮށް، ރަށުން ބޭރުގައި މަސައްކަތް ކުރާ އާބާދީއަކީ 12،024 އެވެ.

comment ކޮމެންޓް